ކުރާ ކައިވެނި ދަމަހައްޓަން ބޭނުންވާނަމަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ކުރާ ކައިވެނި ދަމަހައްޓަން ބޭނުންވާނަމަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތައް!

ކައިވެނީގެ ކުރިން ޖިންސީ ގުޅުން ހިންގާ މީހުންގެ ކުރާ ކައިވެނީގެ 95 އިންސައްތަ ކައިވެނިން އެއްވެސް މީރުކަމެއް ނުލިބޭނެއެވެ. ވާނީ ފޭލްއެވެ. އެއީ އެތައް ބައަކާއިއެކު ޖިންސީ ގުޅުން ހިންގާފައިވުމުން ނުވަތަ އެކަކާއިއެކު ނަމަވެސް ކައިވެނީގެ ކުރިން ޖިންސީ ގުޅުން ހިންގާފައިވާނަމަ ކައިވެނީގެ ސަބަބުން އެމީހަކަށް ލިބޭނެ އެއްވެސް ޚާޢްޞަ ކަމެއް ނެތުމުންނެވެ.  

ކައިވެނީގެ ކުރިން ނަމަވެސް ފަހުން ނަމަވެސް ގިނަ ބައެއްގެ އަޢުރަ ފެނުމަކީ ވެސް ކައިވެނީގެ މީރުކަން ގެއްލޭ ކަމެކެވެ. އެއިރުން ތިމާގެ ބައިވެރިޔާއަށް އެއްވެސް ޚާއްޞަ ސަމާލުކަމެއް ނުދެވޭނެއެވެ. އެމީހާގެ ލޮލަށް ފެނުނު ކަންކަމުގެ ތެރެއިން އެމީހަކު އެންމެ ހިތް އެދޭ ކަންކަމަށް ދަހިވެތި ވެވުމަކީ އިންސާނީ ޠަބީޢަތެވެ. އެއީ ހަމަ އެކަން މެދުވެރިވަމުން ދާނެ ގޮތެވެ.  

ކައިވެނީގެ ކުރިން ޖިންސީ ގުޅުން ހިންގުން މިހާރު މިވަނީ އެއްވެސް ބިރެއް ނެތި ކުރާ ވަރަށް ޢާންމު ކަމަށް ހަދައިފައެވެ. "ގާލް ފްރެންޑް ބޯއި ފްރެންޑް"ގެ ނަމުގައެވެ. "ޑޭޓްކުރުން" ފަދަ ރީތި ނަންނަމުގައެވެ. ރަނުން ނަމެއް ހަދައި އެނަން ކިޔައިގެން ކުރި ނަމަވެސް ފާހިޝް އަމަލުވާނީ ފާހިޝް އަމަލަށެވެ. ޒިނޭ ވާނީ ޒިނޭއަށެވެ! އެކުރެވެނީ ހަޑިމުޑުދާރު ޢަމަލުތަކެވެ. ގަދަފަދަ ޢަޛާބު ދެއްވަވާނެކަން ﷲ ތަޢާލާ އަނގަވާފައިވާ ކަންކަމެވެ.  

މިއަދު މިވާހަކަތައް ނުދައްކައި ތިބެވޭކަށް ނެތެވެ. ލަދުން ދަރިން ގާތު ވެސް ނުދައްކައި ތިބެވޭކަށް ނެތެވެ. ދަރިން ގޯސް މަގަކުން ގޮސް މަގު ގެއްލުމުގެ ކުރިން މިކަންކަން އޮޅުންފިލުވައިދޭން އެބަ ޖެހެއެވެ. ދިރިއުޅުން ކާމިޔާބުކުރެވޭނެ ގޮތްތައް ކިޔައިދޭން އެބަޖެހެއެވެ. ޒަވާޖީ ހަޔާތް އުފާވެރިކުރެވޭނެ ގޮތް ބުނެދޭން އެބަޖެހެއެވެ.  

އިސްލާމް ދީނުގައި މިކަންކަން ވަނީ ޙަރާމްވެގެންކަމަށް ބުނުމަކުން އެކަނި ނުފުދެއެވެ. ޙަރާމްވެގެންވާ ސަބަބުތައްވެސް ކިޔައިދޭން އެބަ ޖެހެއެވެ. ޙަރާމް ކަންކަން ކުރުމުން މިދުނިޔޭގައި ވެސް ކުރިމަތިވާ މައްސަލަތައް ކިޔައިދީ ހޭލުންތެރިކުރުވަން އެބަ ޖެހެއެވެ. ކައިވެނިތައް ރޫޅެން މެދުވެރިވާ ސަބަބުތައް ކިޔައިދޭން އެބަޖެހެއެވެ. ކައިވެނި ރޫޅުމުން ލިބޭ ނިކަމެތިކަންވެސް ކިޔައިދޭން އެބަ ޖެހެއެވެ.  

ފާހިޝް އަމަލުކުރުމުންނާއި ޒިނޭ ކުރުމުން ﷲ ތަޢާލާ ދެއްވަވާ ގަދަ ފަދަ ޢަޛާބަށް ދަރިންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދުވަން އެބަޖެހެއެވެ. އަމިއްލައަށް އެކަން ކުރުމުގެ ޤާބިލުކަން ނެތްނަމަ ދީނީ ޢިލްމުވެރިންގެ އެހީތެރިކަން ހޯދާށެވެ! އެފަދަ ދަރުސްތައް ކުދިންނަށް އަޑު އިއްވާށެވެ! އެކަންކަން ނުކުރެވުނު ނަމަ ޤިޔާމަތް ދުވަހު އެކަމުގެ ޒިންމާ އުފުލަން މައިން ބަފައިންނަށް ޖެހޭނެކަމާއިމެދު ބިރުވެތިވާށެވެ!

 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

 

 

މިއަދު އޮންލައިން