ޒަމާނީ ދިރިއުޅުން އުޅޭ ބައަކު އަބަދުވެސް އުޅޭނެއެވެ. ދާނީވެސް ގިނަވަމުންނެވެ. އެއިގެ ތެރޭގައި ފިރިހެނުންނާއި އަންހެނުންވެސް ހިމެނެއެވެ. މިއަދު ބަހެއް ބުނެލަން މިއުޅެނީ ޒުވާން ޢުމުރު ޒަމާނީ ދިރިއުޅުމުގައި ހޭދަކުރާ އަންހެނުންނަށެވެ.
މިހާރު އެންމެ ހޫނުގަދަވެގެން އުޅޭ އެއް ބަހުސަކީ އެންމެ އުފަލުގަ އުޅެނީ ވީހާ ގިނަ ފިރިހެނުންނާ މަސްހުނިވެ ގެއިން ބޭރުގައި ގިނަ ވަޤުތު ހޭދަކުރާ އަންހެނުންތޯ ނުވަތަ ދަރިން ބަލަން ގޭގައި ތިބޭ އަންހެނުން ކަމާއިމެދު ކުރެވޭ ބަހުސެވެ.
އަހުރެންގެ ވާހަކަ ޤަބޫލުކުރާނީ ކިތައް މީހުން ކަމެއް ނުއެނގެއެވެ. އަހުރެންގެ ވިސްނުމުން އެކަންޏެއް ނޫނެވެ. އަހުރެންނަށް ފެނިފައިވާ ކަންކަމަށް ބަލާއިރު ގިނަ ފިރިހެނުންގެ ތުންފުއްސަކަށްވެގެން އުޅޭ އަންހެނަކު މަރުވުމުން އޭނާގެ ޖަނާޒާގެ ބައިވެރިވެ އޭނާގެ މައްޗަށް ކަށުނަމާދުކޮށްދޭންވެސް އެއިން މީހަކު ނުދެއެވެ.
ނުދާނެ ނޫންހެއްޔެވެ؟ އެމީހުންނަކީ ދީނަށް ލޯބިކުރާ ބައެއް ނޫނެވެ. ﷲ އަށް ސަޖިދަކުރާ ބައެއް ނޫނެވެ. މިސްކިތްތަކަށް އަރައި ނަމާދުކުރާ ބައެއް ނޫނެވެ. އެމީހުންގެ ބޭނުން ފުދުމުން އެމީހުންނަށް އެނިމުނީއެވެ. އެމީހުންނަށް އެއްވެސް އަންހެނަކީ ޚާއްޞަ އަންހެނަކަށްވެސް ނުވާނެއެވެ.
އެއިގެ ބަދަލުގައި ގޭގައި އިނދެ ދަރިން ބަލާނަމަ އޭނާއަކީ އޭނާގެ ވާޖިބު އަދާކުރާ އަންހެނެކެވެ. އެފަދަ އަނހެނުން ދެކެ މީހުން ލޯބިވާނެއެވެ. އެއިގެ ތެރޭގައި ގިނަވާނީ ހެޔޮލަފާ މީހުންނެވެ. ވީމާ އެމީހުން އޭނާގެ ކަށުނަމާދަށްވެސް ދާނެއެވެ. އޭނާ އެވަނީ އޭނާއަށްޓަކާ ހެޔޮދުޢާކުރާނެ ދަރިން ތަރުބިއްޔަތުކޮށްފައެވެ. ކުރިން ބުނި ގޮތަށް އުޅޭ އަންހެނުންނަށް ހެޔޮދުޢާކުރާނީ ކާކުހެއްޔެވެ؟
އަދި އެއްވާހަކަ ބުނެލާނަމެވެ. ތުންފުއްސެއްގެ ގޮތުގައި އުޅެވޭނީވެސް ވަކި ޢުމުރެއްގައެވެ. ޢުމުރުން ދުވަސްވުމުން ބަދަލުވާނީ ފައިފުއްސަކަށެވެ. ދެން ޖެހޭނީ މަގުމަތީގައި ސަލާންޖަހާށެވެ.
ތިމާއަކީ އެންމެ ކުރީގައި ހުރި އަންހެނެއްކަން ދައްކަން ބައެއް އަންހެނުން މީހުންގެ ކުރިމަތީގައި ސިގިރެޓް ބޮއެވެ. އަދި އެންމެ ކުރިއަށް ޖެހިލަން ބަނގުރާވެސް ބޭނުންކުރެއެވެ. ސުވާލަކީ އެޖެހެވެނީ ކުރިއަށް ހެއްޔެވެ؟ ނޫނީ އެއީ އަމިއްލައަށް އިނދަޖެހުން ހެއްޔެވެ؟
އެންމެ ކުރިއަރައިދާން ބޭނުންނަމަ ނިކަން އަމިއްލަ މަސައްކަތުގައި ކުރިއަރައި ގޮސްބަލާށެވެ! ހަރުދަނާ އަންހެނަކަށްވެބަލާށެވެ. އެއާއިއެކު ނިކަން ތަޤްވާވެރިކަމުގައި ކުރިއަރައި ގޮސްބަލާށެވެ. އެއިރުން ދުނިޔޭގައި ވެސް އަދި އާޚިރަތުގައިވެސް އެމީހަކު ހުންނާނީ އެންމެ ކުރީގައެވެ. އިން ޝާ ﷲ
މިއީ މުސްލިމް އަންހެނަކު ބުނެފައިވާ ބަސްތަކެކެކެވެ. މިބަސްތައް އަޑުއިވުމުން މިބަސްތަކަށް ވިސްނަން އެތައް އިރެއްވަންދެން އިނދެވުނެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ކަމުދާ ބަސްތަކަކަށް ވާނެކަމުގެ އުންމީދުގައި ޙިއްޞާކޮށްލީއެވެ.
- އަލަފް / މިއަދުނޫހަށް