އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތަކުގެ ވާހަކަ އެންމެ މަދުން ދައްކައިގެން ސުވަރުގެ ހޯދޭނެ ގޮތެއް ނުވިސްނޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތަކުގެ ވާހަކަ އެންމެ މަދުން ދައްކައިގެން ސުވަރުގެ ހޯދޭނެ ގޮތެއް ނުވިސްނޭ!

އެންމެ ގިނައިން މީސްތަކުން މިހާރު ދައްކައި އުޅެނީ ކޮންކަމެއްގެ ވާހަކަކަން ދިރާސާކޮށްފިނަމަ އެނގޭނެކަމަކީ އެއީ ތަނަވަސްކަމުގެ ވާހަކަކަމެވެ. ތަނަވަސްކަން އިތުރުކުރާނެ ގޮތުގެ ވާހަކަ ކަމެވެ. ނަމަވެސް ޞަޙާބީންގެ ޒަމާނުގައިވެސް އަދި ތާބިއީންގެ ޒަމާނުގައިވެސް އެކަން އޮތީ އެގޮތަކަށް ނޫނެވެ. އެބޭކަލުން ދައްކަވައި އުޅުއްވެވީ މުޅިން ތަފާތު ވާހަކައެކެވެ.

އިސްލާމް ދީން ފެށިގެން އައި ދުވަސްވަރު، ޞަޙާބީންގެ ޒަމާނުގައި އެބޭކަލުން އެންމެ ގިނައިން ދައްކަވައި އުޅުއްވެވީ މަރުވުމުގެ ވާހަކަތަކެވެ. ޢާޚިރަތް ދުވަހުން ސަލާމަތް ވެވޭނެ ކަމާއިމެދު ބިރުވެތިވެވަޑައިގަންނަވާ ކަމުގެ ވާހަކަތަކެވެ. ﷲ ތައާލާ ރުހިވޮޑިނުގަންނަވައިފިނަމަ ޖެހޭނެ ޙާލުގެ ވާހަކައެވެ.

އެކަމުން އެނގިގެންދަނީ އެބޭކަލުންގެ ހިތްޕުޅުގައި ނަރަކައަށް އޮތް ބޮޑު ބިރުވެރިކަމެވެ. ސުވަރުގެ ލިބިވަޑައިގަތުމަށް އެދިވަޑައިގެން ތިއްބެވި މިންވަރެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިވަޑައި ނުގެންފާނެކަމަށް ކަންބޮޑުވެވަޑައިގެންނެވި މިންވަރެވެ.

އާޚިރަތް ދުވަހުގެ ސަލާމަތްކަމަށް އެދޭނަމަ ގިނަގިނައިން މަރުގެ ވާހަކަދައްކަން ޖެހޭނެއެވެ. މަރުވުމުން ދެން ކަންތައްތައް ވެދާނެ ގޮތުގެ ވާހަކަތައް ދައްކަންވާނެއެވެ. ކޮންމެ ވަގުތަކު ނަމަވެސް މަރާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރުވެރިކަން ހިތުގައި ބާއްވަންވާނެއެވެ! ތިމާ ދުނިޔޭގައި ހުރެ ކުޅަ އަމަލުތައް މީޒާނުގައި ކިރައިލެވޭނެ ވަގުތު ކަންތައްތައް މެދުވެރިވެދާނެ ކަމާއިމެދު އަބަދުވެސް ހުންނަންވާނީ ބިރުންނެވެ. އެ ބިރުވެރިކަން ހިތަށް ނުގެންނަ މީހަކީ ސަލާމަތް ކަން ލިބުމާއި ދުރު މީހެއްކަމަށް ބުނެވިދާނެއެވެ! އެހެނީ އެފަދަ މީހުންގެ ޢަމަލުތައް ގިނައިން ހުންނާނީ ﷲ ތަޢާލާ އަންގަވާއިވާ ގޮތާއި ދުރުގައިކަމަށްވާތީއެވެ!

ދުނިޔެއަށް އާދެވުމަށްފަހު އެންމެ ޔަޤީންކަން ބޮޑުވުން ކަމަކީ މަރުވާނެކަން ނަމަވެސް އެކަމުގެ ވާހަކަތައް ދައްކަން ބޭނުންނުވާ މީހުން ވަރަށްގިނައެވެ. ހަމައެކަނި ވަރަށް ގިނައީ އަކީއެއް ވެސް ނޫނެވެ. މަރުވުމުގެ ވާހަކަތައް ދައްކަން ބޭނުންވަނީ ވަރަށް މަދު މީހެކެވެ. ދައްކަނީ ވަރަށް މަދު މީހެކެވެ.

މިހެން މިކަން މެދުވެރިވާ ފުރަތަމަ ސަބަބަކީ ދުނިޔެއާއިމެދު ޣާފިލުވެވިފައި ތިބޭވަރު ބޮޑުކަމުންނެވެ. އަވަހަކަށް މަރުނުވާނެ ކަމަށް އޮންނަ ޔަޤީންކަން ބޮޑުކަމުންނެވެ. ދެވަނަ ސަބަބަކީ ތިމާއަށް ދިރިއުޅެވެމުން މިގެންދެވެނީ މަރަށް ތައްޔާރުވާން ކުރަން ޖެހޭ ކަންކަން ނުކުރެވިކަން ތިމާއަށް ޤަބޫލުކުރެވޭތީއެވެ. އަމަލުތައް އިޞްލާޙް ކުރުމަށްފަހު ދައްކަން މަޑުކުރެވޭތީއެވެ.

ތިންވަނަ ސަބަބެއްވެސް އޮވެއެވެ. އެއީ މަރުގެ ވާހަކަ ދެއްކުމުން އަނެކާގެ ހިތަށް ބިރުވެރިކަން ވަދެ އެމީހާގެ ކިބައިން ތިމާ ޙާޞިލުކުރަން ބޭނުންވާ ކަންތައްތަކެއް ޙާޞިލު ނުކުރެވިދާނެ ކަމުގެ ބިރު އޮތުމުންނެވެ. މާނައަކީ ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަންތައްތަކެއް އަނެކާގެ ކިބައިން ޙާޞިލުކުރުމަށް އެދެވޭތީއެވެ. މި މައްސަލަ ނުވަތަ މި ދަހިވެތިކަން އެންމެ ބޮޑަށް އޮންނަނީ ކައިވެންޏާއި ނުލައި ލޯބިވެރިންގެ ނަމުގައި އެކުގައި އުޅޭ ޒުވާނުންގެ މެދުގައެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސްކުން

މިއަދު އޮންލައިން