ﷲ ތަޢާލާ އިބްރާހީމްގެފާނު މަތިވެރިކުރައްވަވައި ޚަލީލެއްގެ ދަރަޖަ ދެއްވެވީ ހަމަ ހުންނަވަނިކޮށެއް ނޫނެވެ. އެސަބަބު ޤުރްއާނުން ފެންނަން އެބައޮތެވެ. އެ ސަބަބަކީ އިންސާނަކަށް ކުރިމަތިކުރެއްވެވި އެންމެ ބޮޑެތި އިމްތިޙާންތައް ކުރިމަތިކުރެއްވެވުމުން ފާސްވެވަޑައިގެންނެވިކަމެވެ.
ފުރަތަމަ ކަމަކަށް ނިކަންވިސްނައިލަބަލާށެވެ! ބުދުހަދައި ވިއްކުމަކީ ބައްޕާފުޅު ކުރެއްވެވި ވިޔަފާރިއެވެ. ޢާއިލާއަށް އާމްދަނީ ލިބެނީ އެވިޔަފާރިންނެވެ. އެވިޔަފާރިއަށް ދެކޮޅު ހެއްދެވީއެވެ. އަދި އެވަރުންވެސް ފުއްދަވައިލެއްވެވީއެއް ނޫނެވެ. އެމީހުން އަޅުކަންކޮށް އުޅުނު ބުދުތަކާއި ދެކޮޅަށް ނުކުމެވަޑައިގަތީއެވެ.
އެކަމުގެ ތެރެއިން އެބިޔަ ބޮޑު އަލިފާންގަނޑަށް އެއްލައިލެވުނު ދުވަސް ހަނދާނަށް ގެންނާށެވެ. ޖިބްރީލްގެފާނު ވަޑައިގެން ބޭނުންފުޅުވެވަޑައިގަންނަވަނީ ކޮން އެހީތެރިކަމަކަށްތޯ ސުވާލުކުރެއްވެވުމުން ވިދާޅުވީ ޖިބްރީލްގެފާނުގެ އަރިއަހުން އެއްވެސް ކަމަކަށް ބޭނުންފުޅުނުވާ ކަމަށާއި ވަކީލްކުރައްވަވަނީ ﷲ އަށް ކަމަށެވެ. ކޮންފަދަ ވަރުގަދަ ޘާބިތުކަމެއް ހެއްޔެވެ؟
ޢުމުރުފުޅުން އެހައި ގިނަދުވަސްވެފައިވަނިކޮށް ލިބިވަޑައިގެންނެވި ތުއްޕުޅު ދަރިކަލުންނާއި އަނބިކަނބަލުން ހިއްޕަވާނެ ފެންފޮދެއް ލިބެން ނެތް ސަހަރާއަކަށް ﷲ ގެ އަމުރުފުޅަށް ދޫކޮށް ލެއްވެވުމެވެ. އެދަރިކަލުން ބޮޑުފުޅުވީ ދުވަހު ﷲ ގެ އަމުރުފުޅަށް އެދަރިކަލުން ޤުރްބާންކުރައްވަން ފަސްޖެހިވަޑައިނުގަމެވެ.
މިހެންގޮސް ދިގު ސިޔަރަތެއް ލިޔެވިދާނެއެވެ. އިބްރާހީމްގެފާނާއި ކުރިމަތިކުރެއްވެވި މިފަދަ ހުރިހާ އިމްތިޙާންތަކުން ފާސްވެވަޑައިގެންނެވުމުގެ ނަތީޖާ ނިކަން ދެކިބަލާށެވެ! އެވަނީ ﷲ ތަޢަލާގެ ޚަލީލެއްގެ ދަރަޖަ ލިބިވަޑައިގެންފައެވެ.
މިހިސާބުން އެބައި ކުރުކޮށްލާފައި ބުނަން ބޭނުންވި ވާހަކަ މިބުނަނީއެވެ. ދުނިޔޭގައި ﷲ ތަޢާލާ އަހުރެމެން ކޮންމެ މީހަކަށްވެސް އިމްތިޙާންތައް ކުރިމަތިކުރައްވަވާނެތެވެ. ފާސްވާން މަސައްކަތްކޮށް ފާސްވުމުން ﷲ ތަޢާލާގެ ޙަޟްރަތުން މަތިވެރި ދަރަޖަތައް ދެއްވަވާނެތެވެ. އެމީހަކު ފާސްވީ މިންވަރަކުންނެވެ.
އިމްތިޙާނެއް ކުރިމަތިކުރެއްވެވުމުން ބޮޑު ތަކްލީފެއް އުފުލަންޖެހިއްޖެ ކަމަށް ބަލައި ނުބަލައި ގޮތްގޮތަށް ވިސްނަމުންގޮސް ﷲ ތަޢާލާ އާއި ދުރުހެލިނުވާންވީ ސަބަބު މިކިޔައިދިނީއެވެ. އެއިރުން ދެއްވަވާނެ ދަރަޖަވެސް މިކިޔައިދިނީއެވެ. ޢަމަލުކޮށް ލިބިގަތުން އޮތީ އެމީހެއްގެ އަތްމަތީގައެވެ.
- ޝައިޚް ވައްހާޖް ޠަރިންގެ ދަރުސަކުން