އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ނުހިތާ، އަދި އިސްލާމް ދީނަށް ގެއްލުންދެމުންދާ މީހުންނާއިއެކުގައި އުޅެމުން، އެމީހުންނަށް ލޯބިކުރަމުން "އަހުރެން މިހުރީ އިސްލާމްދީނުގަ" ކަމަށް ބުނާ ބައަކު އުޅެއެވެ.
އެއްވެސް މީހަކީ ނަރަކަވަންތަވެރިއެއް ކަމަށް ނުވަތަ ސުވަރުގެ ވަންތަވެރިއެއް ކަމަކަށް ނުބުނެވޭނެއެވެ. ބުނެގެންވެސްނުވާނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ނަމަވެސް ޙަދީޘްފުޅުތަކުން އެނގެން ހުރި ކަންކަން ބައިވަރެވެ. އެއިގެ ތެރެއިން އެއްކަމަކީ އެމީހަކު މަޙްޝަރު ކުރައްވަޥާނީ އެމީހަކު އެންމެ ލޯބިވީމީހަކާއި ނުވަތަ ބައަކާއިއެކުގައި ކަމެވެ.
ތިރީގައިވާ ލިޔުމުގައިވާ ޙަދީޘްފުޅުގައި "އަދި ﷲ ތަޢާލާ އެމީހަކީ ނުބައިކަމަށް މަގުފަހިކޮށްދޭ މީހެއްގެ ގޮތުގައި ލައްވައިފިމީހަކަށް ހަލާކު ހުއްޓެވެ." އޮތް ބަސްފުޅުގެ މާނައަކީ މިވެނި މީހަކީ ނުބައިކޮށް ކަންކަން ކުރާ މީހަކު ކަމުގައި ﷲ ތަޢާލާ ލެއްވެވުމެއް ނޫނެވެ. އެމީހަކު ނުބައިކޮށް ކަންކަން ކުރަންބޭނުންވެ ނުބައިކޮށް ކަންކަން ކުރާތީ އެގޮތަށް އެކަން ކުރަން ދޫކޮށްލައްވަވަނީއެވެ. އޭނާއަށް ދެއްވެވި އިޚްތިޔާރުގެ ބޭނުން އޭނާ ބޭނުންގޮތަކަށް ހިފަން ދޫކޮށްލައްވަވަނީއެވެ. އެކަމަށް ޙައްޤު ޖަޒާ ޤިޔާމަތް ދުވަހު ދެއްވަވާނެތެވެ.
ވިސްނަން އޮތް ކަމަކީ ނުބައިކޮށް ކަންކަން ކުރާ މީހުންނަކީ ބަޠޮލުން ކަމަށް ބަލައި އެމީހުން ދެކެ ލޯބިވާނަމަ އެމީހުންނާއިއެކު މަޙްޝަރުކުރައްވަވައިފާނެ ކަމެވެ. އެފަދަ މީހަކު ކަމުގައި ވެއްޖެނަމަ ތިމާގެ ޙާލާއިމެދުގައެވެ.
މީސްތަކުންގެ ތެރޭގައިވާ ހެޔޮކަމަށް މަގުފަހިކޮށްދޭ މީހުން!
- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِنَّ مِنَ النَّاسِ مَفَاتِيحَ لِلْخَيْرِ، مَغَالِيقَ لِلشَّرِّ، وَإِنَّ مِنَ النَّاسِ مَفَاتِيحَ لِلشَّرِّ مَغَالِيقَ لِلْخَيْرِ، فَطُوبَى لِمَنْ جَعَلَ اللَّهُ مَفَاتِيحَ الْخَيْرِ عَلَى يَدَيْهِ، وَوَيْلٌ لِمَنْ جَعَلَ اللَّهُ مَفَاتِيحَ الشَّرِّ عَلَى يَدَيْهِ» [رواه ابن ماجه (237) وحسنه الألباني في صحيح الجامع الصغير (2223)]
މާނައީ: "ހަމަކަށަވަރުން މީސްތަކުންގެ ތެރޭގައި ހެޔޮކަމަށް މަގުފަހިކޮށްދީ، ނުބައިކަމުގެ ދޮރު ބަންދުކުރާ ބަޔަކުވެއެވެ. އަދި ހަމަކަށަވަރުން މީސްތަކުންގެ ތެރޭގައި ނުބައިކަމަށް މަގުފަހިކޮށްދީ، ހެޔޮކަމުގެ ދޮރު ބަންދުކުރާ ބަޔަކުވެއެވެ. ފަހެ ﷲ ތަޢާލާ އެމީހެއްގެ އަތްމައްޗަށް ހެޔޮކަމަށް މަގުފަހިކޮށްދެއްވައިފި މީހަކަށް ހެޔޮކަން (ނުވަތަ ސުވަރުގޭގައިވާ ގަހެއްގެ އުފާވެރިކަމުގެ ޚަބަރު) ވެއެވެ. އަދި ﷲ ތަޢާލާ އެމީހަކީ ނުބައިކަމަށް މަގުފަހިކޮށްދޭ މީހެއްގެ ގޮތުގައި ލައްވައިފިމީހަކަށް ހަލާކު ހުއްޓެވެ."
ޢަރަބި ބަހުގައި "طُوبَى"ގެ މާނައަކީ ހެޔޮކަމެވެ. އަދި ޙަބަޝާގެ އަހުލުވެރިންގެ ބަހުރުވައިގައި އެއީ ބަގީޗާއެވެ. ކީރިތި ޤުރުއާނާއި ސުންނަތުގައިވެސް "ޠޫބާ" ގެ ވާހަކަ ބަޔާންކުރައްވާފައި ވެއެވެ. އަދި ސަލަފުންގެ ބޭކަލުން އެ ކަލިމަ ޝަރަޙަކުރައްވާފައިވެސް ވެއެވެ. އެބޭކަލުން އެ ކަލިމައިގެ ޝަރަޙައިގައި ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކުގެ ތެރޭގައި:
- އުފާވެރިކަމާއި ލޮލުގެ ފިނިކަން
- ހެޔޮ ރަނގަޅު ނިމުން
- ހެޔޮކަން
- މާތްކަން
- ސުވަރުގެ
- ސުވަރުގޭގައިވާ ގަހެއް
އެއީ ސުވަރުގޭގައިވާ ގަހެއްކަން ބަޔާންކުރައްވާފައިވާ ޙަދީޘްތަކެއް ވެއެވެ. އެހެނަސް އެ ޙަދީޘްތަކުގެ ޞައްޙަކަމާ މެދުގައި ޢިލްމުވެރިން ޚިލާފުވެވަޑައިގެންފައި ވެއެވެ. އޭގެ ތެރެއިން ބައެއް ޙަދީޘްތަކުން ޙުއްޖަތް ނެގޭ ކަމުގައި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ.
[ބައްލަވާ: صحيح الترغيب للألباني (3729) ومسند أحمد - طبعة الرسالة (17642)]