ނަމާދަށް ހުންނަ މީހާއަށް އަޑުއިވޭވަރަށް ޤުރްއާންވެސް ނުކިޔަވަން އޮތް އިރު ބާރަށް ވާހަކަދައްކަން ހެޔޮވާނީ ކިހިނަކުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ނަމާދަށް ހުންނަ މީހާއަށް އަޑުއިވޭވަރަށް ޤުރްއާންވެސް ނުކިޔަވަން އޮތް އިރު ބާރަށް ވާހަކަދައްކަން ހެޔޮވާނީ ކިހިނަކުންތަ؟

މިސްކިތުގައި ތިމާވާ ކޮންމެ ހިނދެއްގައި އެހެން މީހުންނަށް ރިވެތި ގޮތުގައި އަދަބުތައް އަދާކުރާށެވެ! ހެޔޮކޮށް ހިތާށެވެ! އޯގާތެރިވާށެވެ. އެއްވެސް މީހަކަށް އުނދަގޫވާނެ އެއްވެސް ކަމެއް ނުކުރާށެވެ.  

ބައެއް މީހުން މިސްކިތުގައި ވަރަށް އަޑުހަރުކޮށް ޤުރްއާން ކިޔަވައެވެ. މިސްކިތުގައި ޤުރްއާން ކިޔަވަންވާނީވެސް އެހެން މީހުންނަށް އުނދަގޫ ނުވާނެ ވަރަށެވެ. ޚާއްޞަކޮށް ނަމާދަށް ހުންނަ މީހާއަށް އަޑު ނުއިވޭ ވަރަށެވެ. އެހެނީ އެކަމުގެ ސަބަބުން ނަމާދުގައި ޚުޝޫޢަތްތެރިވުމަށް ހުރަސް އެޅޭނެއެވެ. ޙަދީޘްފުޅުގައި އޮތީވެސް ނަމާދަށް ތިބޭ މީހުންނަށް އަޑުއިވޭނެ ވަރަށް ނުކިޔެވުމެވެ.  

ކަންމިހެން އޮތްއިރު މިސްކިތުގައި އަޑުހަރުކޮށް ވާހަކަ ނުދައްކާށެވެ. އެކަމުން މީސްތަކުންނަށް އުނދަގޫވާނެއެވެ. ޛިކުރުކުރަން އިންނަ މީހާއަށްވެސް އުނދަގޫތައް ކުރިމަތިވާނެއެވެ. އެއަޑުތައް އިވުމުން ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން އުނދަގޫވާނެތީއެވެ.  

މިސްކިތުގައި ތިބޭ ވަޤުތަކީ އަމިއްލަ ވާހަކަތައް ދައްކައިހަދާ ވަޤުތަކަށް ނުހަދާށެވެ. މީހަކާއިވިޔަސް އަދި ފޯނުންވިޔަސްމެއެވެ. ވާހަކަދައްކަންޖެހިއްޖެނަމަ މީސްތަކުންނަށް އުނދަގޫނުވާނެ ހިސާބަށް ދުރަށް ޖެހިލާށެވެ. އެއީ މިސްކިތުގެ ޙުރުމަތަށްޓަކައިވެސް ކުރަންޖެހޭނެ ކަމެކެވެ.  

އަދިވެސް ވަރަށް މުހިންމު އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ޖަމާއަތުގެ ވަޤުތުތަކުގައި ސަފުހަދަން ދަމާފައިވާ ރޮނގަށްވުރެ ތަންކޮޅެއް ފަހަތުގައި ފައިތިލަ ބަހައްޓައިގެން ނަމާދުކުރާ ބައަކު ތިބެއެވެ. އެމީހުން އެކުރަނީ ކުށެއް ނޫނެވެ. އެ ޢަމަލުކުރަނީ ސުންނަތަކަށެވެ. އެއީ ސުންނަތް ނަމާދުކުރާ މަޤާމުގައާއި ފަރުޟު ނަމާދުކުރާ މަޤާމުގައި ފައިތިލަ ބަހައްޓާތަން ތަފާތުކުރުމެވެ.  

އެގޮތަށް ފައިތިލަ ބަހައްޓައިގެން ހުރި މީހެއްގެ ފަހަތުގައި ތިބާ ހުންނަނަމަ ތިބާވެސް އޭނާ ފަދައިން ރޮނގަށްވުރެ ތިރިއަށް ތިބާގެ ފައިތިލަބަހައްޓާށެވެ. ފަރުޟް ނަމާދަށް ސަފުހަދަން އިމާމް ގޮވައިލުމުން ކުރިއަށް ޖެހިލައި ރޮނގޮށް ފައިތިލައިގެ ފުންނާބު ސީދާކުރާނީއެވެ. އެއިރުން ތިބާއަށްވެސް އެސުންނަތް އަދާކުރެވުނީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން