ނަމާދުވަޤުތުޖެހުން ދަރިފުޅުގެ ގާތުގައި ނަމާދުކުރަން ބުނުމުން ބުނީ މިއީ ގެރޫޕްޗެޓެއްގައި ކަމަށެވެ. ޗެޓް ނިންމާލާފައި ނަމާދުކުރާނެކަމަށެވެ. މަންމަ އެދުނީ ޗެޓްގައި ސުވާލެއް ކުރުމަށެވެ. އެއީ ކަލޭމެން އެންމެންނަކީ ޝައިޠޯނުންތޯއެވެ؟
ދަރިފުޅު ދިއައީ ސިއްސައިގެންނެވެ. އެކަމަކު މަންމަ އެހެން ބުނީތީ ސުވާލު ލިޔުނެވެ. އެކުވެރިން އެދުނީ މަންމަ އެސުވާލުކުރާ ސަބަބު އޮޅުންފިލުވުވައިދިނުމަށެވެ. މަންމަގެ ޖަވާބަކަށްވީ ބަންގިގޮވީމާ ނަމާދުނުކޮށް ޗެޓްކުރަން ތިބޭނީ ޝައިޠޯނުން ނޫން ކޮންބައެއްކަން އެކުދިން ބުނެދިނުމަށެވެ. އެއިގެ ޖަވާބަކަށް ކުދިން ބުނި ބަސްތައް އެނގުމުން އެކުއްޖާ ގްރޫޕުން ނުކުތީއެވެ.
އެކަން އެހެންއެވީ މައިމީހާގެ ދުޢާގެ ސަބަބުންނަމަވެސް ކުއްޖާއަށް ހެޔޮ މަގު ވިސްނުނީތީއެވެ. އަހުރެން ބުނަން ބޭނުންވަނީ ބޮޑަށް ކުޑަޔަސް ދީނަށް ޢަމަލުނުކުރާ މީހުންނާއިއ އެއްވެސް ގުޅުމެއް ނުބާއްވާށެވެ! އެމީހުންފަދަ މީހަކަށް ތިމާވެސް ވުމަކީ ދާދިގާތުގައި އޮތް ކަމަކަށްވާތީއެވެ.
މުސްލިމުންނަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ދީނަށް ޢަމަލުކުރުމެވެ. ދީނަށް ޢަމަލުނުކުރެވޭނަމަ އޭނާގެ ކިބައިގައި އެއްވެސް ހެޔޮކަމެއް ނެތެވެ. އަދި ދީނެއްވެސް ނެތެވެ. ޚާއްޞަކޮށް ފަރުޟް ނަމާދުތަކަށް ރައްކައުތެރިނުވެވޭނަމަ އެހުރެވެނީ މުސްލިމުންގެތެރެއަކު ނޫނެވެ.
ގިނަ ބައަކަށް ދީނަށް ޢަމަލުނުކުރެވިގެން އުޅޭ އެންމެ ބޮޑު އެއްސަބަބަކީ ދީނަށް ޢަމަލުނުކުރާ މީހުންނާއި ގުޅިގެން އުޅެވޭކަމެވެ. އެކަމުގެ ނަތީޖާއަކަށްވަނީ ކުރިންވެސް މިބުނިފަދައިން އެމީހުން ފަދައިން ތިމާއަށްވެސް ދީނަށް ޢަމަލުނުކުރެވުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުމެއް!:
އަހުރެންނާއި އަހުރެންގެ ފިރިމީހާއަކީވެސް އަލަށް އިސްލާމްވި މީހުންނެވެ. ދެމީހުން ކައިވެނިކުރީ އިސްލާމްވުމަށްފަހުގައެވެ. އަހުރެމެންގެ ކައިވެންޏަށް 20 އަހަރު ފުރެން ގާތްވަނީއެވެ. މިއަދު އަހުރެމެންނަކީ އެންމެ ފުރިހަމަ ގޮތުގައި އިސްލާމް ދީނަށް ޢަމަލުކުރަން މަސައްކަތްކުރާ ދެ މީހުންނެވެ.
އަހުރެމެން ދެމީހުންނަކީ އަލަށް އިސްލާމްވި ދެމީހުން ކަމަށްވުމުން އަހުރެމެންނަށް ދީނުގެ ކަންކަން ބުނެދީ ހިތްވަރުދޭނެ ޢާއިލީ ބައަކު ނެތެވެ. އެހެންވެ ދެމީހުންވެސް ނިންމީ ކާފިރު އެކުވެރިން ނުގެންގުޅުމަށެވެ. އެމީހުންނާއި ދުރުހެލިވުމަށެވެ.
އެއީ އެމީހުންދެކެ ރުޅި އައިސް ނަފްރަތުކުރާތީއެއް ނޫނެވެ. އެމީހުންގެ ސަބަބުން ދީނަށް ޢަމަލުކުރުމުގައި ހުރަސްތައް ކުރިމަތިވާނެތީއެވެ. އެމީހުން ކުރާ ކަންކަމުގައި ބައިވެރިވެ އުޅުމުން ދީނާއި ދުރަށް ދެވިދާނެތީ އެކަމުގެ ބިރަށެވެ. ދީނަށް ޢަމަލުކުރުމުގައި މިހައި ކުރިއަށް އާދެވިފައި މިތިބީ އެގޮތަށް އެކަން ކުރެވުނީތީއެވެ.
އަހުރެން ބުނެލަން ބޭނުންވަނީ މުސްލިމުން ކަމަށް ބުނި ނަމަވެސް ދީނަށް ޢަމަލުނުކުރާ މީހުންނާއި ގުޅިގެން ނުއުޅޭށެވެ. ޙަރާމް ކަންކަން ކުރާ މީހުންނާއި ގުޅުން ނުބާއްވާށެވެ. ނަމާދު ނުކުރާ، ނަމާދުކުރަން ސަމާލުކަން ނުދޭ މީހުންނާއި ގުޅުން ނުބާއްވާށެވެ! ގުޅުން ބާއްވާނަމަ ދީނަށް ޢަމަލުކުރަން ހުރަސްތައް ކުރިމަތިވާނެއެވެ.
މިއީ އަލަށް އިސްލާމްވި އަންހެނަކު ބުނެފައިވާ ބަސްކޮޅެކެވެ. އަހުރެން ދެކޭ ގޮތުގައި އޭނާގެ އަމިއްލަ ތަޖުރިބާގެ މައްޗަށް ބަލައި އެބުނަނީ ވަރަށް ހެޔޮ ވާހަކައެކެވެ. އިސްލާމް ދީނުގައި ޘާބިތުވެ ކުރިއަށްދާން ބޭނުން ކޮންމެ މީހަކުވެސް ވިސްނައި ޢަމަލުކުރުން އެންމެ މުހިންމު ކަންތަކުގެ ވާހަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން