ޛިކުރުކުރުމާ ދުޢާކުރުން ގިނަކުރާވަރަކަށް އެމީހާގެ ދަރަޖަ މަތިވެރިކުރެއްވެވުމުގެ އިތުރުން ރަޙްމަތްވެސް ދާނީ އިތުރުވަމުން އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޛިކުރުކުރުމާ ދުޢާކުރުން ގިނަކުރާވަރަކަށް އެމީހާގެ ދަރަޖަ މަތިވެރިކުރެއްވެވުމުގެ އިތުރުން ރަޙްމަތްވެސް ދާނީ އިތުރުވަމުން އިން ޝާ ﷲ

ތިމާއަށް ކުރިމަތިވާ އެއްވެސް މުޞީބާތަކާއި ހުރެ ޝަކުވާ ކުރުމުގެ ބަދަލުގައި އެޙާލަތުން ސަލާމަތްކުރެއްވެވުން އެދި ގިނަގިނައިން ޛުކުރުކޮށް ދުޢާ ކުރާށެވެ! މުޞީބާތެއް ކުރިމަތި ކުރައްވަވާ ކޮންމެ ފަހަރަކު އެކަން މެދުވެރިކުރެއްވެވީ ބޮޑު ފާފައެއް ކުރެވިގެން ކަމަށް ނުވެދާނެއެވެ. އެހެނީ އިމްތިޙާން ކުރެއްވެވުމަށްޓަކައިވެސް މުޞީބާތްތައް ކުރިމަތި ކުރައްވަވައެވެ.  

ﷲ ތައާލާ އެންމެ ބޮޑަށް ލޯބިކުރައްވަވަނީ ކަންކަމަށް އެދި އެކަލާނގެ ޙަޟްރަތުގައި ގިނަގިނައިން ދެންނެވުމަށެވެ. ދުޢާ ކުރުމަށެވެ. ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމަށެވެ. ނަމަވެސް ގިނަބައަކު އެންމެ ގިނައިން ކުރާ ކަމަކީ ދުޢާ ކުރުމުގެ ބަދަލުގައި ޝަކުވާ ކުރުމެވެ. އިންސާނުން މިކުރާ ކަމަކީ ކަން އޮންނަން ޖެހޭ ގޮތް ބަދަލުކުރުމެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.  

ކީރިތި ޤްރުއާނުގައި ވަޙީކުރައްވަވާފައިވާ ޔަޢްޤޫބްގެފާނުގެ ވާހަކަފުޅުންނާއި އައްޔޫބްގެފާނުގެ ވާހަކަފުޅުންނާއި ޔޫސުފްގެފާނުގެ ވާހަކަފުޅު ފަދަ ވާހަކަތައް ގިނަގިންއިން ކިޔާށެވެ! ޢިބްރަތް ޙާޞީލްކުރާށެވެ!  

"މިއަޅާއަށް މި މުޞީބާތް ކުރިމަތި ކުރެއްވެވީ ކީއްވެގެންތޯ؟ މިއަޅާގެ ކޮން ކުށެއް އޮވެގެންތޯ؟"  ﷲ ތަޢާލާ އާއި ސުވާލު ކުރުމެއްނެތެވެ. އެއިގެ ބަދަލުގައި މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ ތައުބާވުން ގިނަކުރާށެވެ! މިއަޅާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން