ވިޔަފާރިފަށަން، ފްލެޓްގަންނަން އަނބިމީހާގެ އަތުން ފައިސާނެގީ ލިޔެކިޔުމާ ނުލައިކަމަށްވުމަކީ ސަލާމަތްވެވޭނެ ސަބަބެއް ނޫން! ޤިޔާމަތް ދުވަހު ދުނިޔޭގަ ލިޔުނު ލިޔެކިޔުން ބޭނުމެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ވިޔަފާރިފަށަން، ފްލެޓްގަންނަން އަނބިމީހާގެ އަތުން ފައިސާނެގީ ލިޔެކިޔުމާ ނުލައިކަމަށްވުމަކީ ސަލާމަތްވެވޭނެ ސަބަބެއް ނޫން! ޤިޔާމަތް ދުވަހު ދުނިޔޭގަ ލިޔުނު ލިޔެކިޔުން ބޭނުމެއް ނުވާނެ!

އަޅުގަނޑު ކައިވެނިކުރީ މީހަކުދެކެ ލޯބިވެގެން 3 އަހަރު އުޅެފައެވެ. އޭނާއަކީ އަޅުގަނޑަށްވުރެ ދަށް ވަޒީފާއެއް އަދާކުރާ، އަޅުގަނޑަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހެކެވެ. އެހެންވެ ކައިވެނިކުރިއިރު އޭނާގެ އަތުގައި ހުރީ ވަރަށް މަދު ފައިސާކޮޅެކެވެ. އަޅުގަނޑުގެ އަތުގައި ފުދޭވަރަކަށް ސޭވިންގ ހުއްޓެވެ.  

ކައިވެންޏަށް އަހަރު ފުރުނުތަނާހެން އޭނާ އެދުނީ ފައިވާން ވިއްކާ ކުޑަ ފިހާރައެއް ހުޅުވައިގެން ވިޔަފާރިއެއް ފެށުމަށެވެ. ދެމީހުންގެ ފިހާރައެއްގެ ގޮތުގައެވެ. ފިހާރަ ކުއްޔަށް ހިފަން ފައިސާ ދެއްކީ އަޅުގަނޑެވެ. މުދައި ގެންނަން 10،000 ޑޮލަރު ދިނީވެސް އަޅުގަނޑެވެ.  

ފިހާރަ ހުޅުވިތާ 3 އަހަރުވީއިރު އެއީ ކުޑަފިހާރައެއް ނޫނެވެ. ބޮޑު ފިހާރައެކެވެ. މިލިއަނެއްހައި ރުފިޔާގެ މުދައު ހުރި ފިހާރައެކެވެ. އެހިސާބުން އަޅުގަނޑަށް އަދަބުދީފިއެވެ. ވަރިކޮށްލާފައި ގެއިން ނުކުމެގެން ހިނގައްޖެއެވެ. އެހިސާބުން ކައިވެނީގެ ކަންތައް ނިމުނަސް ފިހާރައިން ލިބެންޖެހޭ ބައި ދޭން އެދުނީމަ ބުނީ އަޅުގަނޑުގެ އެއްވެސް ޙިއްޞާއެއް ނެތްކަމަށެވެ. އޮތްނަމަ ލިޔެކިޔުން ދެއްކުމަށެވެ. ވީމާ ލިޔެކިޔުމާއިނުލައި ފިރިމީހާއަށް ފައިސާދެވުނީތީ ފިހާރައިން ބައެއް ނުލިބުނު ތަނުގައި ދިން ކެޕިޓަލްވެސް ގެއްލިގެން ދިއައީއެވެ.  

ދެން އެކަން އަޅުގަނޑު ވަކީލްކުރީ ﷲ އަށެވެ. ވަރިކުރިތާ އަހަރުވެސް ނުވަނީސް ފިރިއަކަށް ލިބުނީ ރިޒޯޓެއްގެ ޙިއްބާދާރެކެވެ. ވީމާ ލިބުނު ބަދަލު މާފުރިހަމައެވެ. އެކަމަކުވެސް ސުވާލެއް އެބައޮތެވެ. އެއީ އެފައިސާ އޭނާއަށް ޙަލާލުވާނެތޯއެވެ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއައީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. ހޭލުންތެރިވާންޖެހިފައިވާ މައްސަލައެކެވެ. އަންހެނުން ނިޤާބް އަޅައި ނިވާވެގެން ތިބެނީ ހިލޭ މީހުންގެ ކުރިމަތީގައެވެ. ފިރިމީހާގެ ކުރިމަތީގައި ހުންނަނީ އަޞްލު ފެންނަ ގޮތަށެވެ. ނަމަވެސް ތިއަބާވަތުގެ މަކަރުވެރި ފިރިން އެތިބެނީ ނިޤާބް ނާޅައި މޫނުގައި މާސްކެއް އަޅައިގެންނެވެ. އެއީ މަކަރުވެރިކަމުގެ މާސްކެވެ.  

ތިރީގައިވާ ލިޔުމުގައި އެވަނީވެސް ހަމަ ތިއަފަދަ މައްސަލައެއްގެ ވާހަކައެވެ. އެލިޔުމުން ކުރެއްވި ސުވާލުގެ ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ 

އަޅުގަނޑުމެން ދެމަފިރިންވެސް ވަޒީފާ އަދާކުރީމެވެ. ލިބުނު ފައިސާ އެއްކޮށްގެން ގާކޮށިން ފްލެޓެއްވެސް ގަތީމެވެ. ފްލެޓް ލިބުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވަރިކޮށް ގެއިން ނެރެލީ ފިރިމީހާގެ ނަމުގައި ފްލެޓް ގަނެފައި ހުރީތީ އަޅުގަނޑަށް ދެއްކޭނެ ޤާނޫނީ ބާރެއް ނެތުމުންނެވެ. އަޅުގަނޑުގެ އެކުވެރި އަންހެނަކަށް މިއަދު ވަނީ މިފަދަ ޙާލެއް ޖެހިފައެވެ.  

ޤަބޫލުކުރަމެވެ. މިފަދަ ދެރަ ލިބެނީ އަޅުގަނޑުމެންގެ ހޭލުންތެރިކަން ކުޑަކަމުންނެވެ. އެކަމަކު އަޅުގަނޑުގެ ސުވާލެއް އެބަ އޮތެވެ. އެއީ ލިޔެކިޔުމުން ހެކިދެއްކެން ނެތީމާ އަނބިމީހާ ނިކަމެތިކޮށްލާ މީހުންނަށް އެހިސާބުން އެކަން ނިމޭނެތޯއެވެ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވަނީ ލިޔެކިޔުމަކަށް ނޫނެވެ. ދުނިޔޭގައި މިހަދާ އެއްވެސް އެއްބަސްވުމެއްގެ ކަރުދާސް ނުވަތަ އެގްރިމަންޓް ކަރުދާހުގެ ގޮތުގައި ޤިޔާމަތް ދުވަހު ފެންނާނެކަން ނުވަތަ ނޫންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ޔަޤީންވާ ކަމަކީ އެއްވެސް މީހަކު ކައްވަޅުގައި ވަޅުލެވޭނީ ލިޔެކިޔުންތަކާއިއެކުގައިނޫންކަމެވެ. ލިޔުންތަކާއިއެކު ވަޅުލިޔަސް ޤިޔާމަތްދުވަހަކާއިހަމައަށް އެލިޔެކިޔުންތަކެއް ނުހުންނާނެއެވެ. ދާދި އަވަހަށް ބިމުގެ ތެރެއަށް ފަނާވެގެން ހިނގައިދާނެއެވެ. 

ނަމަވެސް ކޮންމެ ދެމީހެއްގެ މެދުގައި ނަމަވެސް ކުރެވޭ މުޢާމަލާތުތައް އެމީހުންގެ ފަތުގައި ލިޔުއްވިގެންވާނެއެވެ. ވީމާ ޤިޔާމަތްދުވަހު ޙައްޤުތައް ހޯދަން ދުނިޔޭގައި ސޮއިކުރި އެއްބަސްވުން ބޭނުމެއް ނުވާނެއެވެ.

 

 

މިއަދު އޮންލައިން