އަހުރެންގެ ހިތްހެޔޮކަން ތިބާދުށީ އަހުރެންގެ ބަލިކަށިކަން ކަމުގައެވެ. އަހުރެންގެ ކެތްތެރިކަން ތިބާ ދުށީ އަހުރެންގެ ހުރި ނިކަމެތިކަން ކަމުގައެވެ. އަހުރެން ތިބާއާއި ދުރުނުވެ ހުރުން ތިބާ ދުށީ އަހުރެންނަށް ގޮތްހުސްވެފައި ހުރުން ކަމަށެވެ.
ބުނަންހެއްޔެވެ؟ އަހުރެން އުންމީދުކުރީ ތިބާ ބަދަލުވާނެކަމަށެވެ. ނަމަވެސް ތިބާ ބަދަލެއް ނުވިއެވެ. މިހާރު އަހުރެންގެ ހިތް ތިބާއަށްޓަކާ ބަންދުވެ ތަޅުލެވިއްޖެއެވެ. ތިބާ ދެކެ ވެވުނު ލޯބި ނިމި ހިނގައްޖެއެވެ.
މިހެން ބުނީމާ ތިބާއަށް މިހާރު ރަހައެއްލައިފި ނޫންހެއްޔެވެ؟ އަހުރެން ކެތްތެރިވެގެން ހުރި ސަބަބު ވިސްނިއްޖެ ނޫން ހެއްޔެވެ؟ އަހުރެން މިނިންމުން މިނިންމީ ވަރަށް ގިނަ ދުވަހު ތިބާއަށް އިންތިޡާރުކޮށްފައެވެ. ހަމަ އެއްވެސް ކަމެއް ތިބާއަށް ނުވިސްނުނީމައެވެ. އެއްވެސް ކަމެއް ބަދަލުނުކުރީމައެވެ.
އަދި އެއްވާހަކަ ބުނެލާނަމެވެ! އަހުރެން ތިބާއަށް އާދޭސްކުރީމާ ތިބާއަށް ހީވީ އަހުރެންނަކީ އަބަދުވެސް ތިބާއަށް ސަލާންޖަހަން ހުންނާނެ މީހެއް ކަމަށެވެ. އަހުރެން ދެކެ ލޯބިވާނެ މީހަކު ނުހުންނާނެ ކަމަށެވެ. އެއީ ވަރަށް ބޮޑު އޮޅުމެކެވެ. އާދޭސްކުރީ ތިބާ ދެކެ ލޯބިވެވުނީ އެކުގައި އުޅެން ބޭނުންވަރު ބޮޑުކަމުންނެވެ. އަހުރެންގެ މެސެޖް ނިންމައިލާނީ އަހުރެންގެ ކައިވެނީގެ ޙަފްލާއަށް ދަޢުވަތުދެމުންނެވެ ތާރީޚަކީ އަންނަ ހުކުރު ދުވަހެވެ. ގަޑިއާއި ތަން މެސެޖްކޮށްލާނަމެވެ.
މިލިޔުންކޮޅު ފެނުމުން ވަރަށް އަސަރުކުރިއެވެ. އަހުރެންގެ ފުރަތަމަ ލޯބިވެރިޔާ އަހުރެންނާއިމެދު ހަމަ މިގޮތަށް ކަންތައް ކޮށްފައިވާތީއެވެ. ހިތާމަކުރަނީ މިއެކުވެރިޔާހައި ޙުޝިޔާރު ނުވެވުނީތީއެވެ. އަހުރެން ދެކެ ލޯބިވާނެ ބައިވެރިއަކު ހޯދަން ތަންކޮޅެއް ގިނަދުވަސްނެގީތީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް