ޞަޙާބީން އަބަދުވެސް އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވަނީ ނަރަކައިން ސަލާމަތްކަން ހޯއްދެވުމަށާއި ސުވަރުގެ ވަދެވަޑައިގަތުމަށެވެ. އެހެންކަމުން ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަދެވަޑައިގެންނެވޭނެ ގޮތަކާއިމެދު މުޢާޛް ބިން ޖަބަލް (ރޢ) ރަސޫލް ﷺ އަށް ދެންނެވުމުން ޙަދީޘްފުޅު ކުރެއްވެވީ އިސްލާމް ދީނުގެ 5 ރުކުނުގެ ވާހަކައެވެ. އައަށްފަހު 3 ކަމެއް ބަޔާންކޮށް ދެއްވެވިއެވެ.
އެއީ ރޯދަ ހިފުމާއި ޞަދަޤާތް ދިނުމާއި ރޭ އަޅުކަން ކުރުމެވެ. އެހެނީ ރޯދަ ހިފުމަކީ ނަރަކަ އާއި ތިމާ އާއި ދެމަދަށް ލެވޭ އައްޑަނައެކެވެ. ޞަދަޤާތަކީ ފެން އަލިފާން ނިއްވާ ފަދައިން އެމީހާގެ ފާފަތައް ފުހެލައިދޭ އަމަލެކެވެ. ދަމުނަމާދަކީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދު އެންމެ ބޮޑަށް ގުޅުން އުފައްދައިދޭ އަޅުކަމެވެ.
މީސްތަކުންނޭވެ! މި 3 ކަންތަކަކީވެސް ގިނަ ބައަކު މިހާރު މުޅިން ހަނދުމަނެތިކޮށްލާފައިވާ 3 ކަންތަކެވެ. ރަމަޟާން މަސް އައުމުން ނޫނީ ރޯދައިގެ މަތިން ހަނދާންވެސް ނުހުރެއެވެ. ތަނަވަސްކަން އިތުރުވާ ވަރަކަށް ޞަދަޤާތް ކުރުން މަތިން މިދަނީ ހަނދާން ނެތެމުންނެވެ. ދަމުނަމާދުގެ ވަގުތަކީ އެންމެ ގަދަ ނިދީގައި މީސްތަކުން ތިބޭ ވަގުތަށް މިވަނީ ހަދައިފައެވެ.
ބަޔާން މިކުރި 3 ކަންތަކަކީ ހަމަ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަންކަމެވެ. ކިތަންމެ ފަޤީރު ނަމަވެސް ރޯދަ ހިފޭނެއެވެ. ފައިސާ ނެތް ނަމަ އަމަލުން ޞަދަޤާތް ދެވޭނެއެވެ. ދަމުނަމާދުކުރެވޭނެއެވެ. ވީއިރު ޣާފިލުވެގެން މިހެން ތިބެން ހެޔޮ ވެދާނެ ހެއްޔެވެ؟ ވީމާ ހަމައެކަނި ކުރަންޖެހޭ ކަމަކީ ސަމާލުކަން އިތުރުކުރުމެވެ. ސަމާލުކަން އިތުރުކޮށްފިނަމަ ސުވަރުގެ ދެއްވަވާނެތެވެ. އިން ޝާ ﷲ
އަހުރެމެން ކޮންމެ މުސްލިމަކުވެސް ސުވަރުގެ ބޭނުންކަމަށް ބުނަމުއެވެ. އެހެންކަމަށްވާނަމަ ދިރިއުޅުމަށް ބަދަލުތަކެއް މިވަނީ ގެންނަން ޖެހިފައެވެ. ވީމާ ހަޤީޤީ މަސައްކަތަކީ ނަރަކައިން ސަލާމަތްވެ ސުވަރުގެ ހޯދުން ކަމަށް ޢަޒުމް ކަނޑައަޅާށެވެ! ތިމާކުރާ ޢަމަލުތައް ކުރުމުގައި ސުވަރުގެ ލިބިގަންނަން އިސްކަންދޭށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން