ބިރުވެތިވެ ކިޔަމަންތެރިވާންވީ ﷲ އަށެވެ! ފިރިމީހާ ނުރުހުނަސް މައިންބަފައިންނަށް ޒިޔާރަތްކޮށް ޙާލު ނުބަލައި ނުތިބޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ބިރުވެތިވެ ކިޔަމަންތެރިވާންވީ ﷲ އަށެވެ! ފިރިމީހާ ނުރުހުނަސް މައިންބަފައިންނަށް ޒިޔާރަތްކޮށް ޙާލު ނުބަލައި ނުތިބޭށެވެ!

ބާރެއް ލިބޭ ހިނދު ބޮޑާވެ ޖައްބާރުވެ، ތިމާމެންގެ ނުފޫޒު ފަތުރައި އަނެކުން ނިކަމެތިކޮށް އަނދަގޮނޑި ޖައްސައި ، ތިމާމެންގެ ނުބައިކަން ދައްކަން އުޅުމީ ބަލިކަށިވެ ގޮތްހުސް ވަމުންދާކަމުގެ ޢަލާމާތެކެވެ. ހުރިހާ ހާލެއްގައިވެސް އިޙްސާންތެރިވާށެވެ.

اللهم دمر أعداء الدين. 

މިބަސްފުޅު ފެނުމުން އަހުރެންނަށް ވިސްނުނީ މުޅިން ތަފާތު ގޮތަކަށެވެ. އެއީ ކައިވެނިކުރެވި ބާރު ލިބުމުން އަނބިމީހާއާއިމެދު މިގޮތަށް ޢަމަލުކުރާ މީހުން ގިނަކަމުންނެވެ. އަމިއްލަ މައިންބަފައިންނާއި ޢާއިލާއަށް ޒިޔާރަތްކުރުން މަނާކުރުމަކީވެސް ހަމަ އަނދަގޮނޑި ޖެއްސުވުން ނޫން ހެއްޔެވެ؟ 

ފުރަތަމަ އެކަމަކީ މަނާކުރެވޭނެ ކަމެއްވެސް ނޫނެވެ. ރަޙިމުގެ ގުޅުން ކަނޑަން ކުރާ ޢަމުރަށް ކިޔަމަންވާކަށްވެސް ނުޖެހޭނެއެވެ. އަދި އެއީ މާތް ﷲ އަށް ބިރުވެތިވާ މުސްލިމަކު ކުރާނެ ކަމެއްވެސް ނޫނެވެ. 

އަހުރެންގެ ފިރިމީހާވެސް ހަމަ އެގޮތަށް އަހުރެންނަށް އަމުރުކުރިއެވެ. ހިނގައްޖެނަމަ ވަރިކުރާނެ ކަމަށްވެސް ބުންޏެވެ. އެކަމަކު އަހުރެން ކިޔަމަނެއް ނުވަމެވެ. އެއީ ފިރިމީހާއަށްވެސް ކިޔަމަންތެރިވާން އޮތީ މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކޮށްފައިކަމަށްވާތީއެވެ. އެދުވަހު އަހުރެން ބުނީމެވެ. "ތިއަ އަމުރަކަށް ކިޔަމަނެއް ނުވާނަމެވެ. އަހުރެން ގޮވައިގެން ނުދާނަމަ އެކަނިވެސްދާނަމެވެ. ތިބާ މިއަދުވެސް އަހުރެން ވަރިކޮށްލައިފާނެއެވެ. އެކަމަކު އަހުރެންގެ ވެރި ﷲ ތަޢާލާ ދުވަހަކުވެސް އަހުރެން ދޫކޮށެއް ނުލައްވަވާނެތެވެ. ފުރަތަމަ މާތް ﷲ އެވެ. ފަހަތުން ތިބާއެވެ!" 

ނަޞީބަކުން ފިރިމީހާއަށް ވިސްނި މައްސަލަ ޙައްލުވިއެވެ. އަހުރެން ބުނާނީ ވަރިކޮށްފާނެ ކަމަށް ބިރުން މައިންބަފައިންގެ ޙާލު ނުބަލައި، ބައްދަލުނުކޮށް ނުތިބޭށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބިއްޖެނަމަ ލިބޭނެ ދެރަ މާބޮޑުވާނެއެވެ.

 

- ސމިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން