ޢާއިޝަތު ރަފާޙް ޢަލީ
ޝައިޚް، އަޅުގަނޑުގެ ޠަބީޢަތުގައި ވަޢުދުތަކާއި ގަޑިތަކަށް ފަރުވާކުޑަކުރުމުގެ ސިފަ ހުންނަކަން ފާހަގަކުރެވެއެވެ. މިސާލަކަށް، ބައްދަލުވުންތަކަށް ހާޒިރުވުމުގައި ނުވަތަ ދަރަނި އަނބުރާ ދެއްކުމުގައި މި ސިފަ ގެންގުޅެވެއެވެ އެހެންކަމުން، މި އަމަލުތަކުގެ މައްޗަށް އަޅުގަނޑު ޝަރުޢީ ގޮތުން ޖަވާބުދާރީވާންޖެހޭނެތޯ؟ އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން އަޅުގަނޑަށް ފާފައެއް ލިޔެވޭނެތޯ؟ އިސްލާމީ ޝަރީޢަތުގެ އަލީގައި މިކަން އޮޅުންފިލުވައިދެއްވުން އެދެމެވެ."
ޖަވާބު:
ޝައްކެއްވެސްނެތް ގޮތުގައި ތިބާ ޖަވާބުދާރީވާން ޖެހޭނެކަން ޔަޤީނެވެ. މި މައްސަލައާމެދު ފަރުވާކުޑަ ނުކުރާށެވެ. ވަޢުދާއި އެއްބަސްވުންތަކަށް ވަފާތެރިވުމަކީ އިންސާނީ އަދި އަޚްލާޤީ އަގެކެވެ. އިސްލާމްދީން މިކަމަށް އަމުރުކުރައްވާފައިވެއެވެ. ތިބާ އެހެން މީހަކު ތިބާއަށް ދިން ވަޢުދަކާ ޚިލާފުވުން ނުރުހޭ ފަދައިން، ތިބާވެސް އެހެން މީހުންނަށް ދޭ ވަޢުދުތަކާ ޚިލާފު ނުވާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ބަޤަރާ ސޫރަތުގައި ހެޔޮ ޢަމަލުތަކާއި ތަޤްވާވެރިންގެ ސިފަތައް ބަޔާންކުރައްވާފައިވެއެވެ. އަދި އެކަލާނގެ ވަޢުދުތަކާއި އެއްބަސްވުންތަކަށް ތެދުވެރިވުން ހިމަނުއްވާފައިވެއެވެ.
ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 177 ވަނަ ޢާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَٰكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَىٰ حُبِّهِ ذَوِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا ۖ وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ ۗ أُولَٰئِكَ الَّذِينَ صَدَقُوا ۖ وَأُولَٰئِكَ هُمُ الْمُتَّقُونَ ﴿١٧٧﴾
މާނައީ: "ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު، ހެޔޮކަންކުރާ މީހާއީ، اللَّه އަށާއި آخرة ދުވަހަށާއި ملائكة ންނަށާއި ފޮތަށާއި ނަބިއްޔުންނަށް إيمان ވި މީހާއެވެ. އަދި މުދަލުގެ މައްޗަށް ލޯބިހުރުމާއެކުވެސް، ގާތްތިމާގެ މީހުންނަށާއި يتيم ންނަށާއި مسكين ންނަށާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށާއި އެހީޔަށްއެދި سؤال ކުރާ މީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރި މީހާއެވެ. އަދި ނަމާދު قائم ކޮށް، زكاة ދީއުޅޭ މީހާއެވެ. އަދި عهد އެއް ކޮށްފިނަމަ އެއުރެންގެ عهد ފުއްދާ މީހުންނެވެ. އަދި ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުގައި ކެތްކުރާ މީހުންނެވެ. ތެދުވެރިވި މީހުންނަކީ، އެއުރެންނެވެ. އަދި تقوى ވެރިންނަކީވެސް ހަމަ އެއުރެންނެވެ. (177)"
މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޢުދުތައް ފުއްދުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވާފައިވެއެވެ. މިއީ އިސްލާމްދީނުގެ ޖަމާލެވެ. މިދީނަކީ ރިވެތި އަޚްލާޤަށް ގޮވާލާ ދީނެކެވެ.
ޤުރްއާނުން އަހުރެންނަށް އުނގަންނައިދެއްވާފައިވަނީ، ތިބާ އެއްވެސް މީހަކާއެކު ކުރާ ޢަހުދާއި ވަޢުދާ ބެހޭގޮތުން ޤިޔާމަތް ދުވަހު ތިބާއާ ސުވާލުކުރެވޭނެ ކަމެވެ.
ﷲ ތަޢާލާ އިސްރާ ސޫރަތުގެ 34 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَأَوْفُوا بِالْعَهْدِ ۖ إِنَّ الْعَهْدَ كَانَ مَسْئُولًا ﴿٣٤﴾
މާނައީ: "އަދި ތިޔަބައިމީހުން، عهد ފުއްދާށެވެ! ހަމަކަށަވަރުން، عهد އަކީ (އެއާމެދު) سؤال ކުރައްވާނޭ ކަމެއްކަމުގައި ވިއެވެ. (34)"
މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ނަބިއްޔާ އިސްމާޢީލްގެފާނު ޢަލައިހިއްސަލާމް، މި މަތިވެރި އަދި ރީތި ސިފަފުޅުން ފާހަގަކުރައްވާ ޛިކުރުކުރެއްވިއެވެ.
ﷲ ތަޢާލާ މަރްޔަމް ސޫރަތުގެ 54 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَاذْكُرْ فِي الْكِتَابِ إِسْمَاعِيلَ ۚ إِنَّهُ كَانَ صَادِقَ الْوَعْدِ وَكَانَ رَسُولًا نَّبِيًّا ﴿٥٤﴾
މާނައީ: "ކަލޭގެފާނު މި ފޮތުން إسماعيل ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، وعد ފުއްދުމުގައި ތެދުވެރިޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި رسول އަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނުވިއެވެ. (54)"
ރިވާވެގެންވާ ގޮތުގައި، އެއް ދުވަހަކު އިސްމާޢީލްގެފާނު (ޢަލައިހިއްސަލާމް) ވަކި މީހަކާ ބައްދަލުކުރެއްވުމަށް ވަޑައިގަތެވެ. އެ ތަނަށް ވަޑައިގެން އިށީނދެވަޑައިގެން، އެއްވެސް ހިއްލެވުމެއްނެތި އިންތިޒާރު ކުރައްވަން ފެއްޓެވިއެވެ. އެހެންނަމަވެސް، އެ މީހާ ކަނޑައެޅިފައިވާ ގަޑިއަށްވުރެ ދެ ދުވަސް ލަސްވެގެން އައެވެ. އެ މީހާ އައިއިރުވެސް، އިސްމާޢީލްގެފާނު (ޢަލައިހިއްސަލާމް) އެތާ ހުންނެވިއެވެ. އަދި ހަމަ އެއްވެސް ހިއްލެވުމެއްނެތި އިންތިޒާރު ކުރައްވަމުން ގެންދެވިއެވެ.
އަހަރެމެން އިސްލާމްދީނުގެ މަތިވެރި އަޚްލާޤުތަކުގައި ހިފަހައްޓައިފިނަމަ، މި ދީނުގެ މާތްކަމާއި ރީތިކަން މުޅި ދުނިޔޭގެ މީސްތަކުންނަށް ފެނިގެންދާނެއެވެ.
- ފަހްދް އަލްކަންދްރީގެ ދަރުސަކުން