އެކުވެރިޔާއަށް ދަތިޙާލެއް ޖެހުމުން އެހީތެރިވެދިނުމުގެ ނަމުގަ ނެރެގެން މާބޮޑު ދެރަދޭ އަންހެނުން ގިނަވެއްޖެ! ދެނީ އެހީތެރިނުވުމަށްވުރެ މާބޮޑު އަނިޔާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
އެކުވެރިޔާއަށް ދަތިޙާލެއް ޖެހުމުން އެހީތެރިވެދިނުމުގެ ނަމުގަ ނެރެގެން މާބޮޑު ދެރަދޭ އަންހެނުން ގިނަވެއްޖެ! ދެނީ އެހީތެރިނުވުމަށްވުރެ މާބޮޑު އަނިޔާއެއް!

މިހާރަކަށް އައިސް ނިކަމެތި ޙާލެއްގައި އަންހެނަކު ދިރިއުޅޭކަން އެނގިއްޖެނަމަ ފުރަތަމަ ކަމަކަށްވެސް އިސްކަން ދެވެނީ އޭނާއަށް އެހީތެރިވުމުގެ ނަމުގައި އޭނާގެ ކިބައިން ނާޖާއިޒު ފައިދާއެއް ނެގުމަށެވެ. އެކުވެރި އަންހެނުންވެސް އަދި ފިރިހެނުންވެސް އެކަމުގައި ޢަމަލުކުރަނީ ދާދި އެއް ގޮތަކަށެވެ. މިހެން ބުނަން ޖެހެނީ އެކުވެރި އަންހެނުން އެކަނބަލުން ގެއިން ނެރުވައި ފާފަކުރަން މަގުފަހިކުރުވާތީއެވެ. 

އެކުވެރި އަންހެނުން އެކަން ކުރަނީ ވަރަށް ހީލަތްތެރި ގޮތަކަށެވެ. މަޔޫސްކަން ފިލުވާލަން ބޭރަށް ގެންދިއުމުގެ ނަމުގައި ބޭރަށް ގެންގޮސް އޭނާ ވިއްކައިލަނީއެވެ. އެކަންކުރަނީ ދަތިޙާލުގައި ހުރި މީހާއަށް މިވަނީ ކީއްކަންވެސް ނުއެނގޭ ފަދަ މަކަރުވެރި ގޮތަކަށެވެ. 

ނިކަމެތި ޙާލެއްގައި އުޅެންޖެހިފައިވާ އަންހެނުންނަށް ބުނެލަން އޮތީ އެކުވެރިންގެ ތެރޭގައިވެސް ހުރިހާ ބާވަތެއްގެ މީހުން ތިބޭނެކަން ދަންނާށެވެ! އެއިގެ ތެރޭގައި ތިބާ ލައްވައި ފާފަކުރުވައިގެން އެކަމުގެ ފައިދާ ލިބިގަންނަން ބޭނުންވާ ބައަކުވެސް ތިބޭނެކަމަށް ވިސްނައިގެން އުޅޭށެވެ. އިބިލީހުގެ ބަހަށް ނުހެއްލޭ މީހުންވެސް އިންސާނުންގެ ބަހަށް ހެއްލޭކަމަށް ބުނާ ބުނުން ޤަބޫލުކޮށްގެން ތިބޭށެވެ. 

މިއީ ވަރަށް ނުބައިކަން ބޮޑު ކަމެކެވެ. ސަބަބަކީ އެއިރުން އޭނާއަށް އެހީތެރިވުމުގެ ނަމުގައި އެދެވެނީ މާނުބައި، މާބޮޑު ގެއްލުމެކެވެ. އެގޮތަށް އެކަން ނުކުރާށެވެ! ނިކަމެތި ޙާލުގައި ހުރި އަންހެނަކަށް އެހީތެރިވުމުގެ ނަމުގައި ބޭރަށް ގެންގޮސް ކައިވެނިކުރާނެކަމުގެ ޔަޤިންކަން ނެތް ފިރިހެނުންނަށް ތަޢާރްފަކޮށްދިނުން ފަދަ ކަންކަން ނުކުރާށެވެ. 

އެއިގެ ބަދަލުގައި އޭނާއަށް އެހީތެރިވެދީގެން އޭނާ އާއި އޭނާގެ ދަރިން ބަލަހައްޓައިދޭނެ ފަދަ ފިރިހެނަކު ފެނިއްޖެނަމަ ދެމީހުން ކައިވެނިކުރަން އެހީތެރިވެދޭށެވެ. އެގޮތަށް އެކަންކޮށްފިނަމަ ނިކަމެތި ޙާލުގައި ތިބި ޢާއިލާއަކަށް ތަނަވަސްކަން ހޯދައިދިނުމުން ދެއްވަވާނެ ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ 

ދެން އޮތީ މީގެ އަނެއްކޮޅެވެ. އެނިކަމެތި އަންހެނާ ބޭރަށް ނެރެ، މަގުފުރެއްދުމުން އޭނާ ކުރާ ފާފައިން އެކަން ކުރުވި މީހަކަށް ބައިއެޅޭނެއެވެ. އަދި އެމީހަކު ވާނީ ޝައިޠޯނާގެ ބައިވެރިއަކަށެވެ. މިއީ ކޮންފަދަ ނުބައިކަމެއް ހެއްޔެވެ؟ 

ވިސްނާށެވެ! އެކުވެރިޔާއަށް ނިކަމެތި ޙާލަތެއް ކުރިމަތިވެފައިވާނަމަ ފުރަތަމަ ކަމަކށް އޭނާއަށް އެހީތެރިވެދޭށެވެ. އެފެންވަރު ތިމާގެ ކިބައިގައި ނެތްނަމަ އޭނާއަށް އެހީތެރިކަން ލިބޭނެ މަގެއް ދައްކައިދޭން މަސައްކަތްކުރާށެވެ! މިއީ ކޮންމެ މުސްލިމަކުވެސް މިކަމުގައި ޢަމަލުކުރަން އޮތް ގޮތެވެ. އަދި ކުރިން ބުނިފަދައިން އެގޮތަށް ޢަމަލުކޮށްފިނަމަ އެމީހަކަށް ﷲ ތަޢާލާ ގިނަގުނަ ޘަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން