ނަމަނަމަ މާޔޫސްނުވާތި! މީހަކަށް ތިބާ މުހިންމު ނުވުމަކީ ތިބާގެ މުހިންމުކަމުން ޛައްރެއްގެ މިންވަރުވެސް އުނިވާ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ނަމަނަމަ މާޔޫސްނުވާތި! މީހަކަށް ތިބާ މުހިންމު ނުވުމަކީ ތިބާގެ މުހިންމުކަމުން ޛައްރެއްގެ މިންވަރުވެސް އުނިވާ ކަމެއް ނޫން!

ތިމާ އެމީހެއްގެ ކިބައިން ސަމާލުކަން ބޭނުންވާ މީހަކު ތިމާއަށް ސަމާލުކަން ނުދިނުމަކީ އެއްވެސް ޙާލެއްގައި ތިބާގެ މުހިންމުކަމުން ޛައްރެއްހެ މިންވަރުވެސް އުނިޔާ ކަމެއް ނޫނެވެ. ތިބާ މުހިންމު ނުވީ އޭނާއަށެވެ. ނަމަވެސް ތިބާ މުހިންމުވާނެ އެތައް ބައަކު ތިބޭނެއެވެ. ވީމާ މީހަކު ތިބާގެ އަގު ވަޒަންނުކުރުމަކީ އެއްވެސް ވަރަކަށް މާޔޫސްވާންޖެހެންވީ ސަބަބެއް ނޫނެވެ.  

މީސްތަކުންނޭވެ! ތިއަބައިމީހުންކުރެ ކޮންމެ މީހަކަށްވެސް ނޭވޭލެވި ދުނިޔޭގައި ތިއަ ހުރެވެނީ ﷲ ތަޢާލާ ތިބާ ދުނިޔޭގައި ލަހައްޓަވާފައިވާތީއެވެ. ތިބާގެ ފުރާނަ ނުގެންދަވައި ދުނިޔޭގައި ލަހައްޓަވާފައިވަނީ ހަމައެކަނި ތިބާ އުފަލުގައި ދުނިޔޭގައި އުޅުމަށް ކަމަށް ނުދެކޭށެވެ.  

ކޮންމެ މީހަކީވެސް މުހިންމު މީހެކެވެ. ތިމާގެ ވަށައިގެންވާ ކޮންމެ މީހަކަށްވެސް ތިބާއަކީ މުހިންމު މީހެކެވެ. މީސްތަކުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގައިވެސް ތިބާއަކީ މުހިންމު މީހެކެވެ. ތިބާގެ މުހިންމުކަމެއް ނެތްނަމަ ތިބާ ދުނިޔެއަކު ނުހުންނާނެއެވެ. ހިތާމައަކީ އެކަންކަން ޤަބޫލުނުކުރެވޭ ކަމެވެ. ތިމާ ދުނިޔޭގައި ހުންނަނީ ހަމައެކަނި ތިމާގެ ފައިދާއަށް ކަމަށް ދެކެވޭކަމެވެ.  

ތިބާ ދުނިޔޭގައި ލަހައްޓަވާފައި އެވަނީ ތިބާގެ ސަބަބުން އެހެން މީހުންނަށްވެސް ފައިދާތަކެއް ވުމަށް ކަމަށް ދެކޭށެވެ. ވީމާ ދުނިޔޭގައި ހުރެވޭ ކޮންމެ ވަޤުތަކުވެސް ތިމާ ފަދަ އެހެން ކޮންމެވެސް މީހަކަށް ކޮންމެވެސް އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ ބަލާށެވެ. ހެޔޮކަމެއް ކޮށްދެވޭތޯ ބަލާށެވެ.  

ﷲ ތަޢާލާއީ އެންމެ ދީލަތިވަންތަ އެންމެ އޯގާތެރިވަންތަ ރަސްކަލާނގެއެވެ. އަހުރެމެން ޤަބޫލުކުރަންވީ ތިމަން ﷲ އީ ރަހްމާންވަންތަ، ރަޙީމްވަންތަ ރަސްކަލާނގެ ކަމަށް އޮތް ވަޙީބަސްފުޅެވެ.  

ތިމާއަށް ﷲ ތަޢާލާގެ ރަޙްމަތް އިތުރުވުމަށް އެދޭމީހާއަށް އޮތީ މިވަޙީބަސްފުޅު ޤަބޫލުކުރުމެވެ. އެހެނީ ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ ތިމަން ﷲ ވޮޑިގެންވަނީ ތިމަން ﷲ އާއިމެދު ތިމަން ﷲ ގެ އަޅާ ދެކޭ ގޮތުގެ މައްޗަށް ކަމަށެވެ.  

އަހުރެމެން ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ އަޅެކެވެ. އަހުރެމެންނަށް އޮތީ އަހުރެމެންނަށް ތަނަވަސްކަމާއި ކުޅަދާނަކަން ދެއްވެވި ވަރަކުން މީސްތަކުންނަށް އޯގާތެރިވެ ހެޔޮކޮށް ހިތުމެވެ. އެހެން ނޫންނަމަ އަހުރެމެންނަށް ދެއްވެވި ނިޢުމަތްތަކަށް ޝުކުރުވެރިވެވޭ ކަމަކަށް ނުވާނެއެވެ!

 

- ބިލާލް އައްސަދުގެ ދަރުސަކުން  

މިއަދު އޮންލައިން