ފުރަތަމަވެސް ވިސްނާލަންވީ ނަމާދަށްދަނީ ކީއްކުރަންކަމާއިމެދުގައެވެ. ނަމާދަށް ދަނީ ކިޔަމަންތެރިކަމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތަށް ހުއްޓިހުންނާށެވެ. ވީއިރު އެވަޤުތަށްވުރެ ބޮޑަށް ތިމާ ޒީނަތްތެރިވާންޖެހޭނެ ވަޤުތެއް ނެތެއް ނޫންހެއްޔެވެ؟
ހަމައެކަނި އެސަބަބަށްޓަކައިވެސް ނަމާދަށް ދާނަމަ ޒީނަތްތެރިވެގެންދާށެވެ! އަތުގައި އޮތް އެންމެ ރީތި ހެދުން ލައިގެންދާށެވެ! ބިންމަތީގައިވާ ބިނާތަކުގެ ތެރެއިން އެންމެ މަތިވެރި ބިނާއަށެވެ. ތިއަބައިމީހުން ތިއަދަނީ ﷲ ތަޢާލާގެ ގެކޮޅަށެވެ. ކުރިންވެސް ބުނިފަދައިން އެތަނުގައި ހުއްޓި ހުންނަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ވީމާ އެވަޤުތަށްވުރެ މުހިންމު ވަޤުތެއް އޮވެގެން ނުވާނެއެވެ.
އެކަންކަން ބަޔާންކުރައްވަވައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މިފަދައިންނެވެ.
"އޭ އާދަމުގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ."
(އަލް އަޢްރާފް: 31)
މިއާޔަތުގައި ﷲ ތަޢާލާ ވަނީ ކަމަކަށް އަމުރުފުޅު ކުރައްވަވައިފައެވެ. (1) ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިވެގެން ތިބުން (2) ދެއްވެވި މިންވަރުން ތިމާއަށް ފުދޭ މިންވަރަށް ކައިބޮއިހެދުން (3) އިސްރާފް ނުކުރުން
މީގެ އިތުރުން ކައިބޮއިހެދުމުގައިވެސް އަދި އެހެން ކަންކަމުގައިވެސް އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެން ނުވާކަން އެވަނީ ބަޔާން ކުރައްވަވައިފައެވެ.
މީސްތަކުންނޭވެ! ގެއިން ކެއިނަމަވެސް އަދި ރެސްޓޯރަންޓަކުން އަދި މީހަކު ދޭ ޖާފަތަކުން ނުވަތަ ދަޢުވަތަކުން ކެއި ނަމަވެސް ބޭނުން ނުވާވަރަށް ނުކާށެވެ! ގޮހޮރުގެ ތިންބައިކުޅައެއްބައަށްވުރެ ގިނަވާވަރަށް ނުކާށެވެ! ކައިގެން ހުއްޓައި މީހަކު ދަޢުވަތެއް ދިންނަމަވެސް މިމިންވަރަށްވުރެ އިތުރުވާވަރަށް ނުކާށެވެ! އެކަމުން ތިމާގެ ޞިއްޙަތަށްވެސް ލިބޭނީ ގެއްލުންތަކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން