އޭނާގެ 3 ދަރިން ތިބެއެވެ. 3 ދަރިންވެސް ދިރިއުޅެނީ އަމިއްލަ ދިރިއުޅުމެވެ. މިބުނަނީ ގެއިން ނުކުމެ ވަކިން ދިރިއުޅޭ ވާހަކައެވެ. މަންމަ ދިރިއުޅެނީ މަންމަގެ ގޭގައެވެ. ފިރިމީހާއަށް ރަނގަޅު މުސާރައެއް ލިބޭތީ ދަރިންގެ ކިބައިން މާލީ އެހީތެރިކަމަކަށް ނުއެދެއެވެ.
އަތްމަތިދަތިކަން ކުރިމަތިވީ ފިރިމީހާ ބަލިވުމުންނެވެ. ދެން ހަދާނެ ގޮތެއް ނެތުމުން ދޮށީ ދެދަރިންނަށް ފޯނުކުރިއެވެ. 2 ދުވަސްވަންދެން ގުޅުމުންވެސް ގުޅޭނެ ގޮތެއް ނުވުމުން ވަރަށް ބޮޑަށް ނާއުންމީދުވިއެވެ. އެހެންވެ އެންމެ ހަގުދަރިފުޅަށް ގުޅުމުގެ ބަދަލުގައި ދިއައީ ބައްދަލުކުރާށެވެ.
ދެމަފިރިން މަންމައަށް މަރުޙަބާކިޔެވެ. ހެޔޮކޮށް ހިތިއެވެ. ދަރިފުޅުގެ ގާތަށް ދާންޖެހުނު ސަބަބު ކިޔައިދިނުމުން ދަރިފުޅު ބުނީ ބޮޑު ކުއްޔެއް ދަކަންޖެހޭތީ އަތުގައި ފައިސާ ނެތުމުން މާގިނަ ފައިށާ ދެވެން ނެތްކަމަށެވެ. އެހެންބުނެފައި 500 ރުފިޔާ ދިނުމުން އަނބިމީހާ ތެދުވެގެން ދިއައެވެ.
އޭނާ ތެދުވެގެން ދިއުމުން މަންމައަށް ހީވީ އެކަމަށް ނުރުހިގެން ދިއައީކަމަށެވެ. އެހެންވެ ނުރުހުމުގެ ބަސްތަކެއް ބުނެވުނުތަނާ އަނބިމީހާ އައިސް ބުންޏެވެ. "މަންމާއެވެ. މިއީ ކަމަކު އެދިގެން މަންމަ އައި ފުރަތަމަ ފަހަރެވެ. އަހަރެންގެ އަތަކުވެސް މާގިނަ ފައިސާއެއް ނެތެވެ. އެކަމަކު އަހުރެންގެ މަންމައަށް ކަމެއްކޮށްދޭންވެގެން އެއްކޮށްފައި ހުރި ފައިސާކޮޅެއް އެބަހުއްޓެވެ. މިއޮތީ 3000 ރުފިޔާއެވެ. މަންމަ ގެންދާށެވެ. އަހުރެންގެ މަންމަގެ ކަންތައް ފަހުން ކޮށްދޭނީއެވެ. އިން ޝާ ﷲ"
މަންމައަށް ވަޤުތުން ރޮވުނެވެ. ވީދެރައިންނެވެ. ގަތްލަދުންނެވެ.
މިވާހަކަ މިއަދުނޫހަށް ޙިއްޞާމިކުރީ މިފަދަ މައިދައިތައިންނަށް ފިލާވަޅަކަށެވެ. ގިނަފަހަރަށް ޅީދަރިންނަށް ނަފްރަތުކުރެވެނީ ކުރެވޭ ޝައްކުގެ މައްޗަށެވެ. ތިމާއަށް ވިސްނެނީ އެންމެ ރަނގަޅަށް ކަމަށް ޤަބޫލުކުރެވޭތީއެވެ. އެކަންކަން ބަދަލުކުރާށެވެ. ޅީދަރިންގެ ޙަޤީޤަތް ދެނެގަންނަން މަސައްކަތްކުރާށެވެ. މިވާހަކައިންވެސް އެނގިގެން މިދިއައީ އަމިއްލަ ދަރިންނަށްވުރެވެސް ލޯބިވާ ޅީދަރިން ތިބޭކަމެވެ. މިފަދަ ޙާދިސާތައް ހިނގަނީ މަދަކުން ނޫނެވެ.
- ލީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް