ބޮޑެތި ވިޔަފާރިތައް ހިންގާ ތަނަވަސް މީހުންވެސް ކުއްލިއަކަށް އެބަ ބަނގުރޫޓުވެއެވެ. ލިބޭ ގެއްލުމެއްގެ ސަބަބުން އަރައިނުގަނެވޭނެ ވަރަށް އެބަ ދަރަނިވެރިވެއެވެ. އެއަށްފަހު މުޅި ޢުމުރުގައި ދަތިޙާލުގައި އުޅެންވެސް އެބަ ޖެހެއެވެ.
މިއީ ދުނިޔެއިން އަބަދުވެސް ފެންނަމުން އަންނަ ކަންކަމެވެ. މިފަދަ ޙާލަތެއް މެދުވެރިވުމުން ގިނަ ފަހަރަށް މީހުން އަވަސްވެގަންނާނީ އެކަން މެދުވެރިވި ސަބަބަބު ހޯދަން ހިސާބުތައް ޖެހުމަށެވެ. ބުނަން ހެއްޔެވެ؟ އެއީ ޙިސާބުޖަހައިގެން ފެންނާނެ ކަންކަމެއް ނޫނެވެ. ހިސާބުޖަހައިގެން ފެންނަ ކަންކަމަށްވުރެ މާބޮޑު ސިއްރެއް އެކަމުގައި ވެއެވެ.
އެއީ އެމީހަކަށް ޙަރާމް ކަންކަން ކުރެވުމެވެ. ކޮށްގެން ނުވާނެ ޚަރަދުތައް ކުރުމެވެ. އެގޮތުން އެންމެ ގިނަ ބައަކު ބަނގުރޫޓުވަމުން އަންނަ ސަބަބުތަކުގެ ތެރޭގައި ފާޙިޝް ޢަމަލުތައް ކުރުން، ޖުވާކުޅުން އަދި ބަނގުރާ ބުއިން ފަދަ ކަންކަން ހިމެނެއެވެ. ބަނގުރަލަކީ ހުރިހާ ނުބައިކަމެއް ކުރެވުމުގެ ތަޅުދަނޑިއެވެ. ފާޙިޝް ޢަމަލުތަކާއި އެހެންވެސް ފާފަތައް ކުރެވުމުގެ ތަޅުދަނޑިއެވެ.
ހިތާމައަކީ ދުނިޔޭގެ އެންމެ ތަނަވަސް މީހުންނަށް ކުރިމަތިވަމުން އަންނަ މިފަދަ ކަންކަމުން ނިކަމެތިން ޢިބްރަތް ޙާޞިލުނުކުރާ ކަމެވެ. އަތްމަތި ދަތިއިރުވެސް ފާފަތައް ކުރަމުން ގެންދާ ކަމެވެ. އަތްމަތި ދަތިވެ ދަރަނިވެރިވާއިރުވެސް، ވަޒީފާ ގެއްލި ނިކަމެތިވާއިރުވެސް އެކަންކަމަށް ވިސްނާނުލައި ފާފަކުރުންމަތީގައި ދެމިހުންނަ ކަމެވެ.
ކިތަންމެ ކުޑަ ކަމެއް ކުރިމަތިވިނަމަވެސް ސިކުނޑި ހަމަޖައްސައިލުމުގެ ބޭނުމުގައި ބަނގުރާ ބޮއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ބުނެލަން އޮތީ ތިއަކުރާ ޙަރާމް ކަންކަން ކޮށްގެން މައްސަލަތައް ޙައްލުކުރެވުނު މީހަކު ނިކަން ދައްކައިބަލާށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަތްމަތި ދަތިވުމުގެ މައްސަލަ ޙައްލުކުރެވޭނީ ވައްކަންކުރުމަކުން ނޫނެވެ. ބައިވެރިޔާގެ ލޯބި ނުލިބުމުގެ މައްސަލަ ޙައްލުކުރެވޭނީ ޒިނޭކުރުމަކުން ނޫނެވެ. އުފާވެރިކަން ނުލިބުމުގެ މައްސަލަ ޙައްލުވެ ހާސްވެ ކަންބޮޑުވުން ފިލާނީ މަސްތުވުމަކުން ނޫނެވެ.
މިރޭ ބޮޑަށް މިބަލަލީ މާލީ ގޮތުން ބަނދުރޫޓުވުމަށެވެ. ގިނަ ަބއެއްގެ ޒަވާޖީ ޙަޔާތް ބަނގުރޫޓުވެގެންދާ އެންމެ ބޮޑު ސަބަބަކަށްވެސް ވެފައި އޮންނަނީ ހަމަ ފާފަކުރެވުމެވެ. ވީމާ ޒަވާޖީ ޙަޔާތް ބާއްޖަވެރިކުރަމްވެސް ފާފަކުރުމަށް ބޮޑުތަނުން ނޫނެކޭ ބުނަން އެބަޖެހެއެވެ،
ހުރިހާ މައްސަލަތަކެއް ވެސް ޙައްލުކުރެވޭނީ ﷲ ތަޢާލާ އެކަންކަން ޙައްލުކުރައްވަވައި ދެއްވެވުމުންނެވެ. ވީމާ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިވުން އިތުރުކުރާށެވެ! އަދި އެއްވެސް ކަމެއް ކުރިމަތި ނުވި ނަމަވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިއެއްގެ ގޮތުގައި ހުންނަން މަސައްކަތްކުރާށެވެ! ކުރިން މިބުނި ފަދައިން ހުރިހާ މައްސަލަތަކަކަށްވެސް ޙައްލު ލިބުން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ! ތިމާއަށް ﷲ ތަޢާލާ ރަޙްމަތާއި ބަރަކާތް ލެއްވެވުމުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން