ޢާއިޝަތު ރަފާޙް ޢަލީ
ބަލިވުމުން ނުވަތަ ބަލިވެދާނެކަމަށްބަލައި ބޭސްކެއުމަކުން އަދި ނުފުދެއެވެ. ފުރިހަމަ ޞިއްޙަތެއްގައި ލެހެއްޓެވުން އެދިގެން ދުޢާކުރަންޖެހެއެވެ. ޖެހިފައިވާ ބައްޔަށް ޝިފާ ދެއްވެވުން އެދިގެންވެސް ދުޢާކުރަން ޖެހެއެވެ. ސަބަބަކީ ޝިފާ ލިބުން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަމްރަތުންކަމަށްވާތީއެވެ.
ކީރިތި ޤުރްއާނަކީ ހުރިހާ ބައްޔަކަށް ޝިފާއެކެވެ. ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ އިސްރާ ސޫރަތުގައި 82 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾
މާނައީ: ތިމަންރަސްކަލާނގެ قرآن ން مؤمن ންނަށް رحمة އާއި، شفاء ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ قرآن ން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ. (82)
އަޅުގަނޑުމެން ހުރިހާ ކަމެއްގެވެސް ޙައްލު ހޯދަން ޖެހޭނީ ކީރިތި ޤުރްއާނާއި ރަސޫލާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމް ގެ ސުންނަތުންނެވެ. އެހެންކަމުން މި ލިޔުމުގައި މިބަޔާން ކޮށްލަނީ ދުޅަހެޔޮ ޞިއްޙަތެއް ދެއްވުމަށް އެދި ކީރިތި ޤުރްއާނާއި ރަސޫލާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމް ގެ ސުންނަތުން އައިސްފައިވާ ބައެއް ދުޢާކަށެވެ.
ޔޫނުސް ސޫރަތުގެ 57 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
· يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾
މާނައީ: އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ތިޔަބައިމީހުންގެ ގާތަށް وعظ އަކާއި، ހިތްތަކުގައިވާ ބަލިތަކަށް شفاء އަކާއި، مؤمن ތަކުންނަށް ތެދުމަގަކާއި، رحمة އެއް އަތުވެއްޖެކަން ކަށަވަރެވެ. (57)
· بسمِ اللَّهِ الَّذي لا يضرُّ معَ اسمِهِ شيءٌ في الأرضِ ولا في السَّماءِ وَهوَ السَّميعُ العليمُ
މާނައީ:"ﷲ ގެ އިސްމުފުޅުގެ ބަރަކާތުން (ރައްކާތެރިކަން ލިބިގަންނަމެވެ.) އެކަލާނގެ އިސްމުފުޅުގެ ބަރަކާތާއެކު ބިމާއި އުޑުން އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި އެކަލާނގެއީ މޮޅަށް އައްސަވާ ވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
ކޮންމެ ހެނދުނަކާއި ހަވީރަކު މި ޛިކުރު 3 ފަހަރު ކިޔައިފި އަޅަކަށް އެއްވެސް ކަމަކުން ގެއްލުމެއް ނުވާނެކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)
· اللّهُـمَّ عافِـني في بَدَنـي ، اللّهُـمَّ عافِـني في سَمْـعي ، اللّهُـمَّ عافِـني في بَصَـري ، لا إلهَ إلاّ أَنْـتَ اللّهُـمَّ إِنّـي أَعـوذُ بِكَ مِنَ الْكُـفر ، وَالفَـقْر ، وَأَعـوذُ بِكَ مِنْ عَذابِ القَـبْر ، لا إلهَ إلاّ أَنْـتَ
މާނައީ: “އޭ ﷲ! މިއަޅާއަށް މިއަޅާގެ ހަށިގަނޑުގައި ދުޅަހެޔޮކަން ލައްވާނދޭވެ! އޭ ﷲ! މިއަޅާއަށް މިއަޅާގެ އެހުމުގައިވެސް ދުޅަހެޔޮކަން ލައްވާނދޭވެ! އޭ ﷲ! މިއަޅާއަށް މިއަޅާގެ ފެނުމުގައިވެސް ދުޅަހެޔޮކަން ލައްވާނދޭވެ! އިބަ އިލާހު މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އޭ ﷲ! ކާފިރުކަމުންނާއި ފަޤީރުކަމުން ރައްކާތެރިކޮށްދެއްވުމަށް މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން އެދި ދަންނަވަމެވެ. އަދި ކަށްވަޅުގެ އަޛާބުން ރައްކާތެރިކޮށްދެއްވުމަށްވެސް މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން އެދި ދަންނަވަމެވެ. އިބަ އިލާހު ފިޔަވާ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.”
Supplication 8: …اللهم عافني – Hadith Commentary
- اللهمَّ إنَّي أعوذُ بك من زوالِ نعمَتِك ، و تَحَوُّلِ عافيَتِك ، و فجْأةِ نقمتِك ، و جميعِ سَخَطِك
މާނައީ: ” އޭ ﷲ! މިއަޅާ އިބަ ﷲ ގެ ނިޢުމަތްތައް ފިލައިގެން ދިޔުމުންނާއި، އިބަ ﷲ ދެއްވާފައިވާ ދުޅަހެޔޮކަން ބަދަލުވުމުންނާއި، އިބަ ﷲ ގެ ޢަޛާބު ކުއްލިއަކަށް އައުމުންނާއި އިބަ ﷲ ގެ އެންމެހާ ކޯފާއިން، އިބަ ﷲ ގެ ހަޟްރަތުން ރައްކާތެރިކަން ހޯދަމެވެ.”
الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)
· «اللَّهُمَّ رَبَّ النَّاسِ، أذْهِب البَأسَ، اشْفِ أنْتَ الشَّافِي لاَ شِفَاءَ إِلاَّ شِفاؤكَ، شِفَاءً لاَ يُغَادِرُ سَقماً»
މާނައީ: ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! މިއަޅާއަށް ޖެހިފައިވާ ބަލި ފިލުއްވާނދޭވެ. އަދި މިއަޅާއަށް ޝިފާ ދެއްވާނދޭވެ. ބަލިތަކުގެ ޝިފާ ދެއްވެވޭ ހަމައެކަނި ފަރާތަކީ އިބަ ﷲ އެވެ. އިބަ ﷲ ގެ ޙަޟްރަތުން އަންނަ ޝިފާ ފިޔަވާ އެހެން ޝިފާއެއް ނުވެއެވެ. އެ ޝިފާ ލިބުމުން ބަލިމަޑުކަމުގެ އެއްވެސް އަސަރެއް ނެތި އެބަލިމަޑުކަން މުޅިން ފިލައިދަނިވި ޝިފާއެކެވެ."