ކެއިންބުއިމާ އެއްދާންކުރުންވެސް ހިމެނޭގޮތަށް ކުރާ ކޮންމެ ކަމަކީވެސް ޘަވާބު ދެއްވަވާ ކަމަކަށް ހެދެން އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 31ސ
ކެއިންބުއިމާ އެއްދާންކުރުންވެސް ހިމެނޭގޮތަށް ކުރާ ކޮންމެ ކަމަކީވެސް ޘަވާބު ދެއްވަވާ ކަމަކަށް ހެދެން އެބައޮތް!

އަޅުކަމުގެ މާނައަށް ބަލައިފިނަމަ އެއީ ހެޔޮ ޢަމަލެވެ. ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކޮންމެ ކަމަކީވެސް ހެޔޮ ޢަމަލެކެވެ. ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކުރާ ކޮންމެ ކަމަކަށްވެސް ޘަވާބު ދެއްވަވާނެތެވެ.

ކުރާ ކޮންމެ ޢަމަލަކީ ޘަވާބުލިބޭނެ ޢަމަލަކަށް ހެދުމުގެ ވާހަކަ ދައްކާއިރަށް ގިނަބައަކަށް ހީކުރެވެނީ އެދައްކަނީ އަބަދު މިސްކިތުގައި ނުވަތަ މުސައްލަމަތީގައި އަޅުކަންކުރަން އިންނަ ޥާހަކަ ކަމަށެވެ. އެހެންވެ މަސައްކަތްމިކުރަނީ އެބަހުގެ މާނަ ވިސްނައިދެވޭތޯއެވެ!

ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި މީސްތަކުން ސުވަރުގެ ވެއްދެވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރަށް ނިކަން ވިސްނައިލަބަލާށެވެ! ކުރާ ކޮންމެ އަމަލަކީ ޘަވާބު ލިބޭ އަމަލެއް ކަމަށް ހެދޭނެ މަގު ވަނީ ލައްވަވައިފައެވެ. އެއީ ކެއިން ބުއިމުން ނަމަވެސް އަނބިމީހާގެ ކިބައިން އުފާ ހާޞިލުކުރުން ނަމަވެސް އެވެ. ނިދުން ނަމަވެސް އެވެ.

މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ކުރާ ކޮންމެ އަމަލަކީ ސަވާބު ލިބޭނެ އަމަލެއް ކަމުގައި ﷲ ތަޢާލާ ވަނީ ލައްވަވައިފައެވެ. ހަމައެކަނި ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާ ބަޔާންކުރައްވަވައި އަންގަވާފައިވާ ގޮތަށް ކޮންމެ ކަމެއްވެސް ކުރުމެވެ.

ނިކަން ވިސްނައިބަލާށެވެ!

މިފަދަ ބޮޑު ނިޢްމަތެއް ﷲ ތަޢާލާ ދެއްވަވާފައި މިވަނީ މީސްތަކުންނަށް ސުވަރުގެ ވަދެވޭނެ މަގު ވީހައި ބޮޑަށް ފަހިކޮށްދެއްވެވުމަށް ކަމާއިމެދު ވިސްނައިލި ނަމަވެސް ހިތްތައް ޝުކުރުން ފުރިގެން ނުދާންވީ ކީއްވެގެން ހެއްޔެވެ؟

ކެއިން ބުއިމަކީ ދިރިހުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ގޮތުގައި ކާބޯ ތަކެތި ހޯދައި ހުއްދަ ކުރައްވަވާފައިވާ ތަކެތި ﷲ ތައާލާ އަންގަވާފައިވާ ގޮތަށް އަދި އަންގަވާފައިވާ މިނަށް ކައި ބޮއި ހެދުމުން އެދަނީ ސަވާބު ލިބެމުންނެވެ. ފެން ބުއިމުގައިވެސް އޮތީ ހަމަ މިގޮތެވެ.

ނިކަން ވިސްނައިބަލާށެވެ!

މާމުޔާއި ޒައިތޫނި ފަދަ ތަކެއްޗަކީ ސުންނަތުން ފެންނަން ހުރި ރަނގަޅު ކާބޯ ތަކެއްޗެވެ. ޑޮކްޓަރުން މިއަދު އެދައްކަނީ އެތަކެތި ކެއުމުން ލިބޭނެ ފައިދާގެ ވާހަކައެވެ. ވީމާ ހަސިގަނޑަށް އެންމެ ފައިދާކުރާނެ ކާބޯތަކެތިވެސް ފެންނަން މިއޮތީ ހަމަ އިސްލާމް ދީނުގެ ތެރެއިންނެވެ.

ޖިންސީ ގުޅުން ހިންގުމަކީ ޞިއްހަތު ސަލާމަތުން ހުރި ކޮންމެ މީހަކު ކުރަން އެންމެ ބޭނުންވާ އެއް ކަންތަކެވެ. އެކަންވެސް ކައިވެނިކޮށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ކުރުމުން އެދަނީ ހަމަ އަޅުކަމަކަށްވެ ޘަވާބު ލިބެމުންނެވެ.

"އަހަރެން އަބަދު އަޅުކަމުގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟ ދިރިއުޅެން މަސައްކަތްކުރަންވެސް ޖެހެއެވެ. ޢާއިލާ ބަލަހައްޓަން ޖެހެއެވެ. އަނބިދަރިންނަށް ކާން ބޯން ޑޭންވެސް ޖެހެއެވެ. ވީއިރު އަބަދު ނަމާދުކުރުމާއި ކީރިތި ޤްރުއާން ކިޔެވުމުގައި އިންނާނީ ކިހިނަކުން ހެއްޔެވެ؟" މިއީ ވަރަށް ގިނަ މީހުން ކުރާ ސުވާލުތަކެކެވެ. މި ހުރިހާ ސުވާލުތަކެއްގެ ޖަވާބުވެސް ވަރަށް ސާފެވެ. އަޅުކަން ކުރުމަށްޓަކައި އަބަދު ނަމާދުކުރާކަށް ނުޖެހެއެވެ. ފަރުޟާއި ސުންނަތް ކޮށްލުމުން ނިމުނީއެވެ. ސުންނަތް އިތުރުކުރަންވީ ވަގުވާވަރަކުންނެވެ. ހަމައެފަދައިން އަބަދު ކީރިތި ޤްރުއާން ކިޔަވަން އިންނާކަށްވެސް ނުޖެހެއެވެ.

ހަމައެއާއިއެކު ދިރިއުޅެން މަސައްކަތް ކުރުމަކީވެސް ސަވާބު ލިބޭ ކަމެކެވެ. ހަމައެކަނި ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި މަސައްކަތްތައް ކުރުމާއި އިޚްލާޞްތެރިކަމާއިއެކު މަސައްކަތް ކުރުމެވެ. އެދަނީ ސަވާބު ލިބެމުންނެވެ. މިކަންކަނަ މިގޮތަށް ހަމަޖައްސަވައި ދެއްވަވާފައި މިވަނީ ހަމަ މީސްތަކުންނަށްޓަކައެވެ. ކުރާ ކޮންމެ ކަމަކުން ސަވާބު ލިބޭނެ ގޮތް ހައްދަވައި ދެއްވެވުމަށްޓަކައެވެ.

އަނބިދަރިން ބެލެހެއްޓުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކަންވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރުމުން އެދަނީ ސަވާބު ލިބެމުންނެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީވެސް ސުވަރުގެ ވަދެވޭނެ އަޅުކަމެކެވެ. މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ އެމީހާގެ އަނބިމީހާއަށް އެންމެ ހެޔޮ، އޯގާތެރި މީހާ ކަމުގައި ބަޔާންކުރައްވަވާފައި އޮތުމުން އެ އަޅުކަމުގެ މުހިންމު ކަމާއި އެ އަޅުކަމުން ލިބޭނެ ފައިދާ އެއޮތީ ފެންނާށެވެ!

އިސްލާމް ދީނަކީ އެންމެ މަތިވެރި، އެންމެ ދީލަތިވަންތަ، އެންމެ އޯގާތެރިވަންތަ ﷲ ތަޢާލާ ބާވައިލެއްވެވި އެ އިލާހުގެ ދީނެވެ. އެހެންކަމުން އެދީނުގައި ހިފަހައްޓައިގެން ކުރިއަށް ދާން ބޭނުންވާ ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ވަނީ ވަރަށް ގިނަ ލުއިފަސޭހަ ގޮތްތަކެއް މެދުވެރި ކުރައްވަވައިފައެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން