ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިބާގެ ހިތަށް އަސަރުކޮށްފައިވަނީ ކޮންކަމަކުންކަން ނުބަލާށެވެ! ކަންބޮޑުވަނީ ކޮންމެ ކަމަކާއިހުރެ ނަމަވެސް ކަންބޮޑުނުވާށެވެ! ފާފަފުއްސެވުމާއި ޖަންނަތުލްފިރުދަރުސް ލިބުމުގެ އިތުރުން ތިބާގެ ހުރިހާ ކަންބޮޑުވުންތައް ފިލުވައިލެވޭނެ ޢަމަލަކީ ރޭއަޅުކަންކުރުން ކަމަށް ޢިލްމްވެރިން އެއްބަސެވލައްވައެވެ. އަދި ޤުރްއާނުންވެސް އެކަން އެނގެން އެބައޮތެވެ.
މީސްތަކުންނޭވެ! ތިބާގެ ހިތަށް ދަތިކަން ލިބޭ ކަމަކީ ކޮންމެ ކަމެއް ނަމަވެސް ރޭގަނޑުގެ ފަހުދަންފަޅީގައި ހޭލައި ވުޟޫކޮށްލައިގެން ކޮޓަރީގެ ކަނެއްގައި ހުއްޓިލާށެވެ! ﷲ ތަޢާލާއަށް ސަޖިދަކޮށް ތިބާ ބޭނުންވާ ކަންތަކަށް އެދޭށެވެ. ނަމާދު ދިގުކޮށް ސަޖިދަ ތަކުރާރުކުރާށެވެ. ކޮންމެ ސަޖިދައެއްގައިވެސް ތިބާ ބޭނުންވެގެންހުރި ކަންކަން ހިންމަވައި ދެއްވެވުމަށް އެދޭށެވެ. އެކަމެއް ހިންމަވައިދެއްވަވާނެތެވެ.
އެއީ ކުރިން މިބުނި ފަދައިން އެކަމުގެ ސަބަބުން ޤިޔާމަތް ދުވަހު ދެއްވަވަންހުރި ނިޢުމަތްތަކުގެ އިތުރަށެވެ. އަދި ކީއްހެއްޔެވެ؟ ތިބާ އެދިދެންނެވި ކަންތައް ފުދުމުންވެސް ރޭއަޅުކަންކުރުމުގައި ދެމިހުންނާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ތިބާއަށް ރުހިވޮޑިގަތުން ލިބިގެންދާނެއެވެ. އެއިރުން ދުނިޔެއިން ތިބާ ބޭނުންވާ އެހެން ކަންކަންވެސް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
ހިތުގެ ބަލިތަކަށާއި ހިތަށް ކުރިމަތިވާ ކޮންމެކަމަކަށްވެސް ރޭއަޅުކަންކުރުމަށްވުރެ ފައިދާހުރި ހަމަ އެއްވެސް ކަމެއް ނެތެވެ. މިއީ ހަމަ އެކަނި އަހުރެންގެ ބަހެއް ނޫނެވެ. ޢިލްމްވެރިން އެއްބަސްވެލައްވާ ކަމެކެވެ.
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން