ކިތަންމެ ބޮޑަށް ލޯބިވިޔަސް، ކައިވެނިކުރަން ކިތަންމެ ބޭނުންވިޔަސް ކައިވެނިކުރަންވާނީ ޒިންމާ އުފުލުމުގެ ޤާބިލުކަން ހުރެގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކިތަންމެ ބޮޑަށް ލޯބިވިޔަސް، ކައިވެނިކުރަން ކިތަންމެ ބޭނުންވިޔަސް ކައިވެނިކުރަންވާނީ ޒިންމާ އުފުލުމުގެ ޤާބިލުކަން ހުރެގެން!

ކައިވެނިކުރަން ބޭނުންވާ ކުދިންގެ ގާތުގައި ޝަރުޠުތައް ފުރިހަމަކުރުމުގެ ވާހަކަ ދައްކާއިރަށް ބުނާނީ ދީނުގައި ފަސޭހަކުރައްވަވާފައިވާކަމެއް އުނދަގޫކުރަނީ ކަމަށެވެ. އެއީ އެބުނާ ފަސޭހަކަމަކީ ކޮބައިކަން ނުއެނގޭތީއެވެ. ކައިވެނިކުރުމަކީ ކުރަން ފަސޭހަކަމެއް ކަމުގައި ލައްވަވާފައިވަނީވެސް ޝަރުޠުތަކަކާއިއެކުގައިކަން ނުވިސްނޭތީއެވެ.  

މިހާރަކަށް އައިސް 16 އަހަރުވެސް ނުފުރޭ ކުދިން ލޯބިވެރިން ހޯދައިގެން ކައިވެނިކުރަން އެބަބޭނުންވެއެވެ. ބުނަނީ އަވަހަށް ކައިވެނިކުރަން ބޭނުންވަނީ ޒިނޭކުރެވިދާނެ ކަމުގެ ބިރަށް ކަމަށެވެ.  

ރަނގަޅު ވާހަކައެކެވެ. ކައިވެނިކުރުން އަވަސްކުރަންވީއެވެ. ނަމަވެސް ކައިވެނިކުރަން ޝަރުޠުތަކެއް ފުރިހަމަވާން އެބަޖެހެއެވެ. އެއީ ފުރިހަމަ ޞިއްޙަތެއްގައިވުމާއި އަނބިމީހާ ބެލެހެއްޓުމުގެ ޤާބިލްކަން ހުރުމެވެ.  

ޤާބިލްކަން ހުރުމުގައި 2 ގޮތެއްވެއެވެ. ފުރަތަމަ އަދި އެންމެ ރަނގަޅު ގޮތަކީ ތިމާއަށް މާލީ ގޮތުން އަންތބަކު ބެލެހެއްޓޭނެ ތަނަވަސްކަން ލިބިފައިވުމެވެ. އަދި އެހެން ގޮތްގޮތުންވެސް އަނބިމީހާ ބެލެހެއްޓުމުގެ ކުޅަދާނަކަން ހުރުމެވެ.  

ދެވަނަ ގޮތަކީ މައިންބަފައިން ނުވަތަ ބެލެނިވެރިން އެކަމުގެ ޒިންމާ ނަގަން ތިބުމެވެ. އެމީހުންނަށްވެސް ޒިންމާ ނެގޭނީ އެމީހުންގެ ކިބައިގައި ތަނަވަސްކަން ހުރެގެންނެވެ.  

ވީމާ މީހަކު ދެކެ ލޯބިވުމަކީ މިޝަރުތުތައް ފުރިހަމަ ނުވާނަމަ ކައިވެނިކުރަން އަވަސްވެގަނެވެން އޮތް ސަބަބެއް ނޫނެވެ. އަދި ޝަރުޠު ހަމަވަންދެން ކައިވެނިކުރުން ލަސްކޮށްލަން ޖެހުމަކީ ޒިނޭކުރަން ޖެހެންވީ ސަބަބެއް ނޫނެވެ. އޮތީ ހަވާނަފްސަށް ހެއްލި، ޝައިޠޯނާ ދައްކާ މަގުން ޢަމަލުނުކޮށް ޝަރުޠު ހަމަވަންދެން ކެތްތެރިވުމެވެ. ކައިވެނީގައި ބަރަކާތް ލައްވަވާނީ އެއިރުންނެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން