ލިބޭ ކާމިޔާބީއަކާ ގުޅިގެން އެމީހަކު އަމިއްލައަށްވެސް އަދި މައިންބަފައިންވެސް މާޝާ ﷲ ނުބުނުމަކީ އެސްފީނާ ޖެހިދާނެ ކަމެއް!: ޝެއިޚް އާސިމް އަލް ޙަކީމް

ކިޔުމަށް ހޭދަވާނީ 3މ 2ސ
ލިބޭ ކާމިޔާބީއަކާ ގުޅިގެން އެމީހަކު އަމިއްލައަށްވެސް އަދި މައިންބަފައިންވެސް މާޝާ ﷲ ނުބުނުމަކީ އެސްފީނާ ޖެހިދާނެ ކަމެއް!: ޝެއިޚް އާސިމް އަލް ޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

ޝެއިޚް! މިސުވާލަކީ އާންމުކޮށް އަހާ ސުވާލެކެވެ. ކުރީގައި ރަނގަޅު ދަރިވަރުންގެ ގޮތުގައި ތިބި ގިނަ ބަޔަކު ކުއްލިއަކަށް ފަރުވާކުޑަވެ، ހިތްވަރު ގެއްލި، ނުބައްދަލު ކަންކަމުގައި ވަގުތު ބޭކާރުކޮށް، އެމީހުން ކުރަނީ ނުބައި ކަމެއްކަން އިހުސާސްކުރެއެވެ. އަދި މިކަން ރަނގަޅުކުރަން މަސައްކަތްކުރާއިރު، އެމީހުންނަށް އާނބަ އައިސް، ފަރުވާކުޑަވެ، ނިދި އަންނަން ފަށައެވެ. އެމީހުންނަށް މިކަންކަން ރަނގަޅުކުރަން ނުކުޅެދެއެވެ. އެހެންވީމާ މިއީ ކޯއްޗެއްތޯ؟  

ޖަވާބު:  

އަޅުގަނޑު ބަލާފައިވާ ގިނަ މައްސަލަތަކުގައި މިކަން ގުޅިފައިވަނީ އެސްފީނާ އާއިއެވެ. ގިނަ އަޚުންނާއި އުޚުތުން އަޅުގަނޑަށް ގުޅައި، އަދި ބައެއް މީހުން ކައުންސެލިންގ ސެޝަންތަކަށް އަންނައިރު، އަޅުގަނޑު އެ ފަރާތްތަކާ ވާހަކަދައްކައި، ކަން ހިނގާގޮތުގެ ހިންޓުތައް ދީ، އެ ފަރާތްތަކަށް ކުރަންޖެހޭ ކަންތައްތައް ބުނެދެމެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ، އެ ފަރާތްތަކުން އަމިއްލައަށް އެ ކަންކަން ކުރުމުން، 3 އިން 5 ދުވަހުގެ ތެރޭގައި އެ ޙާލަތު ރަނގަޅުވެއެވެ. އަޅުގަނޑު އެ ފަރާތްތަކަށް އެކަން ނުކޮށްދެމެވެ. އަދި އެހެން މީހުން ލައްވާ އެކަން ކުރުވުމަށްވެސް ނުބުނަމެވެ. އެ ފަރާތްތަކުން އަމިއްލައަށް އެކަން ކުރުމުން އެކަން ރަނގަޅުވެއެވެ.

މިއީ އެސްފީނާގެ ކަމެކެވެ. އަޅުގަނޑަށް ހަނދާންވަނީ އެއްފަހަރު މަޝްހޫރު ދާޢީއެއް އަޅުގަނޑަށް ގުޅާފައި ބުނި، "ޝައިޚް، އަޅުގަނޑަށް މިވަނީ ކަންބޮޑުވުމާއި، ކަންކަމަށް ޝައުޤުވެރިކަން ގެއްލި، ދަރުސްތައް ދޭން ނުކުޅެދި، އެއްވެސް ކަމެއް ކުރަން ނުކުޅެދިފައެވެ." އަދި އޭނާ ރޮއެވެ. އެހެންވީމާ އަޅުގަނޑު އޭނާއަށް ބުނީ މިއީ އެސްފީނާ ކަމެއްކަމަށެވެ. ފަރުވާއަކީ ކޮބައިތޯ؟ ފަސޭހަކޮށްދޭނީ ކާކުތޯ؟ އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. މިއީ އަސާސީ ކަމެކެވެ. މިކަން އެނގުމަށް ތިބާ ރޮކެޓް ސައިންޓިސްޓަކަށް ވާކަށް ނުޖެހެއެވެ. ތިބާ ވާންޖެހެނީ މުސްލިމަކަށެވެ. 

އެހެންކަމުން އަޅުގަނޑު އޭނާއަށް ލަފާދިނީ ފިރިމީހާއާއެކު ޢުމްރާއަށް ގޮސް، ޢުމްރާ ނިންމުމަށްފަހު، ކަޢުބާގެ ކައިރީގައި ނަމާދުކޮށް، އަތްތިލަ އުފުލައި، އޭނާއަށް ދިމާވެފައިވާ ކަންކަމުން ސަލާމަތްކޮށްދެއްވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ދުޢާކުރުމަށެވެ. އަދި އެސްފީނާއިން ސަލާމަތްވުމުގެ ނިޔަތުގައި ގިނަގިނައިން ޒަމްޒަމް ފެން ބުއިމަށެވެ. ދެތިން ގަޑިއިރު ފަހުން، އަލްޙަމްދުލިﷲ، އޭނާ ގުޅާފައި ބުނީ އޭނާ މުޅިން ރަނގަޅުވެއްޖެ ކަމަށެވެ. 

އެހެންކަމުން އަހަރެން ޤަބޫލުކުރާ ގޮތުގައި، ކުރީގައި ސްކޫލުގައި ރަނގަޅު ދަރިވަރުންގެ ގޮތުގައި ތިބެ، ކުއްލިއަކަށް ނުބައި ކަމެއް ދިމާވެ، ކުރިއަށް ދިއުމަށް ނުކުޅެދޭ އަޚުންނާއި އުޚުތުންގެ ގިނަ މައްސަލަތަކަކީ ނަޒަރުބަލާ ކަމެވެ. މިކަން ވެދާނެ ތިބާގެ މައިންބަފައިންގެ ފަރާތުންވެސް، އެމީހުން ތިބާދެކެ ލޯބިވެ، ތިބާގެ ކިބައިން ފެންނަ ރަނގަޅު ކަންކަމަށް "މާޝާﷲ" ނުބުނެ "ވަރަށް ރަނގަޅު" ބުނުމުންވެސްމެއެވެ. 

އެސްފީނާއަކީ ކޮންމެހެން ދުޝްމަނަކު ނުވަތަ ނުރުހޭ މީހަކު ކުރާ ކަމަކަށް ވާކަށް ނުޖެހެއެވެ. ތިބާއަށް އަމިއްލައަށްވެސް ތިބާގެ އެސްފީނާވެސް ތިބާއަށް އައިސްދާނެއެވެ. ތިބާ ލޮލަށް ބަލާއިރު، ތިބާއަށް އަމިއްލައަށް އެސްފީނާ ޖެހިދާނެއެވެ. އަދި ތިބާގެ އެއްބަނޑު އެއްބަފާ މީހުންގެ ފަރާތުންވެސް ތިބާއަށް އެކަން ދިމާވެދާނެއެވެ. މިއީ ރުޅިވެރިކަމުގެ ސަބަބުން ނޫނެވެ. އެހެނަސް އެމީހުން ދެކޭ އެއްޗެއް ﷲ ގެ ޤަދަރާ ދިމާވުމުގެ ސަބަބުންނެވެ. މީގެ އިތުރުން، މީހަކަށް ނޭނގި  ނުބައި ރޫޙެއް ހުރެދާނެއެވެ. އެއީ އޭނާ "މާޝާﷲ" ނުބުނުމުގެ ސަބަބުންނެވެ. އެހެންކަމުން އިން ޝާ ﷲ، ތިބާ މިކަންކަން ކޮށްފިނަމަ، ދެތިން ދުވަހެއްގެ ތެރޭގައި ތިބާ ރަނގަޅުވާނެ ކަމަށް އުންމީދުކުރަމެވެ.

މިއަދު އޮންލައިން