ޙަޔާތުގެ ބައިވެރިންގެ ނުރަނގަޅު ވާހަކަތައް ދެކެވޭ މަޖިލިސްތަކަށް ނޫނެކޭ ބުނަން މަޖުބޫރުވާ ސަބަބުތައް! ކައިވެނި ސަލާމަތްކުރެވެން އޮތީ ނޫނެކޭ ބުނެގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ޙަޔާތުގެ ބައިވެރިންގެ ނުރަނގަޅު ވާހަކަތައް ދެކެވޭ މަޖިލިސްތަކަށް ނޫނެކޭ ބުނަން މަޖުބޫރުވާ ސަބަބުތައް! ކައިވެނި ސަލާމަތްކުރެވެން އޮތީ ނޫނެކޭ ބުނެގެން!

މިހާރަކަށް އައިސް ވަރިގިނަވާ އެންމެ ބޮޑު ސަބަބަކީ ވަށައިގެންވާ މާޙައުލެވެ. ދެކެވޭ ވާހަކަތަކާއި އަނެކުންގެ ކިބައިން ވާރުތަވަމުންއަންނަ ނުރަނގަޅު ގޮތްތަކެވެ. މިޘާލަކަށް ތަނެއްގައި ތިބެ ވާހަކަދައްކާނަމަވެސް ގިނައިން ދެކެވެނީ ބައިވެރިޔާގެ ހުންނަ އުނިސިފަތަކުގެ ވާހަކަތަކެވެ. ބައިވެރިޔާއަށް ކުރެވޭ ކުށްތަކުގެ ވާހަކައެވެ. 

މިފަދަ އަޑުތައް ތަކުރާރުކޮށް އަޑުއިވެންފެށުމުންވާގޮތަކީ ތިމާއަށް ލިބިފައިވާ ރަނގަޅު ބައިވެރިޔާއާއިމެދުވެސް ނުބައި ގޮތްގޮތަށް ވިސްނެން ފަށަނީއެވެ. ތިމާގެ ބައިވެރިޔާވެސް ކަންކަން ކުރާނީ އަނެކާގެ ބައިވެރިޔާފަދައިން ކަމަށް ޤަބޫލުކުރެވެން ފަށަނީއެވެ. 

އަހުރެންނަކީ އެފަދަ މަޖިލިސްތަކުގައި ބައިވެރިވާ މީހަކަށް ނުވާތީ އެތަންތަނުގައި ދެކެވޭ ވާހަކަތަކުގެ އަޑެއް ނުއިވެއެވެ. މަޢުލޫމާތު ލިބެނީ އެހެން މީހުންގެ ކިބައިންނެވެ. އެމީހުން ބުނާ ގޮތުން އެފަދަ މަޖިލިސްތަކުގައި ސައްލާކުރާއިރު ބައިވެރިޔާއަށް ތަޢްރީފްކުރެވެނީ ވަރަށް މަދުންނެވެ. އަދި ތިމާއަށް ކުރެވޭ ކުށްތަކުގެ ވާހަކަ ދެކެވީ އަދި މާމަދުންނެވެ. އެއީ އެކަންކަން މެދުވެރިވާނެވެސް ގޮތެވެ. ކުރިން މިފާހަގަކުރިފަދައިން މިމަގުން ދެކެވޭ ވާހަކަތަކުގެ އަޑުއެހުންވެގެންދަނީ ބައިވެރިޔާއާއިމެދު ކުށްހީތައްކުރެވި ކައިވެނި ރޫޅެން މެދުވެރިވާ ސަބަބަކަށެވެ.

އެއިގެ ކުޑަކުޑަ މިޘާލެއްވެސް ބުނެލާނަމެވެ. އަބަދުވެސް ދެކެވޭނީ ބައިވެރިޔާގެ ކިބައިން މިވެނި، އެވެނި ކަންކަން މެދުވެރިވާނަމަ އެކުގައި އުޅުމުގެ ބޭނުމެއް ނެތްވާހަކައެވެ. ވަރިވެ ނުވަތަ ވަރިކޮށް ދެވަނަ ކައިވެނި ކުރުމުގެ މައްސަލައެއް ނެތްކަމުގެ ވާހަކައެވެ. ހަމައެއާއިއެކު ގިނަ ޢަދަދެއްގެ ހިލޭ ފިރިހެނުން ނުވަތަ އަންހެނުންނާއިއެކު ވަޤުތު ހޭދަކުރުން މިވަނީ އެއްވެސް މައްސަލައަކަށް ނުވެފައެވެ. 

މިކަންކަން ހުރި މިންވަރަށް ބަލައިފިނަމަ ކައިވެނި ދަމަހައްޓާނެ ގޮތުގެ އިރުޝާދު ދެވެނީ ވަރަށް މަދުންނެވެ. މިވެނި، އެވަނި ކަމެއް މެދުވެރިވުމުން ޙައްލުކުރަން ކުރަންޖެހޭނެ ކަންކަން ކިޔައިދެވެނީ ވަރަށް މަދުންނެވެ. ކައިވެނި ރޫޅައިލުމަކީ އެންމެފަހުން ކުރަންޖެހޭނެ ކަންތައް ކަމަށްބުނެ ކައިވެނި ރޫޅައިލުމުން ލިބޭނެ ގެއްލުންތައް ބުނެދީ ރޫޅައިނުލަން ހިތްވަރުދެވެނީ ވަރަށް މަދުންނެވެ. 

ތަންކޮޅެއް ކުރިއަށް ބަލާލައިފިނަމަ ފެންނަ ކަންކަން ވަރަށް ތަފާތުވާނެއެވެ. ކައިވެނި ރޫޅާލަން ޖެހުން ނުވަތަ ވަރީގެ ވާހަކަ ދެއްކުންވެސް އޮންނަނީ ލަދުވެތިކަމެއްގެ ގޮތުގައެވެ. އެހެންވެ އެކަމުގެ ވާހަކަ ދައްކާނީ ދެން އެހެން ގޮތެއް ނެތުމުންނެވެ. 

އަހުރެން ތަކުރާރުކޮށްލާފައިވެސް ބުނަން ބޭނުންވަނީ އެކުވެރިންނާއިއެކު ގިނަ ވަޤުތު ހޭދަކުރުމަކީ އެކަމުގެ ނުރަނގަޅު އަސަރު ޒަވާޖީ ޙަޔާތައް ކުރާނެ ކަމެއް ކަމަށެވެ. އެއީ ބޭކާރު ވާހަކަދައްކަން ގިނަ ވަޤުތު ހޭދަކުރާނަމަ މިޒަމާނުގައި ދެއްކޭނީ ރަނގަޅު ވާހަކަތައް ނޫންވީމައެވެ. ބައެއް ޢިލްމުވެރިން ސިފަކުރައްވާ ގޮތުގައި އެއީ ޒަވާޖީ ޙަޔާތެއް އެޅޭ ބޮމެއް ފަދަ ކަމެކެވެ. 

ވީމާ ވީހާގިނަ ވަޤުތު ދެމަފިރިން އެކުގައި ހޭދަކުރުމަކީ މައްސަލަތައް މަދުވެ އެކުގައި ދިރިއުޅެން ފަސޭހަވުމުގެ އެންމެ ބޮޑު އެއްބާރެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން   

މިއަދު އޮންލައިން