ސަފުތައް ތަރުތީބުކޮށް ހުސްޖާގަ ނުހުންނާނެހެން ސަފުހަދަންޖެހޭ ސަބަބުތައް ޙަދީޘްފުޅުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ސަފުތައް ތަރުތީބުކޮށް ހުސްޖާގަ ނުހުންނާނެހެން ސަފުހަދަންޖެހޭ ސަބަބުތައް ޙަދީޘްފުޅުން-

ބައެއް މިސްކިތްތަކުގައި ސަފުހަދަނީ އެއްވެސް ބިރެއް ނެތި ދެމީހުންގެ ދޭތެރެއަށް ބޮޑެތި ޖާގަތައް ދޫކޮށް ސަފުބުރިބުރިކުރަމުންނެވެ. ގިނަ މިސްކިތްތަކުގައި ފުރަތަމަ 2،3 ސަފެއް ގާތްގާތުގައި ތިބެގެން ސަފު ހެދި ނަމަވެސް ފަހަތަށްދާވަރަކަށް ދެމީހުންގެ ދޭތެރޭގައި އޮންނަ ހުސްޖާގަ ބޮޑުވެގެންދެއެވެ.  

ނަމާދުގައި ސަފުހަދަންޖެހޭނީ އެކިސަފު އެކި ގޮތަކަށް ނޫނެވެ. ހުރިހާ ސަފުތަކެއްވެސް ހަދަންޖެހޭނީ ހަމަ އެއްގޮތަކަށެވެ.  

ހިތާމައަކީ ސަފުތައް ރަނގަޅަށް ތަރުތީބުކުރަން ސަމާލުކަން ނުދޭ އިމާމުންވެސް އުޅޭކަމެވެ. ބައެއް އިމާމުން އެންމެ ފަހަރަކުވެސް ދިވެހިބަހުން މީހުންނަށް އެނގޭގޮތަށް ސަފުތައް ތަރުތީބުކޮށް ގާތްގާތުގައި ތިބެން ގޮވައިނުލާކަން ގިނަބައަކު ފާހަގަކުރެއެވެ.  

މާތްﷲ ރުއްސުންލެއްވި އަބްދުﷲ ބުނު ޢުމަރު ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلّي الله عليه وسلّم ހަދީޘްފުޅު ކުރެއްވިއެވެ.  

من وصل صفاّ وصله الله ومن قطع صفاّ قطعه الله عزّ وجل (رواه احمد, وابوداود…..)  

މާނައީ: ސަފެއް ގުޅުވައި ފުރިހަމަކޮށްފިމީހާ ﷲ އެކަލާންގެ ރަޙުމަތުން އޭނާ ގުޅުވާލައްވާނެއެވެ. އަދި ސަފެއް ކަނޑައިލައިފި މީހާ (އެބަހީ ސަފަކުން ބައެއް އުނިވުމުން އެތަން ފުރިހަމަ ނުކޮށްފިމީހާ) ﷲ އެކަލާންގެ ރަޙުމަތުން އޭނާ މަހުރޫމް ކުރައްވާނެއެވެ.  

އަދި މާތްﷲ ރުއްސުންލެއްވި ޖާބިރު ބުނު ސަމުރާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅު ވިއެވެ. އެއްދުވަހަކު (އަހުރެމެން ނަމާދަށް ސަފު ހަދައިގެން ތިއްބައި) رسول الله صلّي الله عليه وسلّم ވަޑައިގެން ހަދީޘް ފުޅު ކުރެއްވިއެވެ.  

ألا تصفّون كما تصفّ الملاءكة عند ربّها މާނައީ: މަލާއިކަތުން ﷲ ގެ ހަޟުރަތުގައި ސަފު ހައްދަވާ ގޮތަށް ތިޔަބައި މީހުން ސަފެއް ނުހައްދަވާނަން ހެއްޔެވެ.؟ އަހުރެމެން ދަންނަވައިފީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ﷲ ގެ ހަޟްރަތުގައި މަލާއިކަތުން ސަފުހައްދަވަނީ ކިހިނެއްތޯއެވެ.؟  

އެކަލޭގެފާނު ހަދީޘްފުޅު ކުރެއްވި ބަސްފުޅުގެ މާނާގައި ވެއެވެ. ”އެބޭކަލުން ފުރަތަމަ ސަފުތައް (އެބަހީ ސަފަކާޖެހި ސަފެއް) ފުރިހަމަ ކުރައްވަތެވެ. އަދި ސަފުގައި އެއްބޭކަލަކު އަނެއް ބޭކަލެއްގެ ގައިކޮޅުގައި ޖެހިވަޑައިގެން ގުޅިލައްވަތެވެ“ (رواه احمد ومسلم وابوداود والنّسا ءي وابن ماجه)

 

- މަޢްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން