އެކަނި 3 ދަރިން ބަލައި ބޮޑުކުރި ބައްޕައަކަށް ކުރަންޖެހުނު ތަޖުރިބާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
އެކަނި 3 ދަރިން ބަލައި ބޮޑުކުރި ބައްޕައަކަށް ކުރަންޖެހުނު ތަޖުރިބާ-

އޭނާގެ ތިބެނީ 3 ދަރިންނެވެ. 2 ފިރިހެންދަރިންނާއި އަންހެން ދަރިއެކެވެ. ދަރިން ކުޑައިރު އަނބިމީހާ ނިޔާވީމާ މަންމަގެ ބައިވެސް އަދާކުރީ ބައްޕައެވެ. 3 ދަރިންނަށްވެސް އޭނާގެ ފެންވަރުން ކިޔަވައިދީ ރަނގަޅު ވަޒީފާއެއް ހޯދަން މަގުފަހިކޮށްދިނެވެ. ގެއަކީ ކުޑަގެއަކަށްވުމުން ކައިވެނިކޮށްގެން 3 ކުދިންވެސް ގެއިން ނުކުމެގެންދިއައީއެވެ. 

އެހިސާބުން ބައްޕައަށް އުޅެންޖެހުނީ އެކަންޏެވެ. އެކަމަކަށް ޝަކުވާއެއް ނުކުރެއެވެ. ދަރިން ޒިޔާރަތްކުރަނީވެސް ވަރަށް މަދުންނެވެ. އެކަމަކަށްވެސް ޝަކުވާއެއް ނުކުރެއެވެ. ނުއަންނާތީ ޝަކުވާއެއްވެސް ނުކުރެއެވެ. ކަންކަމުވެސް ނުކިޔައެވެ. 

އެހެން އުޅެމުން އައިސް 70 އަހަރުވީތަނާ ބަލިވެ ނުތެދުވެވޭވަރުވުމުން 3 ދަރިން ގެނެސް ޙާލުކިޔައިދިނެވެ. 2 ފިރިހެންދަރިންގެ އަނބިން ނުރުހިދާނެތީ ބަލަން ޙަވާލުނުވާންވެގެން ދެއްކީ ބަހަނާއެވެ. އަނަހެންދަރިފުޅު ބުނީ އެންމެ ދަތިޙާލުގައި އުޅެނީ އޭނާ ނަމަވެސް ބައްޕަ ބަލަން ބޭނުން ކަމަށެވެ. ނަމަވެސް 2 ދަރިން ގެނެސްގެން ގޭގައި އުޅޭނެތަން ނެތުމުން ބޭނުމީ ގެންދަން ކަމަށެވެ. 

ބައްޕަ ބުނީ ދަރިފުޅުގެ ފިރިމީހާ ރުހޭނަމަ މިހުރީ އެކުގައި ދާންކަމަށެވެ. ފިރިމީހާ ބުނީ އަނބިމީހާގެ ބައްޕައަކީވެސް ހަމަ ބައްޕަ ކަމަށާއި އޭނާވެސް ހުރީ އަނބިމީހާ ހުރިފަދައިން ބައްޕަ ބަލައިދޭންކަމަށެވެ. އެމީހުންނާއިއެކު ދިއުމަށެވެ. 

އެހެން ބުނުމުން ބައްޕަ އެމީހުންނާއިއެކު ދިއައީއެވެ. ބައްޕަ އެގޭގައި ގެންގުޅެ ފަރުވާކޮށްދީ ގަދަވުމުންވެސް ދަނބިދަރިފުޅު ބުނީ އެކަނި އުޅެން ގެއަށް ދިއުން ރަނގަޅުނޫންކަމަށެވެ. ޢުމުރަށްވެސް ބައްޕަ ބަލުމަކީ ބުރަކަމެއް ނޫން ކަމަށެވެ. 

އެދުވަސްވަރު ބައްޕަ އާއި ބައްދަލުކުރަން ގެއަށް ދިއަ ބައްޕަގެ އެކުވެރިއެއްގެ ގާތުގައި ބައްޕަ ބުންޏެވެ. "މީހުން އެބުނަނީ ތެދެކެވެ. ފިރިހެން ދަރިން ދަރިންގެ ގޮތުގައި ތިބެނީ ކައިވެނިކުރެވެންދެންނެވެ. ޢުމުރަށް ދަރިންގެ ގޮތުގައި ތިބެނީ އަންހެންދަރިންނެވެ. އަހުރެންނަށް ކުރަން މިޖެހުނު ތަޖުރިބާގެ މައްޗަށް ބަލައި ގެއާއި ގޯތިވެސް އަންހެން ދަރިފުޅަށް ދީފީމެވެ. އަހުރެންނަކީ ބައްޕަކަމަށްވީއިރު އަހުރެންނަށް އެޙާލުގައި ޖެހުމުން ބެލޭނީވެސް ފިރިހެން ދަރިންނަށް ކަމަށްވެފައި އަދި ތަނަވަހުގައި އުޅެނީވެސް ދެފިރިހެން ދަރިންކަމަށްވުމުންވެސް އަހުރެން ނުބެލީ އަހުރެންގެ މައްޗަށް އެއްވެސް ލޯތްބެއް ނެތީމައިކަމަށްވާތީއެވެ." 

ނުރަނގަޅު ފިރިއަކު ލިބިއްޖެނަމަ ކަންކަން ދިމާވާ ގޮތް ތަފާތުވެސް ވެދާނެއެވެ. އެފަދަ ޙާލަތުގައިވެސް ގިނަ އަންހެން ދަރިން ތިބޭނީ މައިންބަފައިން ބަލަން ބޭނުންވެގެންނެވެ. އެކަން ހޮސްޕިޓަލްތަކުން ކޮންމެ ދުވަހަކު އެފެންނަނީއެވެ. މައިންބަފައިން ގޮވައިގެން ގޮސްއުޅޭ ދަރިންގެ ނިޞްބަތަށް ބެލުމުން އެކަން ފެންނާނެއެވެ. 

މިއީ އެއްވެސް ޙާލެއްގައި މައިންބަފައިންނަށް އެހީތެރިވާ ފިރިހެންދަރިންގެ އަގު ވަޒަންނުކުރުމެއް ނޫނެވެ. ގިނައިން މައިންބަފައިންނަށް އެހީތެރިވެދެނީ އަންހެންދަރިން ކަމަށް ބުނުމެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް 

 

 

މިއަދު އޮންލައިން