ބައެއް ސްޕަމާކެޓުތަކުން ތަކެތި ގަތުމުން ޕޮއިންޓްދެއެވެ. ލިބޭ ޕޮއިންޓް ވަކިވަރަކަށް ގިނަވެއްޖެނަމަ ޑިސްކައުންޓްދެއެވެ. އެއަށްވުރެ ގިނަވެއްޖެނަމަ ހަދިޔާވެސްދެއެވެ.
އެއާލައިންތަކުގައި ދަތުރުކުރުމުން ޕޮއިންޓްދެއެވެ. ޕއޮންޓް ގިނަވާވަރަކަށް އެމީހެއްގެ ދަރަޖަމަތިކުރެއެވެ. ވަކި ހިސާބަކަށް ދެވުމުން ޓިކެޓްގެ އަގުން ޑިސްކައުންޓް ލިބެއެވެ. ގިނަ ބެގެޖް އުފުލަން ހުއްދަދެއެވެ. އެންމެ މަތިވުމުން ޓާމިނަލުން ފެށިގެން ޚާއްޞަ ޚިދުމަތްދެއެވެ. ފްލައިޓަށް އެރުމުން ވީވީއައިޕީއެއްގެ ދަރަޖަދީ އެންމެ ފެންވަރު ރަނގަޅު ޚިދުމަތް ދެއެވެ.
މިފަދަ ކަންކަން ލިބިގަތުމަށްޓަކައި ވީހާގިނަ ޕޮއިންޓް ހޯދަން އެބަ މަސައްކަތްކުރަމުއެވެ. ކޮންމެހެން ކުރަން ނުޖެހޭ ދަތުރުތައްވެސް އެބަކުރަމުއެވެ. ހަމައެކަނި ގިނަ ޕޮއިންޓް ހޯދުމުގެ ބޭނުމުގައެވެ.
ދެން މިބަލައިލަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާގެ ޕޮއިންޓްތައް ގިނަވެ ޥީވީއައިޕީ ދަރަޖަ ލިބެން އޮތް ޢަމަލަށެވެ. ޕޮއިންޓްތައް ގިނަވުމުން ތިބާއަށް އެންމެ ފައިދާހުރި ކަންތައް ޙާޞިލު ކުރެވެން އޮތް ޢަމަލަށެވެ.
އެއީ ނަމާދުކުރުން ގިނަކުރުމެވެ. ކުރާ ކޮންމެ ނަމާދަކަށް ޕޮއިންޓް ދެއްވަވަތެވެ. ކުރާ ކޮންމެ ސަޖިދައަކަށްވެސް ޕޮއިންޓް ދެއްވަވަތެވެ. މިހެން ގޮސް ނަމާދުގައި ކުރާ ކޮންމެ ކަމަކަށްވެސް ޕޮއިންޓް ދެއްވަވަތެވެ. ޕޮއިންޓް ގިނަވަމުން ގޮސް އެމީހެއްގެ ހިތް ﷲ ތަޢާލާގެ ގެކޮޅާއި (އަންހެނުން އެކަނބަލުން ނަމާދުކުރާ މުސައްލައާއި) ގުޅިއްޖެނަމަ ވީވީވީއައިޕީ ސްޓޭޓަސް ދެއްވަވަތެވެ. އެއީ ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވެވުމެވެ. ސުވަރުގެ ވެއްދެވުމެވެ.
ދެން ނިކަން ބުނެބަލާށެވެ! ޢަރުޝީގެ ހިޔާވަހިކަން ލިބި ﷲ ތަޢާލާ ދެއްވަވާ ވީވީވީއައިޕީ ދަރަޖައިގައި ސުވަރުގެ ވަދެވުމަށްވުރެ ބޮޑު ނިޢުމަތެއް ލިބޭނީ ކާކަށް ހެއްޔެވެ؟ އެއަށްވުރެ ބޮޑު ނިޢުމަތަކީ ކޮބައިހެއްޔެވެ؟
ދެން ނިކަން ބުނެބަލާށެވެ! ދުނިޔެއިން އެހައި ކުޑަވަރެއްގެ ފައިދާކޮޅެއް ހޯދަން ޕޮއިންޓް ގިނަކުރަން ތިއަވަރަށް މަސައްކަތްކުރާއިރު ﷲ ތަޢާލާގެ ޙަޟްރަތުން މިބުނި މަތިވެރި ދަރަޖަ ހޯދަން ޕޮއިންޓް ގިނަކުރަން މަސައްކަތްނުކުރަނީ ކީއްވެގެން ހެއްޔެވެ؟ އަހުރެން މިބަޔާންކުރި ފަދަ ގޮތްގޮތަށް، އެފަދަ ކަންކަމުން ޕޮއިންޓް ގިނަކުރަން މަސައްކަތްކޮށްފައި ތިމަން ﷲ ގެ ޙަޟްރަތުން ޕޮއިންޓް ގިނަކުރަން މަސައްކަތް ނުކުރި ސަބަބާއިމެދު ސުވާލުކުރައްވަވައިފިނަމަ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟
ކޮންމެ މީހަކަށްވެސް ވީވީވީއައިޕީ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުން ހޯދެން އޮތްއިރު ގިނަ ބައަކު މިތިބީ އެކަމަށް ވަރަށް ބޮޑަށް އިހްމާލުވެގެންނެވެ. ވީމާ ވީހާ ގިނަ ބައަކަށް މިވާހަކަ ފަތުރާށެވެ. ހޭލުންތެރިކަން އިތުރުކުރުވަން މަސައްކަތްކުރާށެވެ! އެކަމަށްވެސް ތިބާއަށް ޕޮއިންޓް ދެއްވަވާނެތެވެ. އިން ޝާ ﷲ
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން