ކަމެއް ކުރިމަތިވާއިރަށް މީހުންގެ ލަފާހޯދަން މަސައްކަތްކުރާ ދެމަފިރިއަކަށް އުފަލުގަ އުޅެވުން ވާނީ ނާދިރު ކަމަކަށް! ގާތީ އެއްވެސް ކަމެއް ޙައްލުނުކުރެވިގެން ވަކިވާންޖެހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ކަމެއް ކުރިމަތިވާއިރަށް މީހުންގެ ލަފާހޯދަން މަސައްކަތްކުރާ ދެމަފިރިއަކަށް އުފަލުގަ އުޅެވުން ވާނީ ނާދިރު ކަމަކަށް! ގާތީ އެއްވެސް ކަމެއް ޙައްލުނުކުރެވިގެން ވަކިވާންޖެހުން!

ޖެހުނު މައްސަލައިގެ ކުޑަބޮޑުމިނަށް ނުބަލާށެވެ! އެކަމެއް ޙައްލުކުރަން ދެމަފިރިން މަޝްވަރާކުރާށެވެ! މަޝްވަރާ ހޫނުވެސްވެދާނެއެވެ. ހަމަޤައިމުވެސް އެއިރުން ބޭޒާރެއް ނުވާނެއެވެ. ދެމަފިރިންގެ ކަންކަން އެނގި ފިތުނަ އުފައްދަން ފުރުޞަތެއް ނުލިބޭނެއެވެ.  

ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ބުއްދީގެ ނުވަތަ ވިސްނުމުގެ ބޭނުން ހިފުމެވެ. ކޮންމެ މީހަކަށްވެސް ﷲ ތަޢާލާވަނީ އެކަމުގެ ކުޅަދާނަކަން ދެއްވަވައިފައެވެ. އެކި މީހުންނަށް އެކިވަރަށެވެ. ކޮންމެ މީހަކަށްވެސް ކޮންމެވެސް މިންވަރަކަށް ލިބިފައިވާނެއެވެ.  

އެހެންކަމާއިއެކުވެސް ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އެއްވެސް ކަމެއް ރަނގަޅަށް ކުރަންވީގޮތް އޭނާއަށް ނުއެނގޭނެ ކަމަށެވެ. މިވެނި އެވެނި އެވެނި މީހެއްގެ ވިސްނުން މާރަނގަޅުވާނެ ކަމަށެވެ. އެހެންވެ އޭނާއަށް ދެއްވެވި ބުއްދީގެ ބޭނުން ހިފަން އޭނާ މަސައްކަތެއްވެސް ނުކުރެއެވެ. އަބަދުވެސް ބަރޯސާވަނީ އެހެން މީހުން ބުނެދޭ ގޮތަށެވެ.  

މިއީ ރަނގަޅު ގޮތެއް ނޫނެވެ. ﷲ ތަޢާލާ އެމީހަކަށް ދެއްވަވާފައި ނިޢުމަތުގެ ބޭނުން ކުރަންވާނެއެވެ. އެކަން އިތުރަށް ކުއަރަިގެންދާނީ އެމީހަކު އެކަމުގެ ބޭނުން ހިފާމިންވަރަކުންނެވެ. އަދި ބޭނުން ހިފާ ގޮތަކުންނެވެ.  

ފާހަގަކޮށްލަން މިއުޅޭ އެންމެ މުހިންމު ކަމަކީ ދެމީހެއްގެ ޒަވާޖީ ޙަޔާތުގައި ޖެހޭ މައްސަލަތައް ޙައްލުކުރަން ބޭނުންނަމަ ފުރަތަމަ ކަމަކަށް އަމިއްލައަށް އެކަމަށް މަސައްކަތްކުރާށެވެ! ކަމެއްޖެހޭ އިރަށް އެކަމެއް އެހެން މީހުންނަށް ޙިއްޞާނުކުރާށެވެ. އެހެން މީހަކަށް ޙިއްޞާކުރަންވާނީ އަމިއްލައަށް ގޮތް ނިންމަން އުނދަގޫވެއްޖެނަމައެވެ.  

ނިކަން ބުނެބަލާށެވެ! މިޒަމާނުގައި އިތުބާރުކުރެވޭނީ ކާކަށް ހެއްޔެވެ؟ ފުރުޞަތެއް ލިބިއްޖެނަމަ ބުރަކަށްޓަށް ވަޅި ނުހަރާނީ ކާކުހެއްޔެވެ؟ އެއީ ވަރަށް މަދުބައެކެވެ. ގިނަވާނީ އެމީހަކަށް ފައިދާކުރާނެ ގޮތަކަށް ކިތަންމެ ކުޑަފުރުޞަތެއް ލިބުނަސް އެންމެ ގާތްމީހާއަށް ނަމަވެސް ނުބަލައި އެމީހާއަށް އުފާވެރިކަން ހޯދަން މަސައްކަތްކުރާނެ މީހުންނެވެ.  

މިއީ ދެމަފިރިންކުރެ ވަކި މީހަކަށް ބުނާ ބަހެއް ނޫނެވެ. މިބަސް މިބުނީ ދެމީހުންނަށް އެއްވަރަކަށެވެ. ދެމީހުންވެސް ވިސްނައި ޢަމަލުކުރުމަށެވެ. ކާމިޔާބު ދެމަފިރިއަކަށް ވެވޭނީ ދެމީހުންގެ މެދުގައި ޖެހޭ މައްސަލަތައް އަމިއްލައަށް ޙައްލުކުރެވިގެންނެވެ. ދެމީހުންގެ ދެމެދަށް ވަދެގަތުމުގެ ފުރުޞަތު ހަމައެކަކަށްވެސް ނުދޭން މަސައްކަތްކުރުމުންނެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން