ގޭގަ ނަމަވެސް ގިނަ ބައަކު ތިބޭތަނެއްގަ ސިއްރުވާހަކަދެއްކުމަކީ މައްސަލަތައް ބޮޑުވުމުގެ އިތުރުން ރިޒުޤް ދަތިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ގޭގަ ނަމަވެސް ގިނަ ބައަކު ތިބޭތަނެއްގަ ސިއްރުވާހަކަދެއްކުމަކީ މައްސަލަތައް ބޮޑުވުމުގެ އިތުރުން ރިޒުޤް ދަތިވާ ކަމެއް!

ސިއްރުން ވާހަކަ ދައްކަންވާނީ ދެމީހަކު އެކަނި ތިބެއެވެ. 3 ވަނަ މީހަކު ހުރިތަނެއްގައިވެސް 2 މީހަކު ސިއްރުން ވާހަކަދެއްކުމެއް ނެތެވެ. އެއީ އަދަބާއިވެސް ޚިލާފް ކަމެކެވެ. ގިނަ ބައަކު ތިބޭތަނެއްގައި މީސްތަކުންނަށް އެނގޭ ގޮތަށް ސިއްރުން ވާހަކަ ދެއްކުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ.  

އެހެނީ އެފަދަ މަންޒަރެއް ފެނުމުން އެ ދައްކަނީ ތިމާގެ ވާހަކަ ކަމަށް ޤަބޫލުކުރެވި އެކަމުގެ ސަބަބުން ފިތުނަވެރިކަން އުފެދޭނެތީއެވެ. ޙަސަދަވެރިކަން ބޮޑުވެ ފިތުނައިގެ ހުޅު ހިފާނެތީއެވެ. 

ގެއެއްގެ ތެރޭގައި ނަމަވެސް އަދި ރައްޓެހިންގެ މެދުގައިވެސް ގިނަ ބައަކު ތިބޭ ތަންތަނުގައި ސިއްރުން ވާހަކަ ނުދައްކާށެވެ. ސިއްރުން ވާހަކަ ދައްކާނަމަ ޝައިޠާނާ އެތަނަށް ފާވާނެއެވެ. މީސްތަކުންނަށް ވަސްވާސްދީ ޝައްކު އުފައްދުވާނެއެވެ. އެ ޝައްކު ނިމިގެންދާނީ ބޮޑު ފިތުނައަކަށްވެގެންނެވެ. ވީމާ ސިއްރުން ވާހަކަ ދައްކަން ޖެހޭ ކަމެއް އޮތް ނަމަ އެހެން ބައަކަށް އެކަން ނުއެނގޭނެ ގޮތަށް ސިއްރުން އެކަން ކުރާށެވެ! 

ބައެއް މީހުން ގޭގައި ތިބި ބައެއް ދަރިންނަށް އަޑު ނުއިވޭނެ ގޮތަށް އެއް ދަރިއަކު ގާތު ވާހަކައެއް ބުނެފާނެއެވެ. ގިނަ ފަހަރަށް މިފަދައިން ސިއްރުން ބުނާ ކަންކަމުގެ ތެރޭގައި ނަޞޭޙަތް ދިނުން ވެސް ހިމެނެއެވެ. ނަމަވެސް މަންޒަރު ފެންނަ ދަރިންގެ ހިތުގައި ޝައްކުތައް އުފެދޭނެއެވެ. މައްސަލަތައް ޖެހޭނެއެވެ. ހީކުރެވޭނީ އެދަރިފުޅު ދެކެ މާބޮޑަށް ލޯބިވަނީ ކަމަށެވެ. ނޫންނަމަ އެއުޅެނީ އެ ދަރިފުޅަށް ޚާއްޞަ ކަމެއް ކޮށްދޭން ބޭނުންވެގެން ކަމަށެވެ.  

ހަމަ މިގޮތަށް ސިއްރުން ވާހަކަދެއްކުމުން ބޮޑެތި މީހުންގެ ހިތުގައިވެސް ޝައްކުތައް އުފެދި ނަފްރަތުގެ ހުޅު ރޯވެއެވެ. ރަނގަޅަށް ވިސްނައިލާށެވެ! ވަރަށް ބާރަށް ވާހަކަ ދައްކާ މައިން ވެސް ތިބެއެވެ. އެއީ އެމީހުން ޤަސްދުގައި ކުރާ ކަމަކަށްވެސް ވެދާނެއެވެ. ނޫންނަމަ ޠަބީޢަތުގައި ހުންނަ ސިފައަކަށްވެސް ވެދާނެއެވެ. މައިން އަޑުގަދަކޮށް ވާހަކަ ދައްކާ ގޭގޭގައި ފިތުނަވެރިކަން ކުޑަވާނެއެވެ. އުފާވެރިކަން އިތުރުވާނެއެވެ. މިބުނަނީ އެއްވެސް ހާލެއްގައި ރުޅި އައިސް އަޑުގަދަކުރާ ވާހަކައެއް ނޫނެވެ. ޢާންމު ދިރިއުޅުމުގައި ދައްކާ ވާހަކައެވެ.  

ކުރީ ޒަމާނުގައި ފަނޑިޔާރުން ޝަރީޢަތް ކުރީ މިސްކިތްތަކުގައެވެ. އެއީ ވީހައި ގިނަ ބައަކަށް އަންގައިގެން ނިންމުންތައް ނިންމުމަށެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އެކަމުގައި އުންމަތަށް ނަމޫނާ ދައްކަވައިދެއްވަވައިފައެވެ.  

ޝަރީޢަތް ކުރަންވާނީ ވެސް ހެކި ބަސް ދޭން ޖެހޭނީ ވެސް މީސްތަކުންގެ ކުރިމަތީގައެވެ. އެ އަޑު އަހަން ބޭނުން ވީހައި ގިނަ ބައަކަށް ފުރުޞަތު ދެވޭނެ ގޮތަށެވެ. އެގޮތަށް ޝަރީޢަތްތައް ކުރެވުނު ދުވަސްތަކުގައި ފިތުނަވެރިކަމެއް ނެތެވެ. ކުރި ޙުކުމް އިންޞާފުވެރި ނުވެގެން އުޅޭކަށްވެސް ނުޖެހެއެވެ.  

މިހުރިހައި ކަމަކުންވެސް އެނގެނީ ގިނަ ބައެއްގެ މަސްލަހަތާއި ގުޅިފައި ހުންނަ ކަންކަމުގައި ސިއްރުން ވާހަކަ ދެއްކުމެއް ނެތް ކަމެވެ. އެކަމުން ލިބޭނީ ގެއްލުން ކަމެވެ. ހަމައެއާއިއެކު އެގެއެއްގައި ފިތުނަ ބޮޑުވެއްޖެނަމަ ރޯދިބަރަކާތް އިތުރުވުމަށް (ރިޒުޤް އިތުރުވުމަށް)ވެސް ހުރަސް އެޅެއެވެ. ރަޙްމަތުގެ މަލާއިކަތުން ވަދެވަޑައިގަތުމަށްވެސް އުނދަގޫފުޅުވެއެވެ. އެހެނީ މީސްތަކުންނަށް އުނދަގޫވާ ކަންކަމުން މަލާއިކަތުންނަށް އުނދަގޫފުޅުވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން