މިއަދުގެ ޙާލަތުގަ ދުވާލަކު 100 ފަހަރު އަސްތަޣްފާރުކުރުމަކުން ނުފުދޭ! 1000 ފަހަރުވެސް މާމަދު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
މިއަދުގެ ޙާލަތުގަ ދުވާލަކު 100 ފަހަރު އަސްތަޣްފާރުކުރުމަކުން ނުފުދޭ! 1000 ފަހަރުވެސް މާމަދު!

ދައްކަން މިއުޅެނީ މަރަށް ތައްޔާރުވުމުގެ ވާހަކައެވެ. އެކަމަށް ފެށުމުގެ ކުރިން ބަހެއް ބުނެލާނަމެވެ. ދުވާލަކު 70 ނުވަތަ 100 ފަހަރު އަސްތަޣްފާރުކުރާ ބައަކު ތިބޭނެއެވެ. އަހުރެން ބުނާނީ މިއަދުގެ ޙާލަތުގައި އެވަރަކުން އަދި ނުފުދެއެވެ. ފުދެން ކައިރިވެސް ނުވެއެވެ. ދުވާލަކު 1000 ފަހަރުވެސް މާމަދެވެ. 

ދުނިޔޭގެ ތާރީޚަށް ވިސްނުމުން އެނގެނީ ދުނިޔޭގައި އުޅުނު އެންމެ ބޮޑެތި މުއްސަނދިންނާއި އެންމެ ބާރުގަދަ ވެރިންތައްވެސް މަރުވެގޮސްފައިވާ ކަމެވެ. އަދި އެއިގެ ތެރެއިން ގިނަ ބައަކު މަރުވެ ގޮސްފައިވަނީ މަރަށް ތައްޔާރުނުވެވި އުޅެނިކޮށްކަމެވެ. ޖާހިލުކަންމަތީގައިކަމެވެ. ވީމާ ދުނިޔޭގެ ތާރީޚަށް ވިސްނާ މީހާއަށްވެސް ފުރަތަމަކުރަން އޮތް ކަމަކީ މަރަށް ތައްޔާރުވުމެވެ. 

ދުނިޔެއަށް އުފަންވުމުން ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ޔަޤީންކުރެވޭނެ ކަމަކީ މަރުވާނެ ކަމެވެ. ވީމާ މުހިންމީ މަރުވާނެ ދުވަހާއިމެދު ވިސްނުމެއް ނޫނެވެ. މަރުވާނެ ވަޤުތަށް ތައްޔާރުވެހުރުމެވެ. 

މަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ ފުރަތަމަކަމަކީ ގިނަގިނައިން ތައުބާވުމެވެ. ފާފަފުއްސަވައި ދެއްވެވުން އެދި ދަންނަވަމުން ގެންދިއުމެވެ. ފާފަތަކުން ޠޯހިރުވެގެންވާ ނަފްސެއްގެ ގޮތުގައި ﷲ ތަޢާލާ ގެ ޙަޟްރަތަށް ދާން މަސައްކަތްކުރުމެވެ. 

އެކަން ކުރެވޭނީ ގިނަގިނައިން ތައުބާވެގެންނެވެ. އެނގިހުރެ ކުރެވޭ ފާފަތަކަށް އަސްތަޣްފާރުކުރާ ފަދައިން ނުއެނގިހުރެ ކުރެވޭ ފާފަތަކަށްވެސް އަސްތަޣްފާރުކުރަންވާނެއެވެ. އެހެނީ އަހަރެމެންނަށް ނުއެނގިވެސް އެތައް ބައިވަރު ފާފަތަކެއް ކުރެވެމުންދާތީއެވެ. 

ދެވަނަ ކަމަކީ ހަށިގަޑާއި ނަފްސް ޠޯހިރުކުރަން މަސައްކަތްކުރުމެވެ. ގިނަ ބައަކަށް ސަމާލުކަން ދެވެނީ ހަށިގަނޑު ރީތި ކުރުމަށެވެ. ހަށިގަނޑުގެ ތާހިރުކަމަކީވެސް މުހިންމު ކަމެކެވެ. ނަމަވެސް އެންމެ މުހިންމީ ޢަމަލުތައް ރީތިކުރުމެވެ. މީސްތަކުންނާއި ކުރާ މުޢާމަލާތުތަކެވެ. ﷲ ތަޢާލާ އާއި ބަހައްޓަންޖެހޭ ގުޅުމެވެ. 

މަރުވެގެން ﷲ ތަޢާލާގެ ޙަޟްރަތަށް ތިބާގެ ފުރާނަ އުފުއްލޭހިނދު މުހިންމީ ދުނިޔޭގައި ތަނަވަސް، ބާރުހުރި މީހެއްގެ ގޮތުގައި އުޅެވިފައި އޮތުމެއް ނޫނެވެ. ވީހައި ގިނަ ހެޔޮ ޢަމަލުތައް ލިޔެވިފައިވާ ފަތެއް ހިފައިގެން ދެވުމެވެ. ހެޔޮ ޢަމަލުތަކާއި އަސްތަޣްފާރުކުރުމުން ފުރާލެވިފައިވާ ފަތެއް ހިފައިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދެވޭ މީހާ ވާނީ އެންމެ އުފާވެރި މީހަކު ކަމުގައެވެ. 

ވީމާ މަރަށް ތައްޔާރުވުމުގެ ގޮތުން ކުރަން އޮތް އެންމެ މުހިންމު ކަމަކީ ގިނަގިނައިން އަސްތަޣްފާރުކުރުމެވެ. ފާފަ ފުއްސަވައިދެއްވެވުން އެދި ދެންނެވުމެވެ. އެއާއިއެކު ވީހައި ގިނައިން ހެޔޮ ޢަމަލުކުރުމެވެ. 

މިކަންކަމާއިއެކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ އެހެން މީހަކަށް ގެއްލުމެއް އަނިޔާއެއް ނުދިނުމެވެ. އެފަދަ ކަމެއް ކުރެވިއްޖެނަމަ ވަގުތުން މާފަށް އެދެން ޖެހޭނެއެވެ. އެހެނީ އެހެން މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ ﷲ ތަޢާލާ އެމީހަކަށް މާފުކުރައްވަވާނީ އެމީހާ މާފުކުރުމުން ކަމުގައިވާތީއެވެ. 

މިކަންކަން ޙާޞިލުކުރަން އެދޭމީހާ ﷲ ތަޢާލާއަށް ބިރުވެތިވާން މަސައްކަތްކުރަންވާނެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވާން އޮތް އެންމެ ފަސޭހަ އެއް މަގަކީ ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްޢާނުން މިންވަރެއް މާނައާއިއެކު ކިޔެވުމެވެ. އެކަން ކޮންމެ ދުވަހަކުވެސް ކުރަމުން ގެންދާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން