އަނބިމީހާ ނުވަތަ ފިރިމީހާ ކަމަށްވިޔަސް ތިމާއަށް ކުރެވޭ ކުށުގެ ވާހަކަ ބައިވެރިޔާ ބުނީމަ އަޑުއަހަން ނުރުހޭ މީހުން ރަނގަޅުވާނީ ބައިވެރިއަކާ ނުލައި އެކަނިހުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
އަނބިމީހާ ނުވަތަ ފިރިމީހާ ކަމަށްވިޔަސް ތިމާއަށް ކުރެވޭ ކުށުގެ ވާހަކަ ބައިވެރިޔާ ބުނީމަ އަޑުއަހަން ނުރުހޭ މީހުން ރަނގަޅުވާނީ ބައިވެރިއަކާ ނުލައި އެކަނިހުރުން!

ބައެއް މީހުންނަށް ވިސްނެނީ ކޮންމެ ކަމެއްވެސް ތިމާއަށް ވިސްނޭނީ އަދި ކުރެވޭނީވެސް އެންމެ ރަނގަޅަށް ކަމަށެވެ. މިފަދަ ވިސްނުމުގައި ތިބޭ މީހުން އެތިބެނީ މަގުފުރެދިފައެވެ. ގެއްލެނިވެފައެވެ. ސަބަބަކީ އެކަމުން އަންގައިދެނީ އެމީހަކީ ޖާހިލެއް ކަމާއި ބޮޑާ ކިބުރުވެރިއަކު ކަމެވެ. އެމީހުންނަކީ ސުވަރުގެ ވައްދަވާނެ ބައެއްވެސް ނޫންކަން ޙަދީޘްފުޅުން އެނގެން އެބަ އޮތެވެ. ވީމާ މީހެއްގެ ކިބައިގައި ހުރުމަށް އެންމެ ނުރައްކާތެރި ސިފައެކެވެ. 

އަހުރެން މިރޭ ދައްކަން މިއުޅެނީ މިބުނި ނުބައި ސިފަ ލިބިގެން ތިބެ ޒަވާޖީ ޙަޔާތް ފަށައި ދިރިއުޅުމުން ކުރިމަތިވާ އެންމެ ބޮޑު މައްސަލައިގެ ވާހަކައެވެ. ރަނގަޅަށް އަޑުއަހާށެވެ!  

ތިމާއަށް ހެޔޮލަފާ ތަޤްވާވެރި ބައިވެރިއަކު ލިބިއްޖެނަމަ އޭނާ އެދޭ ކަންކަމަށް ދެކޮޅު ނުހަދާށެވެ! އެހެނީ ކައިވެނިކުރުމަށްފަހު ދެމީހުންނަށްވެސް ބާރުތަކެއް ލިބިގެންދެއެވެ. އެއިގެ ތެރެއިން އެންމެ މުހިންމު ބާރަކީ އަނެކާއަށް ކުށެއް ކުރެވޭނަމަ، ނުވަތަ ނުބައި މަގަކުން ދެވޭނަމަ އިޞްލާޙްކުރަން މަސައްކަތްކުރުމުގެ ބާރެވެ! އެއީ ދެމަފިރިންކުރެ ކޮންމެ މީހަކަށްވެސް ލިބިގެންދާ ބާރެކެވެ!  

ވީމާ ކަމެއް އިޞްލާޙްކުރަން ބުނެފިނަމަ އެއީ ކަލެއާއި ބެހޭ ކަމެއް ނޫންކަމަށާއި އެއީ ތިމާގެ އަމިއްލަ ކަމެއް ކަމަށް ނުބުނާށެވެ! އެގޮތަށް ދެކެން ބޭނުންނަމަ އޮތީ ކައިވެނިނުކޮށް އެކަނި ހުރުމެވެ.  

ހަނދާންކުރާށެވެ! ކަމެއް އިޞްލާޙްކުރަން ބައިވެރިޔާ ބުނެފިނަމަ އެކަމުން އެނގިގެންދަނީ އޭނާ ތިބާ ދެކެ ލޯބިވާކަމެވެ. ލޯބިނުވާނަމަ ތިބާ އުޅެން ބޭނުންވާ ގޮތަކަށް އުޅެން ދޫކޮށްލައިގެން ހުންނަންވީ ނޫންހެއްޔެވެ؟ އޭނާއަށް އެކަމުން ގެއްލުމެއް ނުލިބޭނަމަ އެކަމާއި ވިސްނުމުގެ ބޭނުމެއްވެސް ނެތެއް ނޫންހެއްޔެވެ؟  

ޚާއްޞަކޮށް ދީނީ ކަންކަމަށް ފަރުވާކުޑަކުރާތީ ނަޞީހަތްދީފިނަމަ ވަކިން ބޮޑަށް ސަމާލުކަންދޭންވާނެއެވެ. އެކަމުން އެނގެނީ ބައިވެރިޔާ ގޮވައިގެން ސުވަރުގެ ވަންނަން ބޭނުންވާ ބޮޑުކަމެވެ. އެއީ އެންމެ ހެޔޮލަފާ ބައިވެރިންގެ ކިބައިން ފެންނާނެ ކަމެކެވެ.  

ވީމާ ބައިވެރިޔާ ތިމާގެ ކިބައިން އުނި ސިފަ ދައްކާނަމަ ފޫހިވާންވީއެއް ނޫނެވެ. ލޯބިވުން އިތުރުކުރަންވީއެވެ. ޝަކުވާ ކުރުމުން ބޮލަށް އުނދަގޫވާވީއެއް ނޫނެވެ. އެކަމަކަށް ފުންކޮށް ވިސްނައި ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރަންވީއެވެ.  

ހުރިހާ ކަމެއް ތިމާއަށް ކުރެވެނީ އެންމެ ރަނގަޅަށް ކަމަށް ޤަބޫލުކުރެވޭނަމަ އެއީ އެމީހެއްގެ ކިބައިގައި ހުރި ވަރަށް ބޮޑު އުނިކަމެކެވެ. ހަމައެއާއިއެކު ތިމާގެ ކިބައިގައި ހުންނަ އުނިސިފަތަކާއި ކުރެވޭ ކުށްތައް އެންމެ ބޮޑަށް ފާހަގަކުރެވޭނީ ބައިވެރިޔާއަށްކަން ޤަބޫލުކުރަންވާނެއެވެ. ބާއްޖަވެރި، ކާމިޔާބު ދިރިއުޅުމެއް ލިބޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން