ޒީނަތްތެރިވުމުގެ ގޮތުން ކޮންމެވެސް މިންވަރަކަށް މޭކަޕްކުރުން ފަދަ ކަންކަން ނުކުރާކަށް ނުބުނަމެވެ. ނަމަވެސް އެކަމުގައި ވެސް ހިފަހައްޓަންޖެހޭނެ އިންތަކެއްވެއެވެ. ޒީނަތްތެރިވަމުން (މޭކަޕްކުރަމުން) ގޮސް ތިމާއަކީ ކާކުކަން (ތިމާގެ އަޞްލު ސިފަ) އޮޅޭވަރަށް އެކަން ކުރުން ހުއްދައެއް ނޫނެވެ.
މީސްތަކުންގެ ސަމާލުކަން ހޯދަންވީ ބޭރުފުށުގެ ސިފަ ޒީނަތްތެރިކޮށްގެނެއް ނޫނެވެ. ތިމާގެ އެތެރެފުށުގެ ސިފަ ރީތިކޮށްގެންނެވެ. ހިތް ޠޯހިރުކޮށްގެންނެވެ. ރިވެތި އަޚްލާޤުންނެވެ. ތަޤްވާވެރިކަމުންނެވެ.
އެހެން ނޫންނަމަ ވާނެ ގޮތަކީ މޫނުގެ މޭކަޕް ފިލާފައި ހުއްޓާ ފެންނައިރަށް "މިހިރީ އަހަރެން ޝައުޤުވެރިވި މީހާއެއް ނޫނޭ" ބުނެ ދުވެ ފިލާނީއެވެ. ނަމަވެސް ޒީނަތްތެރިކުރަން މިބުނި ސިފަތަކުން ޒީނަތްތެރިވެއްޖެ މީހާގެ ރީތިކަން އަބަދުވެސް ދާނީ އިތުރުވަމުންނެވެ. މީސްތަކުންގެ ލޯބި އެމީހުންނަށް ދާނީ އިތުރުވަމުންނެވެ.
ހުރިހާ އެކުވެރިންނޭވެ! އުފަންވުމަށްފަހު ދާނީ ޒުވާންވަމުންނެވެ. ޒުވާންވުމަށްފަހު ދާނީ މުސްކުޅިވަމުންނެވެ. ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ ކޮންމެ ސިފައެއްގައި މަރުވި ނަމަވެސް ސުވަރުގެ ވައްދަވާނީ އެންމެ ޒުވާން، އެންމެ ރީތިކަންމަތީގައެވެ. ސުވަރުގޭގައި ދެމިހުންނާނީ އެންމެހައި އުފާވެރިކަންމަތީގައެވެ. ބައިވެރިންނާއިވެސް އެކުގައެވެ. ހިތަސް އަރުވައިލި ކޮންމެ ކަމެއް ދާނީ ވަޤުތުން ފުދެމުންނެވެ.
އެހެނަސް ކިތަންމެ ރިވެތި ސިފައެއްގައި ނަމަވެސް ނަރަކައަށް ވައްދަވައިފިނަމަ އޮންނަން ޖެހޭނީ ކެތްނުކުރެވޭވަރުގެ ގަދަފަދަ ޢަޛާބުގައެވެ. އަބަދުމެ ހުންނާނީ ޢަޛާބުލިބިލިބިއެވެ. ﷲ ތަޢާލާ އެމީހަކު ސަލާމަތް ކުރެއްވެވުމުން މެނުވީ އެ ގަދަފަދަ ޢަޛާބުން ސަލާމަތްވުމެއް ނެތެވެ.
ވީމާ ދުނިޔޭގައި ކުރާ ކޮންމެ ކަމެއްވެސް ކުރަންވީ އެމީހަކަށް އެމީހެއްގެ އާޚިރަތް އެންމެ ކާމިޔާބުކުރެވޭނެ ގޮތަށެވެ. އެއީ މޭކަޕްކުރުން ނަމަވެސް މެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން