ކޮންމެ ކަމެއްގައިވެސް މުސްލިމުން ޢަމަލުކުރަންވީ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ކީރިތި ޤްރްއާނާއި ސުންނަތުންނެވެ. މައްސަލައަކީ އެކަންކަން އުނގެނެން މަސައްކަތް ނުކުރެވޭ ކަމެވެ. ނިކަންވިސްނައިލަބަލާށެވެ!
ތިމާއަށް ލިބިފައިވާ އުފާވެރިކަން ގެއްލިއްޖެ ނަމަ ދެރަވެ ހިތާމަކުރަން ވަގުތު ހޭދަނުކޮށް ތައުބާވެ އިސްތިޣްފާރުކުރުން ގިނަކުރާށެވެ. އާދަމަގެފާނާއި ހައްވާގެފާނަށް ކުށެއް ކުރެއްވެވިއްޖެކަން އެނގިވަޑައިގަތުމުން ވަގުތުން ތައުބާވެވަޑައިގެން ފާފަ ފުއްސަވައި ދެއްވެވުމަށް އެދިވަޑައިގެންނެވި ކަމުގެ ވާހަކަ ކީރިތި ޤްރުއާނުގެ ކިތައް ތަނުގައި ބަޔާން ކުރައްވަވާފައިވާކަން އެނގޭ ހެއްޔެވެ؟
ކީރިތި ޤްރައާން ބަލައި ދިރާސާކުރާށެވެ! ތަފާތު 10 ތަނަކުން ފެންނާނެއެވެ. މިހައި ގިނަ ތަންތަނުގައި އެވާހަކަތައް ބަޔާން ކުރއްވަވާފައި އެވަނީ ކީއްވެގެން ހެއްޔެވެ؟ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. އެކަމަށް (ފާފައެއް ކުރެވުމުން އަވަހަށް ތައުބާވުމަށް) ﷲ ތަޢާލާ ލޯބިކުރައްވަވާ މިންވަރު ހަމަ ބޮޑުކަމުންނެވެ.
އިބިލީހުގެ ފަރާތަށް ވިސްނައިލަބަލާށެވެ! އާދަމްގެފާނަށް ސަޖިދަކުރަން އެންގެވުމުން އެކަމަށް އިންކާރުކޮށް ދެކޮޅު ހެދުމަކީ ކުށެއްކަން އެނގުމުން އޭނާ ބޭނުންވީ ތައުބާވުމަކަށް ނޫނެވެ. އޭނާގެ ބަހަކީ "އާދަމްގެ ދަރިފަސްކޮޅު އެކުގައި ގޮވައިގެން ނަރަކައަށް ދާނެ" ކަމަށެވެ. އެގޮތަށް އެކަން ނުކުރެވޭނެ ކަމާއި އިބިލީހާއިއެކު ނަރަކައަށް ގެންދެވޭނީ ﷲ ތަޢާލާއަށް އުރެދުނު ބައަކުކަމުގައި ވަޙީ ކުރެއްވެވީ ﷲ ތަޢާލާއެވެ. އެހެންކަމުން ކުށެއް ކުރެވިއްޖެނަމަ ވަގުތުން ތައުބާވާ މީހުން ވެގެންދާނީ އާދަމގެފާނު އަމަލުކުރެއްވެވި ގޮތަށް އަމަލުކުރާ މީހުންގެ ތެރެއިންނެވެ. ތައުބާނުވެ ލަސްކޮށް ފާފަކުރުންމަތީގައި ދެމިހުންނަނަމަ އެމީހަކު އެހެރީ އިބިލީހުގެ މަގުގައި އިބިލީހާއިއެކުގައެވެ.
ވިސްނާށެވެ! މިއީ ފާއެއް ކުރެވުމުން ވަގުތުން ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢަލާއަށް ދަންނަވާ މީހާ އާއި ތައުބާ ނުވެ ފާފަކުރުނަމަތީގައި ދެމިހުންނަ މީހާ އާއި ދެމީހުންގެ ހުރި ތަފާތެވެ. ވީމާ ތައުބާ ނުވެ ހުރުމުގެ ނުބައިކަން ބޮޑުކަން މިވަރުންވެސް އެނގިގެންދެއެވެ.
ފާފަކުރެވި ތައުބާ ނުވެ ހުންނަނަމަ އެމީހަކާއި ﷲ ތަޢަލާ އާއި ދެމެދު ދާނީ ދުރުކަން އުފެދެމުންނެވެ. އާޚިރު ނަތީޖާއަކަށްވާނީ ދެމެދުގައި އުސް ފާރެއް ލެވުމެވެ. އަވަސް އަވަހަށް ތައުބާވާން ޖެހެނީ އެކަމުން ސަލާމަތްވުމަށެވެ. އަހަރެމެން އަބަދުވެސް މަސައްކަތް ކުރަންވާނީ ﷲ ތަޢާލާ އާއި ވީހައި ބޮޑަށް ކުއްތަން ވުމަށެވެ. ޒައްރެއްގެ މިންވަރުންވެސް ދުރުނުވާނެ ގޮތަށް ކަންތައްތައް ކުރުމަށެވެ.
ކޮންމެ ދުވަހަކުވެސް ގިނަގިނައިން އަސްތަޣްފާރުކުރާ މީހާއަށް އުފާވެރިކަން ދެއްވަވާނެތެވެ! އެކަމަށް ﷲ ތަޢާލާ އިންތިހާއަށް ލޯބިވެވޮޑިގެން ނުވާނަމަ ފަށަމުން މިބުނި ފަދައިން އާދަމްގެފާނު ތައުބާވެވަޑައިގެްނނެވިކަމުގ ވާހަކަ އެހައި ގިނައިން ވަޙީކުރައްވަވަފައެއް ނުވީހެވެ! ---މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން