އަޅުގަނޑު ކައިވެނިކުރިއިރުވެސް ބުނީމެވެ. "ކައިވެނިކުރާނީ އެންމެ ކުޑަމިނުން 5 ނަމާދުކުރާނެ ނަމައެވެ! ފަތިސްނަމާދަށް ސަމާލުކަންދޭނެ ނަމައެވެ. ތަނަވަސްކަމެއް ބޭނުމެއް ނޫނެވެ. ފަޤީރު ޙާލަށް ކެތްތެރިވާނަމެވެ!"
ކައިވެންޏަށް އަހަރުވީއެވެ. މަހަކު އެންމެ ރެއަކުވެސް ފަތިސްނަމާދެއް ނުކުރެއެވެ. ހޭލައްވަން ކަމެއްކޮށްފިނަމަ ރުޅިއައިސް އިންޒާރުދެއެވެ. ބައެއް ފަހަރު ހުރާލާ އަތުން ޖެހިތަދުވެސްވެއެވެ. އަލަތު ކައިވެނިވީމާ އެކުގައި އުޅެވޭތޯ ބަލަންވެސް ބޭނުމެވެ. އެކަމަކުވެސް ކެތްތެރިވާން މިހާރު އުނދަގުލެވެ."
މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ބުނި ވާހަކަކޮޅެކެވެ. މިވާހަކަކޮޅަށްބަލާއިރު އެއަންހެން މީހާއަކީ މިޒަމާނުގައި ނުލިބޭނެފަދަ އަގުހުރި ޖަވާހިރެކެވެ. އެފަދަ އަންބަކު ލިބިއްޖެނަމަ އޮތީ ކޮންމެ ގޮތަކުންނަމަވެސް އެކުގައި އުޅެން މަސައްކަތްކުރުމެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ޢިބްރަތްތެރި ފިލާވަޅަކަށްވާނެއެވެ. އިން ޝާ ﷲ
މިރޭ މިކިޔައިދެނީ އަހުރެން އިތުބާރުކުރެވޭ މީހަކު އަހުރެންނަށް ކިޔައިދީފައިވާ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ވިސްނައި ތިބެ އަޑުއަހާށެވެ!
އެއީ އަހުރެން މޮރޮއްކޯއަށް ކުރި ދަތުރެއްގައި ފެނުނު މީހެކެވެ. ތަންކޮޅަކަށް ހިނގާފައި ބިންމަތީގައި އުޑުތިލަ މަތިން އޮށޯވެ މައްޗަށް ފައި އުކައެވެ. އެމަންޒަރު ފެނުމުން ފަހަތުން ވަރަށް ދުރަށް ހިނގާފައި ކެތް ނުކުރެވިގެން އޭނާ ހުއްޓުވައި އެ މުޞީބާތް އޭނާއަށް ކުރިމަތިވި ސަބަބާއިމެދު ސުވާލުކުރުމުން ކިޔައިދިނެވެ.
"އަހަރެންގެ އަނބިމީހާއަކީ ވަރަށް ތަޤްވާވެރި އަންހެނެކެވެ. ކޮންމެ ރެއަކުވެސް ފަތިސް ވުމުގެ ކުރިން ތެދުވެ ދަމުނަމާދު ކުރާނެއެވެ. އަހުރެންނަށްވެސް ގޮވާނެއެވެ. ފަތިސް ނަމާދަށްވެސް ގޮވާނެއެވެ. ނަމަވެސް އަހުރެންނަށް އެކަމަށް ސަމާލުކަމެއް ނުދެވެއެވެ.
އަންހެނުން 2 ވަނަ ދަރިފުޅަށް ބަލިވެ އިނދެ ދުވަސްފުރެން ކައިރިވެފައިހުއްޓާ އެއްރޭ ފަތިސް ނަމާދަށް ގޮވުމުން އައި ރުޅީގައި ބަނޑުގައި ކޮޅުފައިން ޖެހުނީއެވެ. އެދުވަހު ހެނދުނު ހޭލެވުނީންސުރެ މިކަން މިގޮތަށް މެދުވެރިވެއެވެ. އެހެންވެ ދުއްވާ އެއްޗަކަށްވެސް ނޭރެއެވެ. ކިތަންމެ ދުރަށް ދާންޖހުނު ނަމަވެސް އަދި ކިތަންމެ ބޮޑަށް ބަލިވެގެން ހޮސްޕިޓަލަށް ދާންޖެހުނު ނަމަވެސް މިޖެހެނީ ހިނގާފައިދާށެވެ.
މިޙާލުގައި އުޅޭތާ މިހާރު ހައަކަ އަހަރުވެދާނެއެވެ. ވަރަށް ގިނަ މަސައްކަތްކުރެވިއްޖެއެވެ. ޑޮކްޓަރުންނަށްވެސް ދައްކައިފީމެވެ. ފަންޑިތަވެސް ހަދައިފީމެވެ. ލިބުނު ލުޔެއް ނެތެވެ. އަޚާއަށްވެސް އެނގޭނަމަ ލުޔެއް ލިބޭނެ ގޮތެއް ބުނެދިބަލށެވެ!"
އެހިސާބަށް ބުނެވުނުތަނާ އެ އުނދަގޫތައް އޭނާއަށް ވެއްޖެއެވެ.
ތެދުވެވުމުން އަހަރެން ބުނީމެވެ. "އަހުރެންގެ ނަޞޭޙަތަކީ ގިނަގިނައިން ތައުބާވުމެވެ. އަނބިމހާ އާއި އަނބިމީހާގެ ބަނޑުގައި އޮތް ދަރިފުޅުގެ ކިބައިންވެސް މާފަށް އެދޭށެވެ! އެއިރު ކުރަން ދެކޮޅު ހެދުނު ދެކަންތައް (ދަމުނަމާދާއި ފަތިސް ނަމާދު) ކުރަން ފަށާށެވެ! ދުޢާކުރުން ގިނަކުރާށެވެ!"
އެއިގެ ހައަކަ މަސްދުވަސްފަހުން ގުޅާފައި އޭނާ ބުނީ މިހާރު ރަނގަޅު ކަމަށެވެ. އެއުނދަގޫތައް ނުވާ ކަމަށެވެ.
މީސްތަކުންނޭވެ! އެފަދަ ކަންކަން ނުކުރާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ތިމާއަށް ދަމުނަމާދަށާއި ފަތިސް ނަމާދަށް ގޮވާ ހޭލައްވަން މަސައްކަތްކުރާ ބައިވެރިއަކު ލިބިއްޖެ ނަމަ އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ނިޢްމަތެވެ. ކޮންމެ މީހަކަށް ކޮންމެ ފަަރަކު ކޯފާ ނުލައްވަވަނީ ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުންނެވެ. މަދު މީހަކަށް ނަމަވެސް ކުރިމަތިވާ މިފަދަ މުޞީބާތްތަކުން އޮތީ ޢިބްރަތް ޙާޞިލުކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން