މީސްތަކުންނަށް ޖެހޭ އެންމެ ނުރައްކާތެރި 2 ބަލި ކަމަށް އިބްން އަލްޤައްޔިމް ރަޙިމަޙުﷲ ވިދާޅުވެފައިވަނީ ދެއްކުންތެރިކަމާއި ކިބުރުވެރި، ބޮޑާ ކަމެވެ. ސަބަބަކީ މިއިން ސިފައެއް އެމީހެއްގެ ކިބައިގައި ހުރެއްޖެނަމަ ސުވަރުގެ ނުވައްދަވާނެތީއެވެ.
ވިސްނާށެވެ! ޤިޔާމޖަތް ދުވަހު މީސްތަކުންގެ ތެރެއިން އެންމެ ފުރަތަމަ ނަރަކައަށް އެއްލައިލެވޭނީ ކާފިރުންނެއް ނޫނެވެ. މުސްލިމުންގެ ގޮތުގައި ދުނިޔޭގައި އުޅުނު 3 މީހެކެވެ. އެމީހުންގެ ކިބައިގައި ދެއްކުންތެރިކަމުގެ ސިފަހުރީތީއެވެ. ހަމައެއާއެކު އެމީހެއްގެ ހިތުގައި ބޮޑާކަމާއި ކިބުރުވެރިކަން ޛައްރެއްގެ މިންވަރަށް ހުރި މީހަކުވެސް ސުވަރުގެ ނުވައްދަވާނެކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
މިސިފަތައް އަހުރެމެންގެ ކިބައިގައި ހަރުލަނީ ނަމާދުގެ ކޮންމެ ރަކްއަތެއްގައި ކިޔަވާ އަލްޙަމްދުގެ މާނައަށް ނުވިސްނާތީއެވެ.
5﴾ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
"އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ." މިއާޔަތަށެވެ." މިއާޔަތަށެވެ.
އާދަމްގެފާނަށް ފާފައެއް ކުރެއްވެވުނު ހިނދު ކުރެއްވެވި ދުޢާއަށާއި އިބްރާހީމްގެފާނު އެބިޔަ ބޮޑު އަލިފާންގަނޑަށް އެއްލާލަން އުޅުނު ވަޤުތު ކުރެއްވެވި ދުޢާއަށާއި އައްޔޫބްގެފާނަށް ޖެހިވަޑައިގެންނެވި އާލާސްކަންފުޅުން ޝިފާއަށް އެދިވަޑައިގެން ކުރެއްވެވި ދުޢާއަށާއި ޔޫނުސްގެފާނު އެބިޔަ ބޮޑު މަހުގެ ބަނޑުގައި އޮންނަވައިގެން ކުރެއްވެވި ދުޢާއަށާއި އަދި މޫށާގެފާނު މަދިޔަނުގައި އެންމެ ނިކަމެތި ޙާލުކޮޅުގައި ހުންނަވައިގެން ކުރެއްވެވި ދުޢާއަށް ބަލާށެވެ!
ބަޔާން ކުރެއްވެވީ ﷲ ތަޢާލާގެ މަތިވެރިވަންތަކަމެވެ. ވާގިއެދިވަޑައިގަތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އެބޭކަލުންގެ ދުޢާ ވަޤުތުން ޢިޖާބަ ކުރެއްވެވިއެވެ.
ދެން ނިކަން ބުނެބަލާށެވެ! އެއްވެސް ކަމެއްގައި އެއްވެސް ބާރެއް ލިބިގެންވަނީ ކާކަށް ހެއްޔެވެ؟ އެހެންކަމަށްވާއިރު ތިމާއަކީ މާމަތީ މިހެއްކަމަށްވިސްނަންވީވެސް ކީއްވެގެން ހެއްޔެވެ؟ ބޮޑާވެ ކިބުރުވެރިވާން ލިބިގެންވަނީ ކޮން ޙައްޤެއް ހެއްޔެވެ؟ ހަމައެއާއެކު ތިމާ ކުރާކަންކަން ﷲ ތަޢާލާ ނޫން ފަރާތަކަށް ދައްކަން ބޭނުންވާންވީ ކީއްވެގެން ހެއްޔެވެ؟
އަހުރެންގެ އާދޭހަކީ މިނުބައި ދެބަލިންވެސް ރައްކައުތެރިވާށެވެ. ޤިޔާމަތް ދުވަހު ސަލާމަތްކަްނ ލިބެން އޮތީ އެއިރުންނެވެ.
- މަޢުލޫމާތު: ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން