އަހުރެން މިއަދު ކޮށްލަން ބޭނުންވަނީ ހަމަ އެންމެ ސުވާލެކެވެ. އަހަރެމެން ކޮންމެ މީހަކަށް އެތައް ބައިވަރު ކަންތައްތަކަށް ބޭނުންވެފައިވާއިރު ނުހަނު ދަތިޙާލުގައި އުޅޭއިރު، ރޭގަނޑު ނިދީން ހޭލައި މިފަދައިން ނަމާދެއްކޮށްލެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ދެއަތް އުފުލައި ނުވަތަ ސަޖިދައިގައި އޮވެ ދުޢާއެއް ކޮށްލެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟
އެމީހަކު ނިދާނެވަރަކަށް ނިދާފައި ހޭލާނެ އިރަކުން ހޭލައިގެން ދެއަތް އުފުލައި ދެންނެވުމުންވެސް އެބަ ކަންކަން ހިންމަވައި ދެއްވަވަތެވެ. ވީއިރު ރޭގަނޑުގެ އަރާމު ނިންޖާއި ލޯބިވާ ބައިވެރިޔާ ދޫކޮށް ތެދުވެ ދުޢާ ކުރުމުން އިތުރަށް ދެއްވަވާނެ ނިޢްމަތްތަކާއިމެދު ވިސްނައިލާށެވެ! ވީމާ ބުނެލަން އޮތީ ހަމަ ކުޑަކުޑަ ހިތްވަރެއް ލައިގެން ތިއަ އެދޭ ހުރިހާ ކަމެއް ނުހަނު ފަސޭހައިން ޙާޞިލުކުރުމުގެ ފުރުޞަތު ވަނީ ފަހިވެގެންނެވެ. ފުރުޞަތުގެ ބޭނުން ހިފުމާއި ނުހިފުން އޮތީ ހަމަ ތިމާގެ އަތްމަތީގައެވެ!
ނަމާދުކުރެއްވެވުމަށް އަހަރެމެންގެ ލޮބުވެތިނަބިއްޔާ މުޙައްމަދު ﷺ ދަހިވެތިވެތިވެ ވޮޑިގަންނަވާ މިންވަރު ނިކަން ދެކި ބަލާށެވެ! އަހަރެމެންގެ ލޮބުވެތިނަބިއްޔާ މުޙައްމަދު ﷺ އަށް ކޮންމެ ކަމަކުން ނަމަވެސް އެންމެ ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގަތުން ލިބިވަޑައިގަންނަވަނީ ނަމާދުކުރެއްވެވުވުމުންނެވެ.
އަނބިއަނބި ކަނބަލުންގެ ތެރެއިން ޢާއިޝަތުގެފާނަކީ ޢުމުރުފުޅުގެ ގޮތުން އެހައި ހަގު ބޭކަނބަލަކަށްވެފައިވީއިރު ވެސް، ވިދާޅުވެފައިވާ މި ބަސްފުޅު ނިކަން އަޑުއަހައިބަލާށެވެ!
"ތިމަންކަމަނާއަށް ހޭފުޅު ލެއްވެވިގެން ރަސޫލް ﷺ ކޮބައިތޯ ބައްލަވާއިރު ފެނިވަޑައިނުގަތުމުން އަތްޕުޅު ކާއްތަވާއިރު އެނދުދާންކޮޅު މަތީގައި ހުންނަވަނީ ނަމާދަށެވެ! (ދަމުނަމާދަށެވެ!)"
ނިކަން ވިސްނައިލަބަލާށެވެ! އުމުރުފުޅުން އެހައި ހަގު، އެހައި ލޯބިފުޅުވާ އަނބިކަނބަލުން ދޫކުރައްވައި ތެދުވެވަޑައިގެން އެހުންނަވަނީ ދަމުނަމާދަށެވެ! އަނބިކަނބަލުންގެ އަރިހުން ލިބިވަޑައިގަންނަވަން އޮތް އުފާވެރިކަން ދޫކުރައްވަވައި ﷲ ތަޢާލާގެ ޙަޟްރަތުން ހިތްޕުޅު ހަމަޖެހިވަޑައިގަތުމާއި އުފާވެރިކަން ހޯއްދެވުމަށެވެ. ފަފަފުއްސަވައި ދެއްވަވައި ރަޙްމަތް ލެއްވެވުން އެދި ދުޢާ ކުރެއްވެވުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން