މިލިއަނަރު ފިރިމީހާ ވަޤުތު ނުދޭތީ އަނބުރާ ގެއަށް ފޮނުވާލަދޭން އެދުނު ފަޤީރު އަންހެނެއްގެ ވާހަކަ- އެކުގަ ވަޤުތު ހޭދަނުކުރެވޭ މީހުންނަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
މިލިއަނަރު ފިރިމީހާ ވަޤުތު ނުދޭތީ އަނބުރާ ގެއަށް ފޮނުވާލަދޭން އެދުނު ފަޤީރު އަންހެނެއްގެ ވާހަކަ- އެކުގަ ވަޤުތު ހޭދަނުކުރެވޭ މީހުންނަށް އަގުހުރި ފިލާވަޅެއް!

"ތިބާއަށް ބޭނުންވާނެ ހުރިހާ ކަމެއް ކޮށްދީފީމޭ" ބުނާއަޑު އިވެއެވެ. ސުވާލަކީ ބައިވެރިޔާއަށް ކޮށްދިން ކަމަށް އެބުނި ހުރިހާ ކަމެއްގެ ލިސްޓުގައި ބައިވެރިޔާއަށް ވަޤުތުދެވުނުކަން އެބައޮތް ހެއްޔެވެ؟ ގާތީ ނެތުމެވެ.

މިލިއަނަކަށް އޭނާގެ ފަޤީރު އަނބިމީހާ ފޮނުވި މެސެޖެއްގައިވެއެވެ. "އަހުރެން ކައިވެނިކުރީ ގަނޑުވަރަކާއެއް ނޫނެވެ. މިހިރަ އަގުބޮޑު ކާރުތަކަކާއެއްވެސް ނޫނެވެ. އެހެންވެ އެއްޗެތި އަހުރެންދެކެ ވަރަށް ރުޅި އައުދެއެވެ. އަހުރެންނާއި ވާހަކައެއްވެސް ނުދައްކައެވެ.  

ގަނޑުވަރު އަހުރެންނާއި ވާހަކަނުދައްކާތީ ބަގީޗާގައި ހުންނަ ރީތި މައުތަކުން ހިތްހަމަޖެހުމެއް ނުލިބެއެވެ. ހިތް އެދެނީ ގަނޑުވަރަށާއި ކާރުތަކަށާއި މައުތަކަކަށް ނޫނެވެ. ހިތް އެދޭމީހާ އަހުރެންނަށް ބޭނުމެއް ނުވެއެވެ. ދެން މިގަނޑުވަރުގައި އިނުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ކިރިޔާވެސް އަހުރެންނާއި ވާހަކަދައްކަނީ ގޭގެ ނޯކަރުންނެވެ. އަބަދު އެމީހުންނާއި ޥާހަކަ ދައްކަން ޖެހޭތީ ވަރަށް ބޮޑަށް ފޫހިވެއްޖެއެވެ. މިވާހަކަ އެކި ޢިބާރާތުން ތިބާ ގާތުގައި ބުނެބުނެވެސް ފޫހިވެއްޖެއެވެ. ވީމާ މިހާރު އަހުރެން އެދެނީ ބޭވަފާތެރިވިކަމުގެ ބަދުނާމު އުފުލަން ނުޖެހި މިގެއިން ދިއުމެވެ. އަހުރެންނަށް އަހުރެންގެ ފަޤީރު މައިންބަފައިންގެ ގާތަށް ދެވޭނެ ގޮތެއް ހަދައިދޭށެވެ!"  

ބައެއް ފިރިން އަބަދުވެސް "ބިޒީ"ވެއެވެ. އަނބިމީހާގެ މަތިން ހަނދާންވެސް ނުވާވަރަށެވެ. ދުވާލުވެސް ބިޒީއެވެ. ރޭގަނޑުވެސް ބިޒީއެވެ. ބިޒީކަމުން ތިމާއަށް އިންތިޒާރުކުރަން އަންތބަކު ގޭގައި އިންނަ ހަނދާނެއްވެސް ނުހުރެއެވެ. 

ބުނަން ހެއްޔެވެ؟ ކިތަންމެ މުއްސަނދި ނަމަވެސް އަދި މުއްސަނދި ނޫންނަމަވެސް އެހައިބޮޑަށް ބިޒީވީމާ އަނބިމީހާގެ ކެތްތެރިކަން ކޮޅުންލާނެއެވެ. އެހެންގޮތެއް ހޯދަން ބޭނުންވާނެއެވެ. އެއީ ކުރަން ކިތަންމެ ގޯސްކަމެއް ނަމަވެސް އެޙާލަތުގައި ކޮންމެވެސް މީހަކާއި ގުޅުން އުފައްދާނެއެވެ. އެމީހާގެ ކިބައިން ފެންނަ ކަންކަމަށް ބަލައި އެމީހަކާއި ގުޅެންވެސް ނިންމައިފާނެއެވެ.  

އެގޮތަށް ކަންކަން ދިމާވުމުން އަނބިމީހާ ބޭވަފާތެރިވީކަމަށް ބެލޭތަން އައުދެއެވެ. އެކަމަކު އެއީ ބޭވަފާތެރިވުންކަމަށް ނިންމައިގެން ނުވާނެއެވެ. ކައިވެނިކުރަނީ ކަންތައްތަކަކަށް ބޭނުންވަތީއެވެ. ބޭނުންވާނީ ހަމައެކަނި ފައިސާ އާއި ތަނަވަސްކަމެއް ނޫނެވެ. ގިނަ އަންހެނުން ބޭނުންވާނީ ފިރިމީހާ އާއިއެކު ދިރިއުޅުމަށެވެ. ފިރިމީހާގެ ބިޒީކަން އެހައި ބޮޑުވެއްޖެނަމަ ދިރިއުޅުމެއް ނުލިބޭނެއެވެ.  

ކިތަންމެ ގިނަ ޢަދަދަކަށް ފައިސާ ލިބުނަސް ހިތެއް ނުފުރޭނެއެވެ. 24 ގަޑިއިރު މަސައްކަތްކުރިނަމަވެސް ކުރަން ހުންނަ ހުރިހާ މަސައްކަތްތަކެއް ނުނިންމޭނެއެވެ. ވީމާ މަސައްކަތަށް އިސްކަންދޭ ފަދައިން އަނބިމީހާއަށްވެސް ސަމާލުކަންދޭށެވެ. ޢާއިލީ ދިރިއުޅުން ފޭލްވުމަކީ އެމީހަކު ފޭލްވުން ކަމުގައި ދެކޭށެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން