ނަރަކައިގެ ޢަޛާބުގެ ގަދަފަދަ ކަމާއި ތިމާއަށް ހުރީ ނަރަކައިގެ އެންމެ ގަދަފަދަ ޢަޛާބްކަން އެނގިހުރެ މީސްތަކުން ނަރަކައަށް ވައްދުވަން ގަދައަޅައި މަސައްކަތްކުރަމުން ގެންދާ ޝައިޠޯނާ އެންމެ ބޮޑަށް ނިކަމެތިވި 4 ފަހަރެއްވެއެވެ.
1 ﷲ ތަޢާލާ އިބްލީހަށް ލަޢްނަތް ލެއްވެވި ހިނދު
2 އުޑުން ބޭރުކޮށް ލެވުނު ހިނދު
3 ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އުފަންވެވަޑައިގަތުން
4 ސޫރަތުލްފާތިޙާ (އަލްޙަމްދު ބާވައިލެއްވެވުމުން)
ރަނގަޅަސް ވިސްނައިފިނަމަ ޝައިޠޯނާއަށް އެއްވެސް ބާރެއް ލިބިގެނެއް ނުވެއެވެ. މީހަކު ލައްވައި އެއްވެސް ކަމެއް ނުކުރުވޭނެއެވެ. ޝައިޠޯނާ ދޭނީ ވަސްވާހެވެ. މީސްތަކުން ހެއްލި ޝައިޠޯނާ އެދޭ ވަސްވާސްތަކަށް ޢަމަލުކުރަނީއެވެ.
ރަނގަޅު ގޮތުގައި ތަޤްވާވެރިކަން އިތުރުކުރަން މީހަކު ަމސައްކަތްކުރާނަމަ ޝައިޠޯނާ ދާނީ ދެރަވެ ނިކަމެތިވަމުންނެވެ. އެމީހަކާއި ވައިވެސް ނޭޅެވޭނެއެވެ. އަދި އެމީހާ ދެކެ ބިރުގަންނަންވެސް ފަށާނެއެވެ.
އެކަމުގެ ދަލީލަކީ ޢުމަރުގެފާނު ފެނުމުން ޝައިޠޯނާ ފިލާކަމެވެ. ޢުމަރުގެފާނު ވަޑައިގަންނަވާ މަގަކުން ދާންވެސް ޝައިޠޯނާ ބިރުގަނެއެވެ. މިދަރަޖައަކީ ޢުމަރުގެފާނު ފަދައިން ޢަމަލުކުރެވިއްޖެނަމަ ހަމަ ކޮންމެ އިންސާނަކަށްވެސް ޙާޞިލްކުރެވެން އޮތް ދަރަޖައެކެވެ.
Once the Prophet (PBUH) said to Umar b. al-Khattab:
“By Him in Whose Hands my life is, whenever Satan sees you taking a way, he follows a way other than yours”
(Sahih al-Bukhari).
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރު ލިބިގެނެއްނުވެއެވެ. މަގުފުރެދިގެންވާ މީހުންގެތެރެއިން ކަލޭގެއަށް ތަބަޢަވާ މީހުން މެނުވީއެވެ."
(އަލް ހިޖްރް: 42)
ﷲ ތަޢާލާގެ ވަޙީބަސްފުޅަށް ޝައިޠޯނާ އެއްބަސްވިއެވެ.
"އެކަލޭގެ ދެންނެވިއެވެ. ފަހެ، އިބަރަސްކަލާނގެ ޢިއްޒަތްތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެއުރެންގެ އެންމެން މަގުފުރައްދާހުށީމެވެ."
"އެއުރެންކުރެ، އިބަރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ އަޅުން މެނުވީއެވެ."
(ޞޯދް: 82،83)
ވީމާ ފާފަތައްކުރުމަށްފަހު އެއީ ޝައިޠޯނާ ކުރުވިކަމެއް ކަމަކަށް ނުބުނެވޭނެއެވެ. އަދި އެފަދަ ބަހެއް ﷲ ތަޢާލާ ޤަބޫލުފުޅެއްވެސް ނުކުރައްވަވާނެތެވެ. އަހުރެމެން ކޮންމެ އިންސާނަކަށްވެސް ﷲ ތަޢާލާ ވަނީ އިކްތިޔާރުތަކެއް ދެއްވަވައިފައެވެ. އެއިގެ ތެރޭގައި ފާފަކުރުމާއި ނުކުރުން ވަނީ ހިމެނިގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން