ދުނިޔެވެސް އަދި އާޚިރަތްވެސް ގިނަ ބައަކަށް ގެއްލިގެންދާ އެންމެ ބޮޑު ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ދުނިޔެވެސް އަދި އާޚިރަތްވެސް ގިނަ ބައަކަށް ގެއްލިގެންދާ އެންމެ ބޮޑު ސަބަބު!

އިންސާނުންގެ މެދުގައި އަބަދުވެސް މައްސަލަތައް ޖެހޭނެއެވެ. ޚިޔާލުވެސް ތަފާތުވާނެއެވެ. ދެބަސްވުންތައްވެސް އުފެދޭނެއެވެ. އެއީ ދުނިޔޭގެ ޤާނޫނެވެ. ދުނިޔެ ހިނގަމުން ދިއުމަށް ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާ ގޮތެވެ. 

މުހިންމީ ހެޔޮ ނަޞޭޙަތްދީ މައްސަލަތައް ޙައްލުކުރުމެވެ. ބޭނުންވަނީ އެކަންކުރާނެ ހެޔޮލަފާބައެކެވެ. އެފަދަ ބައަކު ނެތްނަމަ ދުނިޔެދާނީ ދުވަހެއް ދުވަހަކަށް ފަސާދަވަމުންނެވެ. ޙަސަދަވެރިކަން އިތުރުވަމުންނެވެ. ތަޅާފޮޅުމާއި ޤަތުލުޢާންމުތައް ގިނަވަމުންނެވެ. 

ހަމައެއާއިއެކު މުހިންމީ ހެޔޮލަފާ މީހުންދޭ ނަޞޭޙަތް ޤަބޫލުކުރުމެވެ. އެފަދަ ނަޞޭޙަތް ޤަބޫލުނުކުރާނަމަ އެއްވެސް މައްސަލައެއް ޙައްލެއް ނުކުރެވޭނެއެވެ. ކިތަންމެ ކުޑަކުޑަ މައްސަލައެއް ނަމަވެސް ބޮޑު މައްސަލައަކަށްވެ ބޮޑު ފިތުނައަކަށްވެގެން ހިނގައިދާނެއެވެ. 

މިއަދު ޖެހިގެން މިއުޅޭ އެންމެ ބޮޑު އެއް މައްސލައަކީ އެއީއެވެ. ތިމާއަށް ވިސްނޭގޮތް އެއީ އެންމެ މޮޅު ގޮތް ކަމަށް ޔަޤީންކުރެވެނީއެވެ. ކިތަންމެ ރަނގަޅު ނަޞޭޙަތެއް ދިންނަމަވެސް އަޑުއަހައި ޤަބޫލުކުރަން ބޭނުން ނުވަނީއެވެ. 

ޢާއިލާގެ ތެރޭގައިވެސް މައްސަލަތައް ގިނަވެ ހަސަދަވެރިކަން ޢާންމުވަނީ ނަޞޭޙަތް ޤަބޫލުނުކުރެވޭތީއެވެ. ގޮތްދޫނުކުރެވޭތީއެވެ. މަސައްކަތު މާޙައުލުގައިވެސް މައްސަލަތައް ގިނަވާ އެންމެ ބޮޑު ސަބަބަކީ އެއީއެވެ. އަދި ކީއްހެއްޔެވެ؟ ޒަވާޖީ ޙަޔާތުގައިވެސް މައްސަލަތައް ކުރިމަތިވެ ވަރިފަށަށް އެރުން ގިނަވަނީވެސް ހަމަ ނަޞޭޙަތް ޤަބޫލުނުކުރެވޭތީ އާއި ގޮތްދޫކުރަން ބޭނުން ނުވާތީއެވެ. 

އަހުރެމެންނީ މުސްލިމުންނެވެ. މުސްލިމުންނަކީ މިކަންކަމަސް ވިސްނަންޖެހޭނެ ބައެކެވެ. ހެޔޮ ނަޞޭޙަތް ޤަބޫލުކުރަންޖެހޭނެ ބައެކެވެ. ނަބީބޭކަލުންނާއި ރަސޫލްބޭކަލުން ދެއްވެވި ނަޞޭޙަތް ޤަބޫލުނުކުރެވޭނަމަ ދީނަކު ނުހުރެވޭނެއެވެ. އަދި ދީނުގެ ބޮޑެތި ޢިލްމުވެރިން ދެއްވާ ނަޞޭޙަތް ޤަބޫލުނުކުރާ މީހަކަށްވެސް އިބްލާޙެއް ނުވެވޭނެއެވެ. އަދި ހެޔޮލަފާ، ރަނގަޅު މީހުން ދޭ ނަޞޭޙަތް ޤަބޫލުނުކުރާ މީހަކަށްވެސް އިޞްލާޙެއް ނުވެވޭނެއެވެ. 

ވީމާ އެމީހެއްގެ ޢަމަލުތައް އިޞްލާޙްކޮށް ރަނގަޅު ގޮތުގައި ކުރިއަށް ދިއުމަށް އެދޭނަމަ ފުރަތަމަ ކަމަކަށްވެސް ހެޔޮ ނަޞޭޙަތް ޤަބޫލުކުރާ މީހަކަށްވާށެވެ. ނޫންނަމަ އެމީހަކު ހިމެނިގެންދާނީ ބޮޑާ ކިބުރުވެރި މީހުންގެ ތެރެއިންނެވެ. ކިބުރުވެރިކަމުގެ ޛައްރެއްގެ މިންވަރު ހުރި މީހަކުވެސް ސުވަރުގެ ނުވައްދަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތް ނޫންހެއްޔެވެ؟

ޚުލާޞާކޮށްލާފައި ބުނާނަމަ ބުނަންއޮތީ ގިނަ ބައަކަށް ދުނިޔެވެސް އަދި އާޚިރަތްވެސް ގެއްލިގެންދާ އެންމެ ބޮޑު ސަބަބަކީ އެހެން މީހުންދޭ ހެޔޮ ނަޞީޙަތް ޤަބޫލުނުކުރެވުމެވެ. ތިމާއަށް ކުރެވޭ ކުށްތައް ޤަބޫނުކުރެވުމެވެ. ކޮންމެ ކަމެއްވެސް އެންމެ ރަނގަޅަށް ވިސްނޭނީ ތިމާއަށް ކަމަށް ޤަބޫލުކުރެވުމެވެ. ވީމާ އާޚިރަތުގެ އިތުރުން ދުނިޔެ ލިބުމަށް އެދޭމީހާވެސް މިކަންކަމަށް ވިސްނަން އެބަޖެހެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން