ދެމަފިރިންގެ ޢަމަލުތައް މިގޮތަށް ބަހައްޓައިފިނަމަ ދެބަސްވުމާ ކަންބޮޑުވާންޖެހުމަށް އެދެމަފިރިއަކާ ކައިރިވެސް ނުވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ދެމަފިރިންގެ ޢަމަލުތައް މިގޮތަށް ބަހައްޓައިފިނަމަ ދެބަސްވުމާ ކަންބޮޑުވާންޖެހުމަށް އެދެމަފިރިއަކާ ކައިރިވެސް ނުވެވޭނެ! އިން ޝާ ﷲ

ދުވަހަކުވެސް އެއްވެސް މައްސަލައެއް ނުޖެހި އަބަދު އުފަލުގައި ތިބެވޭނެ ތަނެއްކަމުގައި ﷲ ތަޢާލާ ލައްވަވާފައިވަނީ ސުވަރުގެ އެވެ. އަހުރެމެން ތިބީ ސުވަރުގެއަކު ނޫނެވެ. މުސްލިމުންގެ ހުރަގޭގައެވެ. ދުނިޔެއަކީ އެމީހުންގެ ސުވަރުގެ ކަމުގައި ދެކެގެން އުޅޭ މީހުންނަށްވެސް އުޅެނީ މައްސަލަތައް ޖެހި އެކަމުން ސަލާމަތް ނުވެވިގެންނެވެ. އެހެންކަމަށްވާއިރު އަހުރެމެންނަށް އޮންނާނީ ކޮންގޮތެއް ހެއްޔެވެ؟  

ފުރތަމަ މިއަންހެނާގެ ވާހަކަ އަޑުއަހާށެވެ!  

އަހަރެމެން ދެމަފިރިންގެ ކައިވެންޏަށް މިވަނީ 30 އަހަރު ފުރިފައެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި 30 އަހަރު ހޭދަވީ ވަރަށް ކާމިޔާބުކަމާއެކުގައެވެ. ދެމީހުންގެ މެދުގައި ޙައްލުނުކުރެވޭވަރުގެ މައްސަލައެއް ނުޖެހެއެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ދޭންޖެހޭ ލޯތްބާއި އަޅައިލުންވެސް ދީގެންނެވެ. އަދި މިހާރުވެސް ކުރިއަށް މިދަނީ ހަމަ އެގޮތުގައެވެ. 

އަހަރެމެން އެކަކު އަނެކަކަށް ކުރާ އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެކަމަކީ އަނެކާގެ ކިބައިން ކަމަކަށް އެދޭނަމަ އެދުމުގެ ކުރިން އޭނާއަށް ބޭނުންވެފައި ހުރި ކިތަންމެ ކުޑަކަމެއް ނަމަވެސް ކޮށްލައިދީ އޭނާ އުފާކޮށްލައިދިނުމެވެ. ހަމަ އެއާއިއެކު އަނެކާ ކަމަކު އެދިއްޖެނަމަ ވީހާއަވަހަކަށް ކޮށްދޭން ދެމީހުންވެސް މަސައްކަތްކުރަމުއެވެ.  

ދެން ބުނެލަން ބޭނުންވަނީ ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވި ނަމަވެސް ދުވަހަކުވެސް އެކަކުވެސް ބާރަށް ބަސްބުނެ ނުހަދަމުއެވެ. ރުޅިގަދަވާން ޖެހޭ ވަރަކަށް އަޑުމަޑުކުރަމުއެވެ. އެކަމުގެ ސަބަބުން އެއްވެސް ކަމެއް ޒުވާބަކަށް ވެގެނެއް ނުދެއެވެ.  

އަހުރެންނަށްވުރެ ބޮޑަށް އަހުރެންގެ ފިރިމީހާ ހިފަހައްޓާ ކަމެއްވެސް ބުނެލާނަމެވެ. އެއީ ފިރިމީހާ އެދުނުކަމެއް ކޮށްނުދެވި ލަސްވާނަމަ ލަސްވެގެން ބަހެއް ނުބުނާނެއެވެ. ސުވާލުކުރާނީ ތިމަންނާ އެދުނު މިވެނިކަމެއް ހަނދާން އެބަހުރިތޯއެވެ؟ އެގޮތަށް ސުވާލުކުރީމާ އަހުރެން ވަރަށް ދެރަވެއެވެ. ލަދުވެސް ގަނެއެވެ. އެހެންވެ ފުރަތަމަ ކަމަކަށްވެސް މާފަށް އެދެނީއެވެ. 

އަހުރެން މިކިޔައިދިނީ އަހުރެމެން ދެމީހުންގެ މެދުގައި ބަހައްޓާ ބައެއް އާދަތަކެވެ. އަހުރެން ބުނާނީ ހަމައެކަނި މި މަދު މިންވަރަށް ޢަމަލުކުރިނަމަވެސް ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުން ވަރަށް މަދުވާނެއެވެ. މައްސަލަޖެހުން މަދުވި ވަރަކަށް ގުޅުން ބަދަހިވާނެއެވެ. ލޯބިވެސްދާނީ އިތުރުވަމުންނެވެ.  

މިއަންހެންމީހާ އެކިޔައިދިން ވާހަކަތަކަކީ ވަރަށް ޙިކުމަތްތެރި އަދި ޒަވާޖީ ޙަޔާތް އުފަލުގަ ހޭދަކުރަން އެދޭ މީހުންނަށް ޢިބްރަތްތެރި ފިލާވަޅަކަށް ވާނެތީ މިއަދުނޫހުހުގެ ކިޔުންތެރިންނަށް ހުށަހަޅައިލީއެވެ.

 

- އަލަފް / މިއަދުނޫހަށް

 

 

މިއަދު އޮންލައިން