ބައެއް މީހުން ބަސްބުނާއިރު ވިސްނައެއް ނުލައެވެ. ބޭނުންކުރަނީ އެންމެ ހަރުކަށި ޢިބާރާތްތަކެވެ. އަޑުގައި ހުންނަނީ ހަރުކަށި ކަމެވެ. އެޙާލަތުގައިވާ ގޮތް އެނގޭހެއްޔެވެ؟ އެމީހަކާއިއެކުގައިވާ ރަޙްމަތުގެ މަލާއިކަތުން އެމީހަކު ދޫކުރައްވަވައި ދުރަށް ވަޑައިގަންނަވަނީއެވެ.
އެކަން އެނގެނީ ކިހނަކުންތޯ ސުވާލުކުރާނެ މީހުންނަށް ކުރިއާލައި ބުނެލާނަމެވެ. ހެޔޮލަފާ މީސްތަކުންނަށް އުނދަގޫވާ ކޮންމެ ކަމަކުން މަލާއިކަތުންނަށް އުނދަގޫފުޅުވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ރޮލަށް ލޮނުމިދާ ފިޔާ ކައިގެން މިސްކިތުގެ ޖަމާއަތަށް ނުދާން އޮތް ޙަދީޘްފުޅުންނެވެ.
ދުލުން ހަރުކަށި ނުބައި ބަސްތައް ބުނާނަމަ އެކަމުން އެންމެންނަށްވެސް އުނދަގޫވާނެއެވެ. އެތަނުގައި އަޑުއަހަން ހުންނަންވެސް ބޭނުމެއް ނުވާނެއެވެ. ވީމާ އެއުނދަގޫ މަލާއިކަތުންނަށްވެސް ކުރާނެއެވެ. ކުރީމާ އެމީހަކާ ދުރަށް ވަޑައިގަންނަވާނެއެވެ. ކޮން މަލާއިކަތުންނެއް ހެއްޔެވެ؟ ތިމާގެ ޙިމާޔަތާއި ރައްކައުތެރިކަމަށް ތިބާގާތުގައި ތިއްބެވި ރަޙްމަތުގެ މަލާއިކަތުންނެވެ.
މީސްތަކުންނޭވެ! ބުނާ ބަސްތަކުން ނަމަވެސް އެއްވެސް މީހަކަށް އުނދަގޫ ނުކުރާށެވެ! މީސްތަކުންގެ ހިތުގައި ނުޖައްސުވާށެވެ! ތިބާއަށް ދޫދެއްވަވާފައިވަނީ އެފަދަ ކަންކަން ކުރާކަށް ނޫނެވެ. ﷲ ތަޢާލާއަށް ޛިކުރުކުރުމަށެވެ. މީސްތަކުންނަށް ހެޔޮ ބަސްތައް ބުނުމަށެވެ.
- މުފްތީ މެންކުގެ ދަރުސަކުން