އެޒުވާނާއަކީ ދިރިއުޅެން މަސައްކަތްކުރާ ޒުވާނެކެވެ. މައިންބަފައިންނަށް އެހީތެރިވެއެވެ. އެކަމަކު ހިތްހަމަނުޖެހޭ ކަމެއް ދިމާވާއިތަށް މައިންބަފައިންނަށް ނުބައިބަސްތައް ބުނެއެވެ. އަޅުގަނޑުގެ ސުވާލަކީ އެފަދަ މީހަކާ ކައިވެނިކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ އެފަދަ މީހަކާއި ގުޅިއްޖެނަމަ އުފާވެރި ދިރިއުޅުމެއް އުޅެވިދާނެތޯ؟
ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމަށެވެ.
ބައެއް މީހުން އެމީހުންގެ މައިންބަފައިންނަށް ޚަރަދުކުރެއެވެ. ނަމަވެސް ކިރިޔާ ކަމެއް ދިމާވިޔަސް ހިތްހަމަނުޖެހި މައިންބަފައިންގެ ހިތުގަ ޖެހޭފަދަ ހަރުކަށި ބަސްތައް ބުނެހަދައެވެ.
މިގޮތަށް ޢަމަލުކުރެވޭނަމަ އޭނާގެ ކިބައިގައި އެއްވެސް ހެޔޮކަމެއް ނެތެވެ. ސަބަބަކީ އެންމެ މުހިންމު ކަމަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ އެމީހުންގެ ހިތުގައި ޖެހޭނެ ފަދަ ކިތަންމެ ކުޑަކުޑަ ބަހެއްވެސް ނުބުނުމަށެވެ. ވީމާ އެމީހުންގެ ހިތުގައި ޖެހޭނެ ފަދަ ބަސްތައް ބުނާނަމަ އެމީހަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ މީހެއް ނޫނެވެ.
މީގެ އިތުރުން މައިންބަފައިންނަށް ނަމަވެސް އަދި އެހެން މީހަކަށް ނަމަވެސް ހެޔޮކަމެއް ކޮށްދީފައި ނުބައި ބަސްތައް ބުނެވޭނަމަ އެއީ ކޮށްދިން ހެޔޮކަން ގެއްލިގެންދާނެ ކަމެކެވެ. ހަމަ އެއާއިއެކު އެއްވެސް މީހަކަށް، ޚާއްޞަކޮށް މައިންބަފައިންނަށް ނުބައި ބަސްބުނާނަމަ އެކަމުން އެނގެނީ އެމީހަކީ އަޚަލާޤީ ގޮތުން ވަރަށް ދަށުދަރަޖައިގެ އަދި އެމީހެއްގެ ޚަޞީލަތް ވަރަށް ނުބައި މީހަކު ކަމެވެ.
ޒަވާޖީ ޙަޔާތުގެ ބައިވެރިއަކަށް އެފަދަ މީހަކު އިޚްތިޔާރުކުރުމަކީ ކުރަން ރަނގަޅު ކަމެއް ނޫނެވެ. އަޚްލާޤް ރަނގަޅު އަދި ޚަޞީލަތް ރަނގަޅު މީހަކާއިއެކުގައި ނޫނީ އުފާވެރި، ހަމަޖެހޭ ދިރިއުޅުމެއް ނުލިބޭނެތީއެވެ. އެހެންވެ ބައެއް ޢިލްމްވެރިން ވިދާޅުވަނީ އަޅުކަން ކުރިނަމަވެސް އެމީހެއްގެ ކިބައިގައި ރިވެތި އަޚްލާޤީ ސިފަތައް ނެތްނަމަ އެމީހަކާއެކު ދިރިއުޅުން ބާއްޖަވެރި ނުކުރެވޭނެ ކަމަށެވެ. ހެޔޮލަފާ، ތަޤްވާވެރި ދިރިއުޅުމެއްވެސް ނުލިބޭނެ ކަމަށެވެ. ހަމައެއާއެކު ތަނަވަސްކަމަށްވުރެވެސް ރިވެތި އަޚްލާޤް މުހިންމުކަމަށް ބަޔާންކުރައްވައެވެ.
ކުރިން މިބަޔާންކުރި ފަދަ އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ މީހަކު ދެކެ ލޯބިވެވިއްޖެނަމަ ނުވަތަ އެފަދަ މީހަކު ކައިވެނިކުރަން އެދިއްޖެނަމަ ފުރަތަމަކަމަކަށް އެމީހާގެ ކިބައިގައި ހުރި އެފަދަ ސިފަތައް އިޞްލާޙްކުރަން ބުނާށެވެ. އިޞްލާޙްކުރާނެ ކަމަށް ބުނާ ބުނުމަށް އިތުބާރުނުކުރާށެވެ! އެކަންކަން އިޞްލާޙްކުރިކަން ޔަޤީންކޮށްފައި ނޫނީ ނުގުޅޭށެވެ.
މައިންބަފައިންނަށް ނުބައިބަސްބުނާ މީހަކު އެފަދަ ބަސްތައް ބުނަން ޖެހިލުންވާނެ މީހަކު ނުހުންނާނެއެވެ. މައިންބަފައިން ދެކެ ލޯބިނުވާމީހަކު ބައިވެރިޔާދެކެ ލޯތްބެއް ނުވާނެއެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ނުހިތާ މީހަކު ބައިވެރިޔާއަށް ހެޔޮކޮށް ހިތާނެ ކަމަށް އުންމީދުކުރަންވެސް ނުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން