"ކިތަންމެ ގާތް މީހަކުނަމަވެސް ކުށްކުރީމާ އެކަމުގެ އަދަބު ލިބެންޖެހޭ. އަދި ކިތަންމެ ރުޅިއަރާ މީހަކާއިމެދުގައިވެސް ޙައްޤުނޫން ބަހެއް ބުނެގެން ނުވާނެ. ދުނިޔަވީ މަންފާއަކަށްޓަކައި ޙަޤީޤަތް އޮޅޭގޮތަށް ވަކާލާތުކުރުމަކީ ޚިޔާނާތެއް!"
"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޢަދުލު އިންޞާފު ޤާއިމް ކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) ﷲއަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަޤީރަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، ﷲ، އައުލާ ކަން ބޮޑެވެ. ތިޔަބައިމީހުން ޢަދުލުވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބަޢަ ނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
(އައްނިސާ: 135)
"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށްޓަކައި އެކަލާނގެ ޙައްޤުތައް ފުރިހަމަޔަށް ޤާއިމް ކުރާ، އަދި ޢަދުލަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ! އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! އެގޮތް ތަޤްވާވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުންކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
(އަލް މާއިދާ: 8)
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ވަކާލާތުކުރުމަކީ ހަމައެކަނި ކޯޓުތަކުގައި ވަކާލާތުކުރުމެއް ނޫނެވެ. އިސްލާމް ދީނުގައި ހުއްދަ ނޫން ކަންކަން ހުއްދަކުރަން ފަތުވާތީ ހުއްދަ ނޫންކަންކަން ހުއްދަވާ ކަމަށް ޙުއްޖަތް ދެއްކުމަކީވެސް ވަކާލާތުކުރުމެވެ. އެއީ ވެރިކަމުގެ ފަރާތުން ކުރާކަމެއް ނަމަވެސްމެއެވެ.