އަހުރެން ނަމާދަށް ހުރެ لْحَمْدُ لِلَّهِ رَبِّ الْعَالَمِينَ "ޙަމްދު ހުރީ، ޢާލަމްތަކުގެ ވެރި ﷲއަށެވެ." ކިޔާއިރަށް "ތިމަން ﷲ ގެ އަޅާ ތިމަން ﷲ އަށް ޙަމްދުކޮށްފި" ކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވާ ސަބާއިމެދުގައި ވިސްނައިލާށެވެ.
އަހުރެމްނެ ހަށިގަނޑުގައިވާ ރޫހް ނުވަތަ ފުރާނަ އަހުރެމެންގެ ހަށިގަނޑަށް ފޮނުއްވެވީ ﷲ ތަޢާލާއެވެ. ކީއްކުރަންހެއްޔެވެ؟ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަށެވެ. ﷲ ތަޢާލާ މަތިވެރިކުރުމަށެވެ. ވީމާ އެފުރާނައާއި ﷲ ތަޢާލާ އާއި އަބަދުވެސް ހުންނާނީ ގުޅިފައެވެ.
ދެން އޮތީ އެގުޅުން ބަދަހިވުމާއި ބަލިކަށިވުމެވެ. އެކަން އެކި ދުވަސްވަރު އެކި ގޮތަށް ބަދަލުވެއެވެ. އެކަން އެހެންވެގެން އެދަނީ އެމީހަކު ކުރާ ޢަމަލުތަކުގެ ސަބަބުންނެވެ.
"ފަހެ، ބާޠިލު މަގުން އެއްކިބާވެ، ޙައްޤުގެ މަގަށް ތަބަޢަ ވެގެންވާ ޙާލު، ކަލޭގެފާނުގެ މޫނުފުޅު އިސްލާމް ދީނާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ ފިޠުރަތެއްގެ މައްޗަށް އުފެއްދެވި ﷲގެ ފިޠުރަތެވެ. ﷲ އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ."
(އައް ރޫމް: 30)
ވީމާ އަހުރެމެން ދުނިޔެއަށް ފޮނުއްވެވީ ކޮން ކަމަކަށްކަން މިއޮތީ ވަރަށް ސާފުކޮށް އެނގޭށެވެ. އަހުރެމެންނަށް ވެގެން މިއުޅޭ ގޮތަކީ ސީދާވެގެންވާ ދީން އެނގޭއިރުވެސް އަދި އެދީނުގައި ޘާބިތުވެ ތިބުމަށް އަންގަވާފައިވާއިރުވެސް އެކަން ޤަބޫލުނުކުރެވެނީއެވެ. އެއީ އެމީހެއްގެ މައްސަލައެކެވެ.
މިހިސާބުން މިއާޔަތަށް ޖެހިލާށެވެ!
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ. (އެއީ) އޭނާ ޝުކުރުވެރިވުމަށްޓަކައެވެ. ނޫނީ އޭނާ ދެކޮޅުވެރިވެ، ކާފިރު ވުމަށްޓަކައެވެ."
(އަލް އިންސާން: 3)
ދެން ނިކަން ބުނެބަލާށެވެ! ތިމަންނާއަށް މިވެނިކަމެއް އެވެނިކަމެއް، ﷲ ތަޢާލާއަށް އިމާންވާންޖެހޭ ކަމެއް، ދުނިޔޭގައި އުލެން ޖެހޭނީ މުސްލިމެއްގެ ގޮތުގައިކަމެއް ނުއެނގޭކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވ؟
މިއާޔަތުގައި އެއޮތީ އެމީހާއަށް މަގު ދެއްކެވިކަމަށެވެ. މަގެއްނަމަ ނިމޭނެ ހިށާބެއްވެސް އޮންނަންޖެހޭނެތާއެވެ! އެ ހިސާބުވެސް ހަމަ ޤުރްއާނުން ފެންނަން މިއޮތީއެވެ.
"އަދި އެނބުރި ދިއުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ."
(އައްނަޖުމް: 42)
ޚުލާޞާއަކީ ﷲ ތައާލާ 7 އުޑުމަތިން، އެކަލާނގެ ޙަޟްރަތުން ދުނިޔެއަށް ފޮނުއްވެވި ފުރާނަ އެނބުރި ދިއުން އޮތީ އެކަލާނގެ ޙަޟްރަތަށެވެ. ފުރާނަ ތިބާގެ ހަށިގަނޑުގައި ހުންނާނީ ދާދި މަދު ދުވަސްކޮޅަކަށެވެ. ވީމާ ފިޠުރަތުގެ ށާފުކަންމަޓީގައި ތިބާގެ ހަށިގަނޑުގައި ލެއްވެވި ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަސް ގެންދަވާއިރު ސާފުޠޯހިރުކަންމަތީގައި އެފުރާނަ ބެހެއްޓުމާއި ނަޖިސްކުރުމުގެ އިޚްތިޔާރު މިއޮތީ ދެއްވަވައިފައެވެ.
ސާފުޠޯހިރުކަންމަތީގައި ގެންދެވިއްޖެނަމަ ސުވަރުގެއެވެ. އެކަން ނުކުރެވިއްޖެނަމަ ނަރަކައެވެ.
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ. (އެއީ) އޭނާ ޝުކުރުވެރިވުމަށްޓަކައެވެ. ނޫނީ އޭނާ ދެކޮޅުވެރިވެ، ކާފިރު ވުމަށްޓަކައެވެ."
މިއާޔަތުން އެނގެނީ ކޮންމެ މީހަކަށްވެސް އެކަމުގެ އިޚްތިޔާރު އެމީހަކަށް ދެއްވެވި ކަމެވެ. ގޮތް ނިންމުން އޮތީ އެމީހެއްގެ އަތްމަތީގައެވެ. މާނައަކީ ސުވަރުގެ ނުވަތަ ނަރަކައަށް ވަނުމާއިމެދު ގޮތް ނިންމާނީ އެމީހެކެވެ. ވީމާ ބުއްދީގެ ބޭނުން ހިފައި ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަންނަ އަޅަކުކަމުގައިވާން ގަދައަޅައި މަސައްކަތްކުރާށެވެ!
- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން