މިސްކިތަށް ވަދެނުކުމެހަދާއިރު ދުޢާ ނުކިޔާނަމަ އެނަގައިލެވެނީވެސް ލިބެންހުރި އެތައް ބައިވަރު ޘަވާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
މިސްކިތަށް ވަދެނުކުމެހަދާއިރު ދުޢާ ނުކިޔާނަމަ އެނަގައިލެވެނީވެސް ލިބެންހުރި އެތައް ބައިވަރު ޘަވާބު!

ޘަވާބް އިތުރުވުމަށް އެދޭ ކޮންމެ މީހަކަށްވެސް ފަހި ފުރުޞަތުތައް ބައިވަރެވެ. އެގޮތުންބަލާއިރު މިސްކިތަށް ވަދެނުކުމެހދާއިރު ޛިކުރުތައް ކިޔުމަކީވެސް ކުރަން ފައިދާހުރި ކަމެކެވެ. މިސްކިތަށް އެރުމަކީ ހަމައެކަނި ނަމާދުގެ ޖަމާޢަތަށް އަރާ އެރުމެއް ނޫނެވެ. ވުޟޫކުރަން ފައިބާފައި އެރުމަކީވެސް ހަމަ މިސްކިތަށް އެރުމެވެ. މިސްކިތުން ފޭބުންވެސް އޮތީ ހަމަ މިގޮތަށެވެ.  

ކޮންމެ މިސްކިތަކީވެސް ބިންމަތީގައިވާ ﷲ ތަޢާލާގެ ގެކޮޅެކެވެ. ބަހައްޓަންޖެހޭ ޙުރުމަތަށް ރައްކައުތެރިވާށެވެ! މިސްކިތަށް ލޯބި ޖެހުމަކީވެސް ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާ ޢަމަލެކެވެ.  

މިހާރަކަށް އައިސް ސުންނަތަށް ފަރުވާކުޑަކުރެވެމުން ގޮސް މިސްކިތަށް އަރައި އަދި ފައިބާއިރު ކިޔަން ހުރި ޛިކުރުތައް ކިޔަނީވެސް މަދު މީހެކެވެ. އެހެން ނުހަދާށެވެ! މިސްކިތަށް އަރަމުންވެސް އަދި ފައިބަމުންނެވެ. ސުންނަތުގައިވާ ޛިކުރުތައް ކިޔާށެވެ. 

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«إِذَا دَخَلَ أَحَدُكُمُ الْمَسْجِدَ، فَلْيَقُلْ: اللهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ، وَإِذَا خَرَجَ، فَلْيَقُلْ: اللهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ» [رواه مسلم] 

މާނައީ: "ތިޔަބައިމީހުންކުރެ މީހަކު މިސްކިތަށް ވަންނަހިނދު މިފަދައިން ކިޔާށެވެ. 

«اللهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ» 

މާނައީ: "އޭ ﷲ! އިބައިލާހުގެ ރަޙުމަތުގެ ދޮރުކޮޅުތައް މިއަޅާއަށްޓަކައި ހުޅުއްވައިދެއްވާނދޭވެ!" 

އަދި ތިޔަބައިމީހުންކުރެ މީހަކު މިސްކިތުން ނިކުންނަހިނދު މިފަދައިން ކިޔާށެވެ. 

«اللهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ» 

މާނައީ: "އޭ ﷲ! ހަމަކަށަވަރުން މިއަޅާ އިބައިލާހުގެ ފަޟްލަވަންތަވެރިކަމުން ދެއްވުމަށްއެދި ދަންނަވަމެވެ."

 

- "ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله"

 

މިއަދު އޮންލައިން