މައިންނަށް ރުޅި އާދެވޭ، އަތްއިސްކުރެވޭ ދަރިން މިޒުވާނާގެ ވާހަކަތަކަށް ވިސްނާލައިފިނަމަ ދުވަހަކުވެސް އެފަދަ ކަންކަމަށް ބިރުވެތިވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
މައިންނަށް ރުޅި އާދެވޭ، އަތްއިސްކުރެވޭ ދަރިން މިޒުވާނާގެ ވާހަކަތަކަށް ވިސްނާލައިފިނަމަ ދުވަހަކުވެސް އެފަދަ ކަންކަމަށް ބިރުވެތިވެވޭނެ! އިން ޝާ ﷲ

އެއްދުވަހަކު އެކުވެރިއެއްގެ ގެއަށް ދެވުނުއިރު އޭނާ އުޅެނީ ކޮންމެވެސް ކަމަކާއިހުރެ އޭނާގެ މަންމަ ދެކެ ރުޅިއައިސްގެންނެވެ. މަންމަގެ ގައިގައި ޖަހަން އަތްއުފުލަނީއެވެ. ދުވެފައިގޮސް އަތުގައި ހިގަހައޓާފައި ބުނީމެވެ. "ނަމަނަމަ މަންމަގެ ގައިގައި ނުޖަހާށެވެ!" 

އެހެން ބުނުމުން އަހުރެންދެކެވެސް އައީ ރުޅިއެވެ. ކިޔަން ހިތަށްއެރިހައި އެއްޗެއް ކިޔައި ނިންމުމުން ބުނީމެވެ. "އަހުރެންނާއި ދިމާއަށް ތިއަކިޔާ އެއްވެސް އެއްޗެކަށް އެއްވެސް މައްސަލައެއް ނެތެވެ. އަހުރެންގެ ހިތަކުވެސް އެއްވެސް އެއްޗެއް ނެތެވެ. އެކަމަކު ރަނގަޅަށް ވިސްނާށެވެ! 

ތިބާއަށް ބަލިވެ އިނީންސުރެ ތިބާ މިހާރު ތިއަހުރި ހިސާބަށް މަންމަ އުފުލި ބުރައިގެ އަގު ތިބާއަށް އަދާކުރެވިދާނެހެއްޔެވެ؟ މައިންބަފައިންނަށް އަޅާލައި އޯގާތެރިވުމަށް ޤުރްއާނުގައި އަންގަވާފައި އޮތް މިންވަރަށް ވިސްނުމުން އަހުރެމެންނަކީ ﷲ ތަޢާލާ ނޫން ފަރާތަކަށް އަޅުކަންކުރުން ހުއްދަވާނެ ބައަކުނަމަ އެފަރާތަކީ މައިންބަފައިންކަން އެނގޭވަރަށް އެއޮތީ ފެންނާށެވެ! މާނައަކީ މައިންބަފައިންގެ ދަރަޖަ އަކީ ﷲ ތަޢާލާ ފިޔަވައި އެންމެ މަތިވެރި ދަރަޖައެވެ. އެމީޙުންނަށް "ޢުފް"ވެސް ނުބުނަން އެއޮތީ އަންގަވައިފައެވެ. ވީއިރު މައިމީހާގެ ގައިގައި ޖަހަން އުފުލަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ 

ހަމައެކަނި އެންމެ ކަމަކަށް ވިސްނައިލާށެވެ! އުފަންވީންސުރެ އަހުރެމެންނަށް މިހައިތަނަށް ކިތައް ކުށްކުރެވިފައިވާނެ ހެއްޔެވެ؟ ކިތައް މިލިއަންކަން އެނގޭނެ ގޮތެއް އެބައޮތް ހެއްޔެވެ؟ އެހުރިހާ ކުށްތަކަށް މަންމަ މާފުކުރެއެވެ. އެހުރިހާ ކުށްތައް ކުރީމާވެސް މާފުކޮށް އަހުރެމެންނަށްޓަކައި ހެޔޮދުޢާކުރެއެވެ. އަހުރެމެންނަށް ރަނގަޅު ގޮތްތައް މެދުވެރިވުމަށް އެދިގެންނެވެ. 

އަހުރެން ތިބާގެ އަތުން ދޫކޮށްލާނީ ތިހެން ހުރެ އުޑަށް ބަލައިލީމައެވެ. އުޑަށް ބަލައިގެން އިރުކޮޅަކު މަޑުކޮށްލީމައެވެ. އެއިރުން އަހުރެން މިދެއްކި ވާހަކަ ތިބާއަށް ވިސްނޭނެއެވެ. އިން ޝާ ﷲ" 

އޭނާ މަޑުމަޑުމަޑުން އުޑަށް ބަލައިލިއެވެ. ބަލަން އިރުކޮޅަކު މަޑުކޮށްލުމުން އަހުރެން އޭނާގެ އަތުން ދޫކޮށްލީމެވެ. ދޫކޮށްލާފައި ބުނީމެވެ. "އަޚާއެވެ! މަންމަގެ ކިބައިން މާފަށް އެދޭށެވެ! ދެން ތިބާވަތުގެ ކަމެއް ތަކުރާރުނުކުރާށެވެ! ތިބާގެ އަތް ވަޤުތުން ވާނުކުރެއްވެވިޔަސް އެފަދަ ނިކަމެތިކަމެއް ތިބާއަށް ކުރިމަތިނުވާނެކަމަށް ހީނުކުރާށެވެ!"

މިއީ އަޅުގަނޑުގެ ޒުވާން ޢުމުރުގައި ހިނގި ކަމެކެވެ. އެއިގެ ފަހުން އެކުވެރިޔާ ދުވަހަކުވެސް މަންމަގެ ހިތުގައި ޖެހޭނެ ކަމެއް ނުކުރެއެވެ. މިހަނދާން ހުރީތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ނަބީޙަތެއްގެ ގޮތުން ޙިއްޞާކޮށްލީއެވެ.

 

- ވަލީދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން