ދަރިފުޅު ފިލާވަޅު ދަސްކުރާވަރު ބައްޕަ ނުބަލައި ރަނގަޅު ނަތީޖާ ހޯދޭނެކަމަށް ބަލައި ދަރިން ކުށްވެރިކޮށްގެން ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 18ސ
ދަރިފުޅު ފިލާވަޅު ދަސްކުރާވަރު ބައްޕަ ނުބަލައި ރަނގަޅު ނަތީޖާ ހޯދޭނެކަމަށް ބަލައި ދަރިން ކުށްވެރިކޮށްގެން ނުވާނެ!

"އަޅުގަނޑުގެ ދަރިފުޅަކީ ކިޔެވުމާ ތަންކޮޅެއް ދުރު ކުއްޖެކެވެ. ފިލާވަޅު ދަސްކުރަން އިށީންނާނީވެސް ބައްޕަ ބުނެފިނަމައެވެ. އެއީ ކީއްވެގެންކަމެއް ނުއެނގެއެވެ. އެހެންވެ ގެއަށް ނައުދެވޭ ވަޤުތުތަކުގައި ފޯނުން ބުނެލަން އެދުނަސް އެކަންވެސް އޮންނަނީ ނުވެފައެވެ. އެހެންވެ ވަރަށް ކަންބޮޑުވެއެވެ."

ކިޔުންތެރިޔާގެ ކަންބޮޑުވުމަކީ ގިނަ ބައަކަށް ކުރިމަތިވާ މައްސަލައެކެވެ. އެެހންވެ މިގެނެސްދެނީ ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ

ބައިންބަފައިން ބޭނުންވާނީ ދަރިންނަށް ވީހާ ރަނގަޅު ނަތީޖާއެއް ލިބުމަށެވެ. އެކަމުގައި އެއްވެސް މައްސަލައެއް އޮތީއެއް ނޫނެވެ. މައްސަލައަކަށްވަނީ މައިންބަފައިންގެ ދައުރެވެ. ވަކިން ޚާއްޞަކޮށް ބައްޕަގެ ދައުރެވެ.

ދަރިން ހޯދާ ނަތީޖާއަށް ކަންބޮޑުވުމުގެ ކުރިން ވިސްނައިލާށެވެ! ރަނގަޅު ނަތީޖާ ހޯދައިދޭން ތިބާކުރީ ކޮންކަމެއް ހެއްޔެވެ؟ ތިބާ އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލިންހެއްޔެވެ؟ މިހެން މިބުނަނީ ބައްޕައަކު ދަރިފުޅުގެ ކިޔެވުމުގެ ކަންކަން އެއްވެސް ވަރަކަށް ބަލާކަން ދަރިފުޅަށް އެނގޭނަމަވެސް ދަރިފުޅު ކިޔަވަން އިތުރަށް މަސައްކަތްކުރާކަން ދިރާސާތަކުން އެނގޭތީއެވެ!

ދިރާސާތަކުން ފެންނަ ގޮތުގައި ހޯމްވޯކްތައް ޤަވާއިދުން ހަދައެވެ. ބައްޕަ ދަރިފުޅުގެ ކިޔެވުމުގެ ކަންކަން ބަލާ ކުދިން ކިޔަވަން މަސައްކަތް ކުރާ މިންވަރު އިތުރުވެ ހޯދާ ނަތީޖާވެސް މާރަނގަޅެވެ. އަދި މިކަންކަމަކީ މުޅި ދުނިޔެވެސް ތަޖުރިބާ ކުރަމުން އަންނަ ކަންމެކެވެ.

ދަރިން ކިޔަވަން ޚަރަދުކުރުމަކުން އަދި ނުފުދެއެވެ. ޚަރަދުކުރުމަކީ ދަރިފުޅަށް ކިޔަވައިދިނުމުގެ ހުރިހާ ކަމެއް ކަމަށް ނުދެކޭށެވެ. ޚަރަދުކުރުމަކީ ހަމަ ވަރަށް ރަނގަޅުކަމެކެވެ. ކޮންމެހެން ކުރަންޖެހޭނެވެސް ކަމެކެވެ. ހަމަ އެއާއިއެކު ދަރިފުޅު ކިޔަވާ މިންވަރު ބަލައި ކިޔަވަން ހިތްވަރު ދިނުމަކީ ވެސް ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ދަރިފުޅަކީ މޮޅު ކުއްޖަކަށް ހެދޭނީ މިދެކަންތައްވެސް އެކުގައި ކޮށްގެންނެވެ.

ބައެއް ބައްޕައިން ވަރަށް ފަސޭހަކަމާއިއެކު ބުނެލައެވެ. ދަރިންނަށް ކަމެއް ބުނަލަދޭނެ ހަމަ އެއްވެސް ވަގުތެއް ނުވެއެވެ. މާ މަސައްކަތް ބުރައީއެވެ. ނަމަވެސް މިއީ ރަނގަޅު ވާހަކައެއް ނޫނެވެ.

މަސައްކަތް ބުރަވަނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެވެސް މަސައްކަތްތަކެއް ކުރާތީ ނޫން ހެއްޔެވެ؟ އެކަންކަން ކުރަން ވަގުތު އޮވެފައި ދަރިންނަށް ކަމެއް ބުނެދޭނެ ވަގުތު ނުއޮންނަންވީ ކީއްވެގެން ހެއްޔެވެ؟ ދިރިއުޅެން ކުރަން ޖެހޭ މަސައްކަތް ކިތަންމެ ބުރަ ނަމަވެސް ދަރިންގެ ކަންކަމުގައި އިހްމާލެއް ނުވެވޭނެއެވެ. އެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭނެއިރު އެހެން މަސައްކަތްތަކުގައި ބުރަވީ ކަމަށް ދަންނަވައި އުޒުރު ދެއްކޭނެ ކަމަށް ހީނުކުރާށެވެ!

ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ދަރިންގެ ކަންކަން ކުރުމަކީވެސް ޒިންމާއެއް ކަމަށް ދެކޭ މީހާއަށް އެކަމަށް ވަގުތު ހޯދޭނެއެވެ. އެކަން ރާވަން އެނގެން ޖެހޭނެއެވެ. މައްސަލައަކަށް ވަނީ ދަރިންގެ ކަންކަމަކީ ދެވަނަ މަސައްކަތެއްކަމަށް ޤަބޫލުކުރެވޭތީއެވެ. ނޫނީ ކޮންމެ ދުވަހަކު ނަމަވެސް ކޮންމެވެސް ވަގުތަކުން ނަމަވެސް ކޮށްލެވިދާނެ ކަމަށް ޤަބޫލުކުރެވޭތީއެވެ. މައިމީހާ އެކަންކަން ބަލާނެ ކަމަށް ނިންމޭތީއެވެ. މަންމަ އެކަންކަން ބެލި ނަމަވެސް ދަރިންގެ ކަންކަން ބެލުމަކީ ބައްޕަގެ މަސްއޫލިއްޔަތެކެވެ. ރެކި ނުގަނެވޭނެ މަސްއޫލިއްޔަތެކެވެ.

ދެވަނަ މައްސަލައަކަށްވަނީ ތިމާގެ ކިބައިގައި ދަރިންނާއި ސުވާލުކުރާނެ ފެންވަރު ނެތްކަމަށް ޤަބޫލުކުރުމެވެ. ފެންވަރުވެސް ހުންނާނެއެވެ. ދަރިފުޅު ކިޔަވަން ގެންގުޅޭ ފޮތް ނިކަން ބަލައިލްބަލާށެވެ! ހިތުދަސްކުރަންޖެހޭ ފިލާވަޅުތައް ފެންނާނެއެވެ. އެ ފިލާވަޅުތައް ކިޔައިދޭށޭ ބުނުމަށްފަހު ދަރިފުޅު ކިޔައިދެނީ ރަނގަޅަށްތޯ ނުބެލެންވީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެއާއިއެކު ދަރިފުޅަށް ނަގައިދީފައިވާ ފިލާވަޅެއް އަމިއްލައަށް ކިޔައިލާށެވެ. އެއަށްފަހު ކޮންމެވެސް ސުވާލެއް ކޮށްލާށެވެ! ދޭ ޖަވާބު ފިލާވަލާއި ދިމާވާކަން ބަލައި ނުލެވެންވީ ކީއްވެގެން ހެއްޔެވެ؟ ލިޔަން ކިޔަން ދަންނަ ނަމަ މިބުނިވަރު ނުކުރެވޭނީ ކޮން ބައްޕައަކަށް ހެއްޔެވެ؟

ވީމާ ކޮންމެ ބައްޕައަކުވެސް އެމީހަކަށް ވެވުނު ވަރަކުން ދަރިފުޅުގެ ކިޔެވުމުގެ ކަންކަން ބަލާށެވެ! އެއީ ތިބާ އަދާކުރަންޖެހޭ ވާޖިބެއްކަމަށް ޤަބޫލުކުރީމާ ވަގުތުވެސް ވާނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން