ﷲ ތަޢާލާއަށް ބިރުވެތިވުންކަމުގައި ގިނަ ބައަކު މާނަކުރަނީ ﷲ ތަޢާލާގެ ކޯފާއަށް ނުވަތަ ޢަޛާބަށް ބިރުވެތިވުމެވެ. އެހެންވެ އެންމެ ގިނަބައަކު އެންމެ ބޮޑަށް ސަމާލުކަންދޭނީވެސް އެވިސްނުމުގައެވެ.
ﷲ ތަޢާލާގެ ކޯފާއަށާއި ޢަޛާބަށް ބިރުވެތިވާންޖެހޭނެއެވެ. ނަމަވެސް އަހުރެން ބުނާނީ އެންމެ ބޮޑަށް ބިރުވެތިވާންވީ ޢަޛާބަށް ނޫން ކަމަށެވެ. އަދި އެންމެ ބޮޑަށް ކަންބޮޑުވާންވީވެސް ބިރުވެތިވާންވީވެސް ތިމާއާއި ﷲ ތަޢާލާ އާއި އޮންނަން ޖެހޭ ގުޅުން ކެނޑިގެން ހިނގައިދާނެތީ ކަމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބިދާނެތީ ކަމަށެވެ.
ވިސްނައިލާށެވެ! ﷲ ތަޢާލާ ތިބާ ދޫކޮށްލައްވަވައިފިނަމަ ތިބާއަށް އެހީތެރިވެދޭނީ ކާކުހެއްޔެވެ؟
އަދިވެސް ވިސްނައިލާށެވެ! ތިބާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަން ޖެހޭ ގުޅުން އޮތްނަމަ، ނުވަތަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިބާއަށް ލިބިފައިވާނަމަ ތިބާއަށް ޢަޛާބު ލިބެންވީ ކީއްވެގެންހެއްޔެވެ؟ ނުލިބޭނެއެވެ. އެއީ ޔަޤީންކަމެކެވެ. އިން ޝާ ﷲ
ތިބާ ކޮންމެތަނެއްގައި ވީނަމަވެސް އަދި ކޮންމެ ކުރިނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވާން އޮންނަނީ އެހެންވެގެންނެވެ. ބިރުވެތިނުވެހުރެ ކުރާ ޢަމަލަކުން ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ކެނޑިގެން ހިނގައިދާނެތީއެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އަޅަކަށް ތިބާވެގެން ހިނގައިދާނެތީއެވެ.
ޖުމުލަކޮށްލާފައިވެސް ބުނަން އޮތީ ބިރުވެތިވާންވީ ތިމާ އާއި ﷲ ތަޢާލާ އާއި އޮންނަން ޖެހޭ ގުޅުން ކެނޑިގެން ހިނގައިދާނެތީއެވެ. އެގުޅުން އޮތްނަމަ ތިބާއަށް ހުރެވޭނީ ސަލާމަތުންނެވެ. ތިބާގެ އާޚިރު މަންޒިލަކަށްވާނީ ސުވަރުގެއެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން