އަހުރެންގެ މަންމައާއި ބައްޕައަކީ ކައިވެނިކުރީންސުރެ ވަރަށް ލޯބިން އެކުގައި އުޅެމުން އަންނަ ދެމަފިރިންނެވެ. ދުވަހަކު ދެބަސްވި އަޑެއްވެސް ނުއިވެއެވެ. ބައްޕަގެ ޢުމުރަކީ 65 އަހަރެވެ. މަންމަގެ ޢުމުރަކީ 60 އަހަރެވެ. ކައިވެންޏަށް 45 އަހަރެވެ. 5 ދަރިން އެބަ ތިއްބެވެ. ދުވަހަކުވެސް ދެމަފިރިން ބާރަށް ބަހެއް ބުނި އަޑެއްވެސް އިވިފައެއް ނެތެވެ.
އެދުވަސްކޮޅަކީ ބައްޕަގެ ކިބައިން ކުރިން ނުފެންނަ ކަންތައްތަކެއް ފެންނަމުން އައި ދުވަސްކޮޅެކެވެ. އަހުރެންގެ އިހްމާލު ޤަބޫލުކުރަމެވެ. އެހެން މީހުންނަށް ރުޤްޔާކުރަން ހަދައިގެން ބައްޕަގެ ކަންތަކުގައި އޮތީ ފަރުވާކުޑަކުރެވިފައެވެ.
އެއްރޭ ބޭރުން އައިސް ގެއަށް ވަންއިރު މަންމަ އާއި 4 ބެއިން ރޮނީއެވެ. އެއިރުވެސް އަޑަށް ބާރުލާފައި ބައްޕަ ބުނެއެވެ. "މިބުނަނީ ނޫންހެއްޔެވެ؟ އަހުރެންގެ އެއްވެސް ދަރިއަކު ނުހުންނާނެއެވެ. ތިބީ ހައްތާވެސް ޒިނޭކޮށްގެން ހޯދާފަ ތިބި ކުދިންނެވެ."
އަހުރެންނަކަށް ނުހުރެވުނެވެ. ގޮސް ބައްޕަގެ ކަރުގަ ހިފާފަ ބުނީމެވެ. "ކަލޭ ފުރާނަ ބޭނުމިއްޔާ ހަމަމިހާރު ދާށެވެ. ނޫނީ އަހުރެން ކަލެއަށް ހަދާގޮތް ދައްކައިލާނަމެވެ. އިން ޝާ ﷲ"
އެހެން ބުނެފައި ގޮސް ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުތްއިރު ބައްޕަ އިނީ ހަމައެކަށް އެޅިފައެވެ. ސުވާލުކޮށްލީމެވެ. "ބައްޕަގެ ކިތައް ދަރިން އެބަތިބި ހެއްޔެވެ؟" ޖަވާބުގައި ބުނީ 5 ދަރިން ކަމަށެވެ. ބައްޕަގެ އަނގައިން ބޭރުވިނަމަވެސް ކުރިން ބައްޕަ ދެއްކި ވާހަކައަކީ ޝައިޠޯނާ ދެއްކި ވާހަކަކަން ޔަޤީންވެ ނިމުނީއެވެ.
ދެން އިތުރު ސުވާލެއް ނުކޮށް ބައްޕަ ކައިރީައި އިނދެ ކިޔަވަން ފެށީމެވެ. އަހުރެންނަށް އެނގޭ ހުރިހާ ހަތިޔާރެއްގެ ބޭނުންކުރީމެވެ. ބައްޕަ އޮތީ ލޯމަރައިގެންނެވެ. ކިޔަވާތާ 3 ގަޑިއިރުފަހުން ބައްޕަ ލޯހުޅުވައިލާފައި ބުންޏެވެ. "އެމީހާ އަނދައި ނިމިއްޖެއެވެ."
ބައްޕަ ގާތުގައި ނުތެދުވެ އަރާމުކޮށްލަން އޮންނަން ބުނެފައި ގޮސް ކާން އިށީނުމުން މަންމަ ފުރަތަމަވެސް ސުވާލުކުރީ ބައްޕަގެ ކަރުގަ ހިފާފައި އެހައި ހަރުކަށި ބަސްތައް ބުނީ ކީއްވެގެންތޯއެވެ؟ އެފަދަ ކަމެއް ދެން ނުކުރަންވެސް ބުންޏެވެ. ޖަވާބުގައި ބުނީމެވެ. "މަންމާއެވެ! އަޅުގަނޑުގެ އަޑެއް ބައްޕައަކަށް ނުއިވޭނެއެވެ. (ހަނދާނެއް ނުހުންނާނެއެވެ.) އަހުރެން ބައްޕަގެ ކަރުގަ ހިފިނަމަވެސް އެހިފީ އެޝައިޠޯނާގެ ކަރުގައެވެ. ބުނި އެއްޗެއް ބުނީވެސް އެ ޝައިޠޯނާ އަށެވެ. ބައްޕަ ދޫކޮށްލާފައި ނުކުމެގެން އެދިއައީ ސަލާމަތްވެވޭނެ ކަމަށެވެ."
މިވާހަކަ އޭނާ ކިޔައިދީފައިވަނީ ޢާންމުކޮށް އެމީހަކު ނުދައްކާ ޒާތުގެ ވާހަކައެއް ދައްކައިފިނަމަ އެމީހަކު ދެކެ ރުޅި ނައިސް ރުޤްޔާކުރަން ޖެހޭ ސަބަބު ބަޔާންކޮށްދޭން ދައްކާފައިވާ ވާހަކައެއްގައެވެ.
މީހަކަށް ރުޤްޔާ ކުރަމުން ރާއްޖޭގެ ޝައިޚަކުވެސް ހަމަ މިގޮތަށް ކަރުގައި ހިފައި އެފަދަ ބަސްތަކެއް ވިދާޅުވި އަޑު ވަނީ އިވިފައެވެ. ތަފާތަކީ މައްސަލަ ޙައްލުކުރަން ޢަމަލުކުރެއްވިގޮތެވެ. އެހެންކަމުން މިވާހަކައަކީ ޙަޤީޤަތެއް ކަމަށް ޤަބޫލުކުރެވެއެވެ.