ކޮންމެ މުސްލިމަކުވެސް ހުންނާނީ އީމާންވެގެންނެވެ. ސުވާލަކަށްވަނީ އީމާން ވެވެނީ ކިހާވަރަކަށް ހެއްޔެވެ؟ ފުރިހަމަ ގޮތުގައި އީމާންވެވޭ ހެއްޔެވެ؟ ނޫންނަމަ އެއީ ދުލުކުރިން ބުނެލާ ބަހެއް ހެއްޔެވެ؟ ފުރިހަމަ ގޮތުގައި އީމާންވެގެން ތިބޭ މީހުންނާއި ފުރިހަމަ ގޮތުގައި އީމާން ނުވެވޭ މީހުންގެ މިޘާލެއް ބުނެދެން ހެއްޔެވެ؟
އެއީ ތިބާއަށް ވަރަށް މަސައްކަތްބުރަ ދުވަހެކެވެ. ކުދިންނާއި ގޭތެރޭގެ މަސައްކަތްތައްހުރި ގޮތުން ފިރިމީހާ ގެއަށް އަންނަ ގަޑި ޖެހެން ކައިރިވިއިރު ހުރީ ނުވެސް ކެއްކިއެވެ. އެހެންވެ ބަދިގެއަށް ވަދެ އަވަސްކުރަން އުޅެން ހަދައިގެން އިނގިލީގައި ވަޅީގެ މިޔަޖެހި ތަންކޮޅެއް ކެނޑުނީއެވެ.
އެހިނދުގައި ފުރިހަމައަށް އީމާންވެގެން ހުރި މީހަކުނަމަ އަލްޙަމްދުލިﷲ ކިޔައި ﷲ ތަޢާލާއަށް ޙަމްދުކުރާނެއެވެ. އޭނާގެ އިނގިލި އެކުގައި ބުރިނުވިކަމަށްޓަކައާއި އަދި އެވަޤުތު ވަޅި އަތުން ދޫވެގެން ވެއްޓި ގައިގެ އެހެން ތަނަކަށް ހެރި ބޮޑު އަނިޔާއެއް ނުލިބުނު ކަމަށްޓަކައި ޝުކުރުވެރިވާނެއެވެ.
ފުރިހަމައަށް އީމާން ނުވެހުރި މީހާގެ ޝަކުވާތައް ވަރަށް ގިނަވާނެއެވެ. އެވަޤުތު އޭނާގެ މަސައްކަތަށް ހުރަސްއެޅުނީތީ، އަދި މަސައްކަތް ލަސްވީތީ ރުޅިގަދަވާނެއެވެ. ކޮށަންހުރި ތަރުކާރީކޮޅުގައި ލޭޖެހި އުކާލަންޖެހުމުން ފައިސާތަކަކާއި ކުރި މަސައްކަތް ބޭކާރުވީތީ އިތުރަށް ރުޅިގަދަވާނެއެވެ. އެހެންވެ މޫޑް ގޯސްވެ މީހާ ހޫނުވެ ގައިން އޮއްދައުވެސް ހިއްލާނެއެވެ.
ނިންމާލަމުން މިފަދަ ކަމެއް މެދުވެރިވި މީހަކަށް ކަންކަން މެދުވެރިވި ގޮތްވެސް ކިޔައިދޭނަމެވެ. އޭނާއަކީ ފުރިހަމަ ގޮތުގައި އީމާންވެގެން ހުރި މީހެކެވެ. އޭނާގެ ފިރިމީހާއަކީ މިފަދަ ކަންކަމުގައި ވަރަށް ރުޅިގަދަވާވެސް މީހެކެވެ.
އޭނާގެ އިނގިލި ކެނޑުމުން ކެއްކުން އިތުރަށް ލަސްވުމުންވެސް މިއީ ﷲ ތަޢާލާ މިންވަރުކުރެއްވެވި ގޮތްކަމަށް ޤަބޫލުކޮށްލައިގެން މަސައްކަތުގައި ހުއްޓައި ފިރިމީހާ ގެއަށް އައީ ކާނެ އެއްޗެތި ހިފައިގެންނެވެ. ބުނީ މިއީ އޮފީހުގައި އޮތް މެންދުރު ކެއުމަކުން ބާކީވި އެއްޗެތި އުކާލަން އުޅެން ފެށީމާ އުކާލިޔަނުދޭންވެގެން ގެނައީ ކަމަށެވެ.
ކޮންފަދަ ރަނގަޅު އިއްތިފާޤެއް ހެއްޔެވެ؟ މިފަދަ ޙާދިސާއެއް ހިނގާ ކޮންމެ ފަހަރަކު މިފަދަ ގޮތަކަށް ޕާރުސަލް ނުލިބިދާނެއެވެ. ނަމަވެސް ޔަޤީންކުރަންވީ ކެތްތެރިވެ ވަކީލްކުރާ އަޅުންނަށް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެ ކަމެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން